ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފަރާތުން ސްކޯލަޝިޕް ދޭނެ އެތުލީޓުން ހޮވައިފިއެވެ.
ރާއްޖޭގެ ކުޅިވަރު އެތުލީޓުންނަށް ސްކޯލަޝިޕް ދިނުމަށް ބީއެމްއެލުން ސްޕޯޓްސް ސްކޯލަޝިޕް ތައާރަފު ކުރީ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.
ސްޕޯޓްސް ސްކޮލަޝިޕް ޕްރޮގްރާމުގެ އަމާޒެއްގެ ގޮތުގައި ބީއެމްއެލުން ފާހަގަކޮށްފައިވަނީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެ ބޭންކުގެ ދައުރެއް އަދާކޮށް، އެހީތެރިވުމެވެ.
ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ ތެރެއިން ތިން އެތުލީޓަކަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ބީއެމްއެލުން ބުނި ގޮތުގައި ތަމްރީނުތަކަށް އެތުލީޓުން ހޮވުމުގައްޔާއި ތަމްރީނުތައް މެނޭޖުކުރުމަށް އެ ބޭންކަށް އެހީތެރިވެދެނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އެވެ.
ބީއެމްއެލް ސްކޯލާޝިޕް ދަށުން ފުރުސަތު ލިބުނު ޓްރެކް އެތުލީޓުން ކަމަށްވާ މަރިޔަމް ރޫޔާ އަލީއާއި މަރިޔަމް މިންހަލް ޝާމިން ތަމްރީނުތައް ފުރިހަމަ ކުރާނީ ޖެމެއިކާގެ ކިންގްސްޓަންގައެވެ. ބެޑްމިންޓަން ތަރިން ކަމަށްވާ ޝުބާ މުހައްމަދު ޝަރީފާއި މުހައްމަދު ސާލިމް އަބްދުލް ސަމަދު ޑުބާއީގައި ތަމްރީނުތައް ފުރިހަމަކުރަން ފުރުސަތު ދީފައިވާއިރު، ޓޭބަލް ޓެނިސް ކުޅުންތެރިން ކަމަށްވާ ފާތިމަތު ޖުމާނާ ނިމާލާއި މޫސާ މުންސިފް ތަމްރީނުތައް ފުރިހަމަ ކުރާނީ ކްރޯއޭޝިއާގެ ޒަގްރަބްގައެވެ.
ދެން ފުރުސަތު ދީފައިވަނީ ޓެނިސް ކުޅުންތެރިންތެރިޔާ ލަޔާން މުހައްމަދު ޝާމިންއަށެވެ. ލަޔާން ތަމްރީނު ފުރިހަމަ ކުރާނީ ސްޕެއިންގެ ބާސެލޯނާގައެވެ.
ސްކޮލަޝިޕަށް ހޮވުނު އެތުލީޓުން އިއުލާންކުރަން މިއަދު ހެނދުނު މާލެ ޓޭބަލް ޓެނިސް ހޯލުގައި ބޭއްވި ހަފުލާގައި އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުއް ސައްތާރު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ކާލް ސްޓުމްކަގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮފިޝަލުން އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަންގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.