ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ނުވަވަނައަށް ޗައިނާ އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ޓުވިޓާގައި ހިއްސާކުރެއްވި "ޓޫރިސްޓް އެރިވަލް ޑެއިލީ އަޕްޑޭޓްސް" ގައިވާ ގޮތުން ދަތުރުފަތުރަށް ޗައިނާ ހުޅުވާލިފަހުން އެގައުމުން ރާއްޖެއަށް ވަނީ 2،239 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ މާކެޓް ޝެއާގެ 1.9 އެވެ.

ކޮވިޑް-19 އާ ގުޅިގެން މީގެ ތިން އަހަރު ކުރިން ޗައިނާ ވަނީ ލޮކްޑައުންކޮށްފައެވެ. ޗައިނާއަކީ ކޮވިޑުގެ ކުރިން ރާއްޖޭގެ އެންމެ ޓޮޕް މާކެޓެވެ. ދާއިރާގެ ގިނަ ބަޔަކު ގަބޫކުރާ ގޮތުގައި އެއީ ރާއްޖެއަށް އެންމެ މުހިއްމު އެއް މާކެޓުވެސް މެއެވެ. ކޮވިޑާއެކު ޗައިނާއިން ބައިނަލް އަގުވާމީ ދަތުރުތައް މެދުކަނޑާލުމާއެކު އަދަދުތައް ދަށްވެ، އެ މާކެޓު ވަނީ އެއްކޮށް ކަހަލަގޮތަކަށް ހުއްޓިފައެވެ.

ކޮވިޑާ ދެކޮޅަށް ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަށް އުވާލުމުން އެގައުމުން ފަތުރުވެރިން ވަނީ ރާއްޖެ އަންނަން ފަށައިފައެވެ. ކޮވިޑަށް ފަހު ޗައިނާއިން ރާއްޖެއަށް އައި ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖައްސާފައި މިދިޔަ ބުދަ ދުވަހުއެވެ. އެ ފްލައިޓްގައި ޗައިނާގެ 198 ފަތުރުވެރިން އައިސްފައިވެއެވެ.

ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް އަލުން ފެށުމާ ގުޅުމުން ޑރ. މައުސޫމް ވިދާޅުވެފައި ވަނީ ޗައިނާއިން ފަތުރުވެރިން އަލުން ރާއްޖެ އަންނަން ފެށުމުން ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށެވެ.

މިއަހަރު ޗައިނާއިން ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރައްވާ ކަމަށާއި އަހަރު ނިމޭއިރު، ރާއްޖޭގެ އެންމެ ޓޮޕް މާކެޓުގެ ލިސްޓުގައި ޗައިނާ އަލުން ހިމެނިގެންދާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މައުސޫމް އިތުރަށް ވިދާޅުވެފައިވަނީ ޗައިނާގެ އިތުރު އެއާލައިންތަކުންވެސް ރާއްޖެއަށް ދަތުރު ފެށުމަށް ވަނީ އެދިފައެވެ. އެގޮތުން މިމަސް ތެރޭގައި ޗައިނާ އީސްޓާންގެ ޝެޑިއުލް ދަތުރުތައް ވެސް ރާއްޖެއަށް ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.