ގދ. ތިނަދޫއަށް އެ މަނިކުފާނު ދެން ވަޑައިގަންނަވާނީ އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދޭ ރަސްމިއްޔާތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ތިނަދުއަށް ވަޑައިގެން ރައީސް މިއަދު ވިދާޅުވީ، ސަރުކާރުގެ ތަރައްގީގެ ސިޔާސަތުގައި ތިނަދޫއަކީ މުހިންމު ރަށެއް ކަމަށާއި ތިނަދޫ ތަރައްގީކުރަމުން ދަނީވެސް ސިޓީއަކަށް ބަދަލުކުރުމަށް ކަމަށެވެ.

އެގޮތުން އެ ރަށުގައި ބައިނަލްއަގުވާމީ ކޮމާޝަލް ޕޯޓަކާއި ޓާޝަރީ ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތާއި ރަށް ކައިރީގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބަރާބަރަށް ސިޓީއަކަށް ބޭނުންވާނެ ހުރިހާ ވަސީލަތެއް ނިންމާނަން އަޅުގަނޑު. މިއަދު އަޅުގަނޑުމެން ކައުންސިލުގައި އެދިފަވާނެ ދެން ހުރި ކަންތައް, އާބާދީގެ އަދަދާ އެއްޗެހި އަޅުގަނޑުމެންނާ ހަމައަށް ފޮނުވަދޭން. އިރާދަކުރެއްވިއްޔާ އިންތިހާބަށްފަހު ލަސްތަކެއް ނުވެ, މި ރަށް ސިޓީއަކަށް ބަދަލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އަޅުގަނޑު އަންނާނަން," ރައީސް ވިދާޅުވިއެވެ.