ސްވިޑެން ސަރުކާރުގެ ހުއްދައާއެކު އެގައުމުގައި ކުރިއަށްގެންދިޔަ މުޒާހަރާއެއްގައި ކީރިތި ގުރްއާން އަންދެމަކީ ގަސްތުގައި މުސްލިމުން ރުޅިއެރުވުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސްވިޑެންގައި އިސްލާމްދީނާ ދެކޮޅު ހަރުކަށި ފިކުރުގެ ސިޔާސީ ފަރާތްތަކުން ތުރުކީއާ ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާއަކީ ސްވިޑެންގެ ސަރުކާރުން ހުއްދަ ދީގެން ކުރިއަށްގެންދިޔަ މުޒާހަރާއެކެވެ. މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީގައި ކުރި އެ މުޒާހަރާގައި ސްވިޑެންގެ ހަރުކަށި ޕާޓީގެ ލީޑަރު ރަސްމުސް ޕަލުޑާން ވަނީ 200 އަށްވުރެ ގިނަ އާއްމުންގެ ކުރިމަތީގައި ކީރިތި ގުރުއާން އަންދާލައިފައެވެ. އޭނާ އެކަން ކުރިއިރު ހިމަޔާތް ދިނުމުގައި އެގައުމުގެ ފުލުހުންވެސް ތިއްބެވެ.
މި އަމަލު ކުށްވެރިކުރައްވައި ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީގެ ބޭރުގައި ޑެންމާކުގެ ސިޔާސީ ބޭފުޅަކު ސްވިޑެންގެ ސަރުކާރުގެ ހުއްދައާއެކު ކީރިތި ގުރުއާން އަންދާލި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ނަފުރަތު އުފެއްދުމުގެ މި އަަމަލަކީ ބިލިއަނަކަށްވުރެ ގިނަ މުސްލިމުން ރުޅިއެރުވުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.
މި އަމަލު ކުށްވެރިކުރައްވައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްވިޑެންގެ ހަރުކަށި ޕާޓީގެ ލީޑަރު ރަސްމުސް ޕަލުޑާން ގުރުއާން އަންދައި ހިންގި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. ދިވެހި ސަރުކާރުގެ އިތުރުން މުސްލިމް އެހެން ގައުމުތަކުންވެސް ވަނީ މި އަމަލު ކުށްވެރިކޮށްފައެވެ.