ސްވިޑެން ސަރުކާރުގެ ހުއްދައާއެކު އެގައުމުގައި ކުރިއަށްގެންދިޔަ މުޒާހަރާއެއްގައި ކީރިތި ގުރްއާން އަންދާލި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ސްވިޑެންގައި އިސްލާމްދީނާ ދެކޮޅު ހަރުކަށި ފިކުރުގެ ސިޔާސީ ފަރާތްތަކުން ތުރުކީއާ ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާއަކީ ސްވިޑެންގެ ސަރުކާރުން ހުއްދަ ދީގެން ކުރިއަށްގެންދިޔަ މުޒާހަރާއެކެވެ. މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީގައި ކުރި އެ މުޒާހަރާގައި ސްވިޑެންގެ ހަރުކަށި ޕާޓީގެ ލީޑަރު ރަސްމުސް ޕަލުޑާން ވަނީ 200 އަށްވުރެ ގިނަ އާއްމުންގެ ކުރިމަތީގައި ކީރިތި ގުރްއާން އަންދާލައިފައެވެ. އޭނާ އެކަން ކުރި އިރު ހިމަޔާތް ދިނުމުގައި އެގައުމުގެ ފުލުހުންވެސް ތިއްބެވެ.
މި އަމަލު ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްވިޑެންގެ ހަރުކަށި ޕާޓީގެ ލީޑަރު ރަސްމުސް ޕަލުޑާން ގުރުއާން އަންދައި ހިންގި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ދިވެހި ސަރުކާރުގެ އިތުރުން މުސްލިމް އެހެން ގައުމުތަކުންވެސް ވަނީ މި އަމަލު ކުށްވެރިކޮށްފައެވެ.
ޕަލޫދާން ވަނީ 2019 ވަނަ އަހަރު ވެސް ޤުރުއާން އަންދައިފައެވެ. އެފަހުން 2020 ވަނަ އަހަރު އޭނާ ސްވިޑެންއަށް އެތެރެވުން ދެ އަހަރަށް މަނާކޮށްފައެވެ. އަދި ޖަރުމަނުގައި މުސްލިމުންނާ ދެކޮޅު މުޒާހަރާއެއް ބާއްވަން ރާވާފައިވާކަން އިއުލާން ކުރުމުން އެގައުމަށް އެތެރެވުންވެސް ދުވަސްކޮޅަކަށް މަނާކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު