ރާއްޖޭގެ މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓަރުން ކްލަބު، މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓާސް ކްލަބު މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރޭ ރޭމްޕޭޖާއި ލ. ގަން ފުޓްސަލް ޓީމް ކުޅުނު މެޗް އެއްވަރުވި އިރު، ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ޒެފާސް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް މިހާރު ކުރިއަށްދާ އިރު، ރޭ ކުޅެފައިވަނީ ގްރޫޕް އޭގެ ދެ މެޗާއި ގްރޫޕް ސީގެ ފަހު ދެ މެޗެވެ.

ގްރޫޕް އޭގައި ފަސް ޓީމަކުން ވާދަކުރަމުން އަންނަ އިރު، ކުއާޓާގެ ފުރުސަތަކާ އެންމެ ގާތުގައި އޮތް ރޭމްޕޭޖާއި ލ. ގަން ފުޓްސަލް ޓީމު ވާދަކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ގަން ފުޓްސަލް ޓީމަށް ގޯލްތައް ޖަހައިދިނީ އަހުމަދު ހަލީމް (އަންމަޑޭ) އާއި ހުސައިން ނާޝިދު (ނާއްޓޯ)އެވެ. ރޭމްޕޭޖުގެ ގޯލްތައް ޖަހައިދިނީ ސާމިން މުހައްމަދު ނާސިރާއި އަބްދުﷲ ޝައްފާން (ޝާކާ)އެވެ.

ރޭ ގްރޫޕް އޭގައި ކުޅުނު ދެވަނަ މެޗަކީ ކުއާޓާގެ ފުރުސަތު ގެއްލިފައި އޮތް ޖޭކޭ އެސްސީ އާއި ރިޕްލޭ އެފްސީ ވާދަކުރި މެޗެވެ. އެ މެޗު 10-5 އިން ކާމިޔާބުކުރީ ޖޭކޭ އެސްސީއެވެ.

އެ ގްރޫޕްގައި ދެން ފުރުސަތު އޮތް ރޮކްޒްއިން މިރޭ ރޭމްޕޭޖާ ދެކޮޅަށް ނުކުންނަ އިރު، ގްރޫޕްގެ ފަހު މެޗުގައި ގަން ވާދަކުރަން ޖެހޭނީ ރިޕްލޭ އެފްސީއާ ދެކޮޅަށެވެ.

ގްރޫޕް ސީގެ ފަހު ދެ މެޗަށް ރޭ ނުކުތް އިރު، ސްކޯޕިއަން ސިޓީ އޮތީ ކުއާޓާގެ ޖާގަ ޔަގީންކޮށްފައެވެ. ގްރޫޕްގެ އެއްވަނަ، ޒެފާސްއާ ދެކޮޅަށް އެޓީމު ކުޅުނު މެޗު، ޒެފާސްއިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު ޒެފާސްއިން ގްރޫޕް އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިޔަ އިރު، މެޗުގެ ގޯލްތައް ޖަހައިދިނީ އަންސަރު އިބްރާހީމް (އަންކޮ) އާއި އިފްހާމް ރަޝާދު އަދި ޝަނާން ރަޝީދެވެ. މެޗުގައި އަންކޮ އާއި އިފްހާމް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިދީފައެވެ.

އެ ގްރޫޕްގައި ކަޓައިފައި އޮތް ސްކޮޑްރާއިން ރޭ ގެލެކްޓިކޯ ކައިރިން 15-0 އިން މޮޅުވެ، ގްރޫޕް ސްޓޭޖު ނިންމާލީ މޮޅަކުންނެވެ.

އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގައި މި އަހަރު 17 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހަތަރު ގްރޫޕެއްގެ މެޗުތައް ކުޅޭނެއެވެ. ގްރޫޕް އޭ ފިޔަވައި ދެން ކޮންމެ ގްރޫޕެއްގައިވެސް ހިމެނެނީ ހަތަރު ޓީމެވެ. ގްރޫޕް އޭގައި ފަސް ޓީމު ވާދަކުރާނެއެވެ.

ހަތަރު ގްރޫޕުން ކޮންމެ ގްރޫޕެއްގެ އެއްވަނަ އާއި ދެވަނަ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ އުސޫލުން މުބާރާތް ކުރިއަށް ގެންދަން ރާވާފައިވާ އިރު، ކުއާޓާގެ މެޗުތައް އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ.

އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ މިއަހަރުގެ މުބާރާތް އެކިއެކި ފަރާތްތަކުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ އިރު، ޗެމްޕިއަން ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ. ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

އެމްޔޫއެސްސީ ފުޓްސަލް މުބަރާތުގެ މިއަހަރުގެ ކޯ ސްޕޮންސަރުންނަކީ ކެމްޓޯނޯ އަދި ބޭނުން ޓެކެވެ. އޮފިޝަލް ޑްރިންކަކީ އޭޝިއާ ފާމްގެ ޕާޕަލް ޓީއެވެ. އެހެނިހެން ސްޕޮންސަރުންގެ ތެރޭގައި ޑައިމްޔޯ ސްޕޯޓްސް، ޕެސްޓާމިނޭޓާސް ހިމެނެއެވެ. އޮފިޝަލް ކިޓް ޕާޓްނަރަކަށް ޖޯޒްޓީ ހަމަޖައްސާފައިވާ އިރު، އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އިންކެޑް މޯލްޑިވްސް އެވެ. އޮފިޝަލް ބޯޅަ ސްޕޮންސާ ކޮށްފައި ވަނީ މާކީ އެމްވީއެވެ. ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ.

މިއަހަރުގެ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ އޮން ލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

20:00 ކަންމަތި އެސްސީ - އައްޔަނި އެފްސީ

21:00 ކެޕްޓަން އެސްސީ - އެލްއެފް އެފްސީ

22:00 ރޮކްޒް - ރޭމްޕޭޖް

23:00 ލ. ގަން ފުޓްސަލް ޓީމް - ރިޕްލޭ އެފްސީ