މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެއާ ދިމާލަށް ވައި ހުރި ގޮތުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަލިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އިއްޔެއިން ފެށިގެން ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ކުރަމުންދާ ކަމަށެވެ. މިއަދު މުޅި ރާއްޖެއަށް ވިއްސާރަ ކުރި ނަމަވެސް ކަނޑުގަދަ ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޮފިޝަލު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި، ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ފުވައްމުލަކަށް ކަމަށެވެ. އެގޮތުން އެ ސަރަހައްދަށް ރެޔާއި ހަމަޔަށް ރީނދޫ ސަމާލު ނެރެފައިވާއިރު އެ ރަށަށް 102 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށްވެސް ވިދާޅުވިއެވެ.
މިވަގުތު އެއްވެސް ސަރަހައްދަކަށް އެލާޓެއް ނެރެފައި ނުވާ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ދެ ދުވަހު މުޅި ރާއްޖެއަށްވެސް ވިއްސާރަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މާދަމާ ދެކުނަށް ކުޑަކޮށް މޫސުން ރަނގަޅުވާނެ. އެކަމަކު އުތުރާއި މެދުރާއްޖެތެރެއަށް ވާރޭ ވެހޭނެ ކަމަށް ލަފާ މިކުރެވެނީ. އެހާ ވައިގަދައެއް ނުވާނެ. އެހެންވީމާ ކަނޑުތައްވެސް ގަދައެއް ނުވާނެ." އޭނާ ވިދާޅުިވިއެވެ.
އޮފިޝަލު އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ވާރޭ ވެހި، ބައެއް ސަރަހައްދުތަކަށް ވިދައި ގުގުރާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ފަސް މޭލާއި 15 މޭލާ ދެމެދަށް ވައިޖެހޭ އިރު އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ 8-18 މޭލާ ދެމެދު ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު