އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށްޓަކައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް އިތުބާރު ކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާ އިރު، ދެ ފެކްޝަނުގެ ކޯޅުން މިފަހުން އެންމެ ބޮޑަށް ފެނިގެން ދިޔައީ ރިޔާސީ ޕްރައިމަރީ އިންތިޒާމް ކުރާ ކޮމިޓީ އެކުލަވައިލާނެ ގޮތެއް ނިންމުމަށް މިދިޔަ ޑިސެމްބަރު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ކޮމިޓީއަށް ހޮވަން ބޭނުންވާ ފަސް މީހުންގެ ނަން ހުށަހެޅުމަށް ފުރުސަތު ދިނުމުން، ނަޝީދުގެ ފެކްޝަނުން ހުށަހެޅީ ކެންޑިޑޭޓުންގެ ފަރާތުން ދެ މީހަކު އަދި ދެ ފަރާތަށް އެއްބަސްވެވޭ އެކަކު ކޮމިޓީގައި ހިމެނުމަށެވެ. ނަމަވެސް އެގޮތަށް ފައްޔާޒް ދެކޮޅު ހެއްދެވުމުން، ދެ ފެކްޝަންގެ މެންބަރުންގެ މެދުގައި ހޫނު ޒުވާބެއް ކުރުމަށް ފަހު، ނަޝީދު ފެކްޝަނުން ވަނީ ޖަލްސާދޫކޮށް ގޮސްފައެވެ. އެހެންވެ، އެ ކޮމިޓީއަށް މެންބަރުން ހޮވީ ރައީސް ސޯލިހުގެ ފެކްޝަނުން ހުށަހެޅި ގޮތަށް، އެ ބޭފުޅުން ބޭނުންވި ފަސް ބޭފުޅުންނެވެ.

ރައީސް ސޯލިހުގެ ފެކްޝަނުން ބޭނުންވި ގޮތަށް ކޮމިޓީ އެކުލަވާލުމުން ނަޝީދު ފެކްޝަނުން ވަނީ އިންތިހާބުގެ ސައްހަ ކަމާމެދު ސުވާލު އުފައްދައިފައެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ކަންކަމާ ގުޅިގެން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ ވޯޓުގެ ކަންކަން ސައްހަކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ކަންކަމަށް އަލިއަޅުވާލައްވައިފައެވެ.

"އަޅުގަނޑަށް އިތުބާރު އެބައޮތް ޗެއާޕާސަންގެ މައްޗަށް އަދި އިންތިޒާމް ކޮމިޓީ [އިން] މިކަންކަން ރަނގަޅަށް ބަލަހައްޓަވައިދެއްވާނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ވާދަކުރައްވާ ދެ ކެންޑިޑޭޓުންވެސް އަންނަނީ ފޯރީގައި ކުރިއަށްގެންދަވަމުންނެވެ.