ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވީ، އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި އެ މަނިކުފާނުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ޖަލްސާގައެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ ބައެއް އިސް ބޭފުޅުންގެ ސަބަބުން އެ ޕާޓީގެ އާންމު މެމްބަރުން މަގުމަތިވުމަކީ އާންމު މެމްބަރުންގެ ކުށެއް ނޫން ކަމަށާއި އެމްޑީޕީގެ އާއި ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރަންވާނެ ކަންކަމާއި ނުކުރަންވީ ކަންކަން ހުންނާނެ ކަމަށެވެ.

"ޥޭތުވެދިޔަ ތަނުގައި ތިޔަ ބޭފުޅުންނަށް ކުރި އަނިޔާތަކާ ދެއްކި ބިރަށް އޭގެ ފަހަތުގައި ތިބި މީހުންނަށް އަޅުގަނޑު އޯކޯއެއް ނޫން. އެ މީހުންނާ އެކީ އަޅުގަނޑު ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ. ރައީސް ޔާމީން އޯކޭއެއް ނޫން. އެކީގައި ކުރާނެ މަސައްކަތެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އެގޮތަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ތައުލީމީ އަދި ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަން ހުރި ބޭފުޅެއް ކަމަށް ވިދާޅުވެ އެ މަނިކުފާނަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވާފައިވަނިކޮށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ މެންބަރުން އަލުން އަނބުރާ ކުރިން ފެނުނު އަނިޔާވެރިކަމުގެ ތެރެއަށް ދިޔަނުދޭނެ ކަމަށާއި ރައްޔިތުން ބޭނުންވަނީ ހަމަޖެހިގެން އުޅެން ކަމަށެވެ.