މޯލްޑިވިއަންގެ ޓިކެޓުގައި ހިމެނޭ ފިއުލް ސާޗާޖަށް މިއަހަރު ތެރޭ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެއާލައިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން އަށް މިއަހަރު އަލަށް ގެނައި އޭޓީއާރްގެ ކޮމާޝަލް ދަތުރު ފެށުން ފާހަގަކުރުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތަށްފަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިހާދު ވިދާޅުވީ އޭޓީއާރާއެކު ޓިކެޓުގެ އަގުތަކަށް ބަދަލު ނާންނާނެ ކަމަށެވެ.

ނަމަވެސް ދުނިޔޭގެ ބާޒާރުގައި ޖެޓް ފިއުލްގެ އަގުތަކަށް އަންނަ ބަދަލުތަކާއެކު މޯލްޑިވިއަން އިން ވިއްކާ ޓިކެޓުގައި ހިމަނާފައިވާ ފިއުލް ސާޗާޖުވެސް ބަދަލުވާނެ ކަމަށާއި އެއާއެކު ޓިކެޓުގެ ޖުމްލަ އަގަށްވެސް އެ ބަދަލު އަންނާނެ ކަމަށް މިހާދު ވިދާޅުވިއެވެ.

"އެއާލައިން ޓިކެޓުގެ އަގުތައް އެހުރީ ސަރުކާރުން ވި ވައުދާ އެއްގޮތަށް 2018 ވަނަ އަހަރު ރިވައިސް ކުރި އަގު ތަކުގަ. ހަގީގަތުގަ ޓިކެޓު އަގަކަށް ބަދަލެއް ނާދޭ. ރަޝިޔާ ޔޫކްރެއިން ހަނގުރާމައާ އެކު ފިއުލް ސާޗާޖު އިތުރުވެގެން ދިޔައީ. މިއަހަރު ތެރޭ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ. އެއާއެކު ފިއުލް ސާޗާޖުވެސް ކުޑަވެގެންދާނެ" މިހާދު ވިދާޅުވިއެވެ.

އެއާލައިންތަކުން ނަގާ ފިއުލް ސާޗާޖު ބޮޑު ވަނީ ދުނިޔޭގެ ބާޒާރުގައި ޖެޓް ފިއުލްގެ އަގަށް އަންނަ ބަދަލާއެކު ޖެޓް ފިއުލް ވިއްކާ ފަރާތުން ފިއުލްގެ އަގުތަކަށް ގެންނަންޖެހޭ ބަދަލާ ގުޅިގެންނެވެ.

އެއީ އެއާލައިންތަކުގެ ކޮންޓްރޯލްގައި އޮންނަ ކަމަކަށް ނުވާއިރު، މިދިޔަ އަހަރު ފެށި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ޖެޓް ފިއުލްގެ އަގުވެސް އިންތިހާއަށް މަތިވިއެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ ހުރިހާ ބާވަތެއްގެ އަގުތައް މިހާރު ވަނީ މަޑުމަޑުން ދަށަށް ދާން ފަށައިފައެވެ.