ދިރާގުން ލ. އަތޮޅުގެ އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ދިރާގުން މިއަދު ބުނީ އިއްޔެ ފެށި ލ. އެޑިޝަން ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދޭން ދިރާގުން ސިލްސިލާކޮށް ކުރިއަށް ގެންދާ "ގާލްސް ޓު ކޯޑު" ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. "ގާލްސް ޓު ކޯޑު" ޕްރޮގްރާމަކީ 14 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ ޕްރޮގްރާމެއް ކަމަށް ދިރާގުން ބުންޏެވެ.
އަންހެން ކުދިންނަށް އެފަދަ ޕްރޮގްރާމެއް ހާއްސަކޮށްގެން ބާއްވަނީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިން އިތުރުކޮށް އެ ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވުމަށް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރު ހަމީދު ވިދާޅުވީ، ކޮންމެ ދާއިރާއަކުން ވަޒީފާ އިހުތިޔާރު ކުރިނަމަވެސް ކޯޑިންއަކީ މުހިންމު އެއްޗަކަށްވާނެ ކަމަށެވެ. އަދި ކޯޑިން ދަސްކުރުމުގެ ސަބަބުން އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުވެ، އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
ވުމެން އިން ޓެކްގެ ރައީސާ މަރިޔަމް އަސްނާ ސައީދު ވިދާޅުވީ، ކޯޑިންގެ ސަބަބުން ވަރަށް ގިނަ ހުނަރުތައް ދަސްވެގެންދާނެ ކަމަށެވެ. ވެބްސައިޓް ހަދަން ދަސްކުރާއިރު، ކިޔަވައިދޭ ކޯޑިންގެ ލޭންގުއޭޖް އިތުރުން ވިސްނުން ބަހައްޓަންވީ ގޮތްވެސް ދަސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެމަސް ދުވަހަށް ކުރިއަށްގެންދާ އެ ޕްރޮގްރާމް ނިމޭއިރު ޕްރޮގްރާމްގެ ބައިވެރިންނަށް އަމިއްލައަށް ވެބްސައިޓް ހަދަން ދަސްވާނެ ކަމަށް ދިރާގުން ބުންޏެވެ.
ލ. އަތޮޅުގައި މިހާރު ފަށާފައިވަނީ "ގާލްސް ޓު ކޯޑު"ގެ ހަތަރުވަނަ އެޑިޝަނެވެ.
އެ ޕްރޮގްރާމްގެ ފުރަތަމަ އެޑިޝަން ބާއްވާފައިވަނީ 2019 ވަނަ އަހަރު ފުވައްމުލަކު ސިޓީގައެވެ. ދެ ވަނަ އެޑިޝަން 2021 ވަނަ އަހަރު ގދ. ތިނަދޫގައި ބޭއްވި އިރު، ތިން ވަނަ އެޑިޝަން ބާއްވާފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ.