ކްރިސްޓިއާނޯ ރޮނާލްޑޯ

ލީގުގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި އަލް ނަސްރަށް މޮޅެއް

ދާދިފަހުން ސައުދި އަރަބިއާގެ އަލް ނަސްރާ ގުޅުނު ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބާއެކު ކުޅުނު ފުރަތަމަ ރަސްމީ މެޗުގައި މޮޅުވެއްޖެއެވެ.

ރޮނާލްޑޯ އަލް ނަސްރާއެކު ސައުދީ ޕްރޯ ލީގުގެ ރޭ ކުޅުނު މެޗުގައި އަލް އިއްތިފާގު ކައިރިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ފުލް ސްޓޭޑިއަމެއްގައި ރޭ އަލް ނަސްރުން ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ގޯލް ޖެހީ އެންޑަސަން ޓަލިސްކާއެވެ. އެ ގޯލަކީ ކުރިން ބެންފީކާއަށް ކުޅުނު އެންޑަސަން ޓަލިސްކާ ސައުދީ ޕްރޯ ލީގުގައި ޖެހި 12 ވަނަ ގޯލެވެ. އޭނާއަކީ މި ވަގުތު ގޯލް ޖެހުމުގެ ޗާޓުގައި އެއްވަނައިގައި އޮތް ކުޅުންތެރިޔާއެވެ.

ރޭގެ މެޗަށް ރޮނާލްޑޯ ނުކުތީ އަލް ނަސްރުގެ ކެޕްޓަން ބޭންޑް އަޅައިގެންނެވެ. ރޮނާލްޑޯއަށް ރޭގެ މެޗުގައި އެންމެ އެކަށީގެންވާ ފުރުސަތުތަކެއް ލިބިފައި ނުވާއިރު، ރޮނާލްޑޯގެ ފަރާތުން ނުރައްކާ ކޮށް ފެނުނީ ދެ ހަމަލާއެކެވެ. އޭގެ ތެރެއިން ނުރައްކާތެރި އެއް ހަމަލާ އަލް އިއްތިފާގުގެ ކުޅުންތެރިން ބްލޮކް ކުރިއިރު، ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުމެއް ހުރަސް ދަނޑިމަތިން ބޭރަށްވެސް ދިޔައެވެ.

ރޭގެ މެޗުގެ ކުރިން ރޮނާލްޑޯ ސައުދީ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗަކީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި ރިޔާދު ސީޒަން ޓީމު ވާދަކުރި އެކުވެރި ކަމުގެ މެޗެވެ. އެ މެޗުން ރިޔާދު ޓީމް 4-5 އިން ބަލިވި ނަމަވެސް ރޮނާލްޑޯ ދެ ގޯލު ޖެހިއެވެ.

ލީގުގައި މި ވަގުތު އަލް ނަސްރު އޮތީ 14 މެޗުން 33 ޕޮއިންޓް ހޯދައިގެން އެއްވަނައިގައެވެ. ދެވަނައިގައި 15 މެޗުން 32 ޕޮއިންޓް ހޯދައިގެން އަލް ހިލާލް އޮތް އިރު، ތިން ވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓް ލިބިފައި އޮތް އަލް އިއްތިހާދެވެ.