މަތީ ތައުލީމު ހާސިލުކުރުމަށް ދަރިވަރުންނަށް ދޫކޮށްފައިވާ ލޯންތަކުގެ ތެރެއިން 186 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނުކުރާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ހަޔާ އެޑިއުކޭޝަން މިނިސްޓްްރީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ, އެކިއެކި ލޯން ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން އެ އަހަރުގެ ނިޔަލަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.
އަދި ލޯނު އެއްބަސްވުންތަކުގައި ލޯނު ނަގާ ފަރާތަކަށް ފައިސާ އަނބުރާ ދައްކަންވީ ގޮތުގެ ރީޕޭމަންޓް ޝެޑިއުލްއެއް ދިން ނަމަވެސް އެ ޝެޑިއުލާ އެއްގޮތަށް ފައިސާ ހޯދުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން, 2021ވަނަ އަހަރުގެ ނިޔަލަށް އެކިއެކި ސްކީމްތައް މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުތަކުން އަނބުރާ ނުލިބި ޖުމުލަ 186.47 މިލިއަން ރުފިޔާ އެބަހުއްޓެވެ.
އަދި މިނިސްޓްރީން މެނޭޖްކުރާ ލޯނުތަކުގެ ރެކޯޑުތައް ބެލެހެއްޓުމަށް އިންޓާނަލް ކޮންޓްރޯލްތައް ގާއިމުކޮށްފައި ނެތުމުންނާއި އެކަށީގެންވާ ގޮތަށް ހިސާބުތައް ބަލަހައްޓާފައި ނެތުމުން އެ ސްކީމުގެ އޯވަޑިއު ގޮތުގައި ބަޔާންކޮށްފައިވާ 105.2 މިލިއަން ރުފިޔާ އަކީ އަހަރުގެ ނިޔަލަށް އެ ސްކީމުން ލިބެންޖެހޭ ފައިސާގެ ސައްހަ އަދަދުކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ, އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް މިނިސްޓްރީން 2021 ވަނަ އަހަރު އެއްވެސް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނާ ގޮތަށް ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު