ގޯތި ދިނުމާއި، ޓޫރިޒަމްގެ މަސައްކަތް ތަކަށް ކ.ކާށިދޫގެ ބިން އިތުރަށް ހިއްކައި އެރަށުގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ކާށިދުއަށް ޒިޔާރަތް ކުރައްވައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ކާށިދޫ ބިން އިތުރަށް ބޮޑުކުރަން ނިންމެވީ، އެ ރަށުގައި މިހާރު އޮތް ހުސްބިން ދަނޑުވެރިކަމަށް ހާއްސަ ކުރުމަށް ޓަކައި ކަމަށެވެ.

"ބައެއް ބޭފުޅުން ހިތަށް އަރާވަޑައިގެންފާނެ މި އޮތްބޮޑު ކާށިދޫގައި ބިން އިތުރުކުރަން އަޅުގަނޑުމެން މި ވިސްނަނީ ކީއްވެގެންބާވައޭ، އަޅުގަނޑުމެންގެ ވިސްނުމަކީ ކާށިދޫގައި މިހާރު އޮތް ބިން ދަނޑުވެރިކަމަށް ހާއްސަކޮށްފައި ބޭއްވުން، މި ރަށަކީ ރާއްޖޭގައި ދަނޑުވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއްރަށް، އެހެންވީމާ މިރަށުގެ އެ ބިން ދަނޑުވެރިކަމަށް ހުސްކޮށްފައި ބޭއްވުމަށްފަހުގައި އިތުރަށް ބިން އިތުރުކޮށް ގެދޮރު ބޭނުންވާ މީހުންނަށް ގެދޮރު ދިނުމާއި، ޓޫރިޒަމްގެ މަސައްކަތް ކުރާ މީހުންނަށް އެ މަސައްކަތް ކޮށްދިނުމަށް މަގުފަހި ކޮށްދިނުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކާށިދޫގައި މިމާރުވެސް ސަރުކާރުގެ ޕްރޮޖެކްޓްތަކެއް ކުރިއަށްދާ ކަމަށާއި، ބައެއް ޕްރޮޖެކްޓްތައް ނިމިފައިވާ ކަމަށްވެސްވެސް ވިދާޅުވިއެވެ. އެރަށުގައި އިތުރަށް ކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ޓޫރިޒަމް ތަރައްގީ ކުރުމަށް ކާށިދޫ ފަޅު ތެރޭގައި ވަކިން ރަށެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކާށިދޫގައި ޓޫރިޒަމްގެ މަސައްކަތްތަކެއް ފެށުމަށް މީގެ ކުރިންވެސް ކަންތައްތަކެއް ބަޔަކު ފަށާފައި އެބަހުރި ކަމަށެވެ. ނަމަވެސް ރަނގަޅު ޕްލޭނަކާއި، ވިސްނުމެއް ނެތި އެ މަސައްކަތްތައް ފަށާފައި ހުރުމުން އެކަން ވެފައި އޮތްގޮތް ކާށިދު ރައްޔިތުންނަށް އެނގޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކާށިދޫގައި ހިންގާ ފެނާއި ނަރުދަމާގެ މަސައްކަތް، ރޯދަމަސް އައުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ. އެކި ރަށްރަށުގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ދާގޮތް ވަރަށް ރަނގަޅަށް ބައްލަވަމުން ގެންދަވާ ކަމަށާއި، އެ މިނިސްޓްރީއަކާ ގުޅޭ ކަންކަމުގައި ހުންނަ ދަތިތައް އެމިނިސްޓްރީއަކަށް ފިއްލުވައި ދެއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.