ކުދި ރަށްރަށަށް އަސާސީ ހިދުމަތްތައް ދޭން ސަރުކާރުން ކުރާ މަސައްކަތަކީ އެމްޑީޕީގެ "ޖަޒީރާ ރާއްޖެ" ސިޔާސަތާ އެއްގޮތަށް ކުރާ މަސައްކަތެއް ކަމަށާއި އެކަމާ ދެކޮޅަށް ވާހަކަ ދައްކަނީ އެހެން މަގުސަދެއްގައި ކަމަށް ވެދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުދިރަށެއް، ބޮޑުރަށެއް ތަފާތުނުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގާތީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، ތަރައްގީގެ މަޝްރޫއުތައް ހިންގަންވާނީ އެކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ރަށްރަށުގައި ކަމަށެވެ.

މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ކ. ގުރައިދުއަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ކުދި ރަށްރަށުގައި ދިރިއުޅޭ އާބާދީތަކަށް ސަރުކާރުން ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް އެއީ ބޭކާރު ހަރަދެއް ކަމަށް ބައެއް ބޭފުޅުންނަށް އެބަ ގަބޫލުކުރެވޭ ކަމަށެވެ.

"ބައެއް ބޭފުޅުންގެ ވިސްނުން ބަދަލުވެގެން މިދިޔައީ ކީއްވެގެންތޯ؟ އަބަދުވެސް އެމްޑީޕީ ވަކާލާތުކުރަމުން އައީ ޖަޒީރާ ރާއްޖެއެއް ތަަރައްގީ ކުރުމަށް. މިއަދު މުޅިން އެއާ އިދިކޮޅަށް ވާހަކަދައްކަމުން ގެންދާކަމީ ހަމަ ގައިމުވެސް އެއީ އެމްޑީޕީގެ ސިޔާސަތު ކުރިއެރުވުމެއް ނޫން. އެއީ ވަކި އެހެން މަގުސަދެއް އޭގެ ފަހަތުގައި އޮވެގެން ކުރާ ކަމަކަށް ވެދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރަށްރަށަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ފުރިހަމަ ނުކޮށް ރަށުގެ އިގުތިސޯދު ކުރި ނޭރުވޭނެ ކަމަށެވެ.