ހއ. ހޯރަފުށި ކައިރިން ހަ ފޫޓު ދިގު ކިނބުލެއް ފެނިއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މި ކިނބޫ ފެނިފައިވަނީ ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން ކަމަށެވެ.

އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެ މިހާރު ވަނީ ކިނބޫ ހިފައިފައެވެ. ނަމަވެސް މިކަމާގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.

ހޯރަފުށީ ކައިރިން ކިނބުލެއް ފެނިފައިވާ އިރު، މި މަހުގެ 13 ވަނަ ދުވަހު މާލެ އަތޮޅު ކ. ބޮލިދުއްފަރު ކައިރިންވެސް ވަނީ ކިނބުލެއް ފެނިފައެވެ.

އެފަހަރު އެމްއެންޑީއެފުން ހިފި ކިނބުލުގެ ބޮޑުމިނުގައި 14 ފޫޓު ހަތަރު އިންޗި ހުއްޓެވެ. މި ކިނބޫ ވަނީ ބޮލިދުއްފަރުގެ 24 ނޯޓިކަލް ބޭރަށް ދޫކޮށްލައިފައެވެ.