ދިރާގު ޓީވީގެ ކަސްޓަމަރުން ސަން ސިޔާމް ނެޓްވޯކް (އެސްއެސްނެޓް)އަށް ބަދަލުވާން ހުޅުވާލިތާ ފުރަތަމަ ނުވަ ގަޑިއިރުގެ ތެރޭގައި ދިރާގު ޓީވީގެ ގިނަ އަދަދެއްގެ ކަސްޓަމަރުން އެސްއެސް ނެޓަށް ބަދަލުވެއްޖެއެވެ.
ދިރާގު ޓީވީގެ ކަސްޓަމަރުން އެސްއެސްނެޓަށް ބަދަލުވާން ހުޅުވާލީ އިއްޔެގެ 12:00 ހާއިރުއެވެ. ރޭ 9:00އާ ހަމައަށް 90 އަށް ވުރެ ގިނަ ރަށުން ގިނަ އަދަދެއްގެ ކަސްޓަމަރުން އެސްއެސް ނެޓާ ގުޅިފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
އެސްއެސްނެޓްގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ މިހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެތައް ހާސް ކަސްޓަމަރުން އެސްއެސްނެޓާ ގުޅުނީ ފާއިތުވި އަހަރުތަކުގައި ދިރާގު ޓީވީން ފޯރުކޮށްދިން ކޮލިޓީގައި އަދި އެހާމެ އަގުހެޔޮކޮށް އެސްއެސް ނެޓުން ހިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
އަދި އެސްއެސްނެޓްގެ ހިދުމަތް ފަށައިގަންނައިރު، އެންމެ ބޮޑު އިސްކަމެއް ދެނީ ދިރާގު ޓީވީގެ ކަސްޓަމަރުން އެސްއެސްނެޓަށް ބަދަލުވުމަށް ފުރުސަތު ދިނުމަށް ކަމަށް މޮންދު ވިދާޅުވި އެވެ.
"އެންމެ ބޮޑު އިސްކަމެއް އަޅުގަނޑުމެން ދިރާގު ޓީވީގެ ކަސްޓަމަރުންނަށް މިދެނީ ފަސޭހަކަމާއެކު އެބޭފުޅުންނަށް އެސްއެސްނެޓަށް ބަދަލުވުމުގެ މަގު ފަހިކޮށްދިނުމަށް. ދިރާގު ޓީވީގެ ކަސްޓަމަރުން އެސްއެސްނެޓަށް ބަދަލުވާން ޖީބުން އެއްވެސް ފައިސާއެއް ހަރަދުކުރާކަށް ނުޖެހޭނެ،" މޮންދު ވިދާޅުވި އެވެ.
އެސްއެސްނެޓުން މައުލޫމާތު ދޭގޮތުގައި އެ ހިދުމަތަށް ބަދަލުވާ ފަރާތްތަކަށް ހިދުމަތް ލިބެންފަށާނީ މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ދަންވަރު 12 އިން ފެށިގެންނެވެ.
"ބަދަލުވާ ހުރިހާ ފަރާތްތަކެއްގެ ޖޯއިބޮކްސް 29 ޖެނުއަރީ ދަންވަރު 12 އިން ފެށިގެން ނިއްވާނުލައި ބެހެއްޓެވުން އެދެން. އެއީ އެސްއެސްނެޓްގެ ހިދުމަތަށް ބަދަލުކުރުމަށް ޖޯއިބޮކްސް އަޕްޑޭޓްކުރުމަށް. ނިއްވާލައިފިނަމަ މިކޮޅުން ފޮނުވާ އެއްވެސް އެއްޗެއް ޖޯއިބޮކްސްގައި އަޕްޑޭޓްވަމުން ނުދާނެ. އެހެންވީމަ ހުރިހާ ކަސްޓަމަރުންވެސް މިކަމަށް ސަމާލުވުން އެދެން،" މޮންދު ވިދާޅުވިއެވެ.
ރީބްރާޑްކާސްޓް ކުރުމުގެ ގަވާއިދަށް ބްރޯޑްކޮމް އިން ގެނައި ބަދަލާ ގުޅިގެން، ދިރާގު ޓީވީގެ ލައިސަންސް އާނުކުރެވޭތީ، ރާއްޖޭގައި ރީބްރޯޑްކާސްޓު ކުރުމުގެ ހުއްދަ ދިރާގަށް ނުދެވޭނެ ކަމަށް ބްރޯޑްކޮމް އިން ވަނީ ބުނެފައެވެ. އެހެންވެ ދިރާގުގެ ބޯޑުން ވަނީ އެކުންފުނީގެ ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ސަންސިޔާމް ނެޓުން ދިނުމަށް ނިންމައިފައެވެ. އެ ބަދަލާއެކު އަންނަ ޖެނުއަރީ 29 އިން ފެށިގެން ދިރާގު ޓީވީގެ ހިދުމަތަށް ނިމުން އަންނާނެއެވެ.
އަދި މި މަހުގެ 29 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ގައި ދިރާގު ޓީވީގެ ހިދުމަތް ހުއްޓާލާނެ ކަމަށާއި ދިރާގު ޓީވީގެ ކަސްޓަމަރުން ފަސޭހަކަމާއެކު އެސްއެސްނެޓްގެ ހިދުމަތަށް ބަދަލުވެވޭނެކަން ބަޔާންކޮށް ދިރާގު ޓީވީގެ ހުރިހާ ކަސްޓަމަރުންނަށް ދިރާގުން އިއްޔެ ވަނީ އެސްއެމް ކުރަން ފަށާފައެވެ. ދިރާގުގެ މި މެސެޖުގައި އެސްއެސްނެޓަށް ރަޖިސްޓްރީ ކުރާނެ ލިންކާއި އެހެނިހެން މައުލޫމާތު ހިމަނާފައިވެ އެވެ.
ސަން ސިޔާމް ނެޓަކީ މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިމޮކްރަޓިކް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ ވިޔަފާރިއެކެވެ. ރީބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް އެ ކުންފުންޏަށް ވަނީ ދީފައެވެ. އެސްއެސްނެޓްގެ ހިދުމަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެސްއެސްނެޓްގެ ކޯލް ސެންޓަރު ނަންބަރު 1633 އަށް ގުޅުމުން ލިބޭނެއެވެ.
ޚަބަރު
ޚަބަރު