އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން 14 މަޝްރޫއެއް ފަށަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ، ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ހަތަރުވަނަ ފިޔަވަހީގެ ދަށުން މަޝްރޫއުތައް ކުރިއަށް ގެންދާނެ ރަށްތަކާއި ފަޅުތައް އަންނަ ހަފުތާގައި ބީލަމަށް ހުޅުވާލާނެ ކަމަށެވެ. އަދި ރަށްތައް ކަނޑައެޅުމުގައި ބޮޑު ތިލަދުންމައްޗަށް ހާއްސަ އަހަމިއްޔަތު ކަމެއް ދީފައިވާނެ ކަމަށްވެސް ބުންޏެވެ.
މި 14 މަޝްރޫއު ފަށަން ނިންމާފައިވަނީ މިނިސްޓްރީން ބުނާ ގޮތުން، ޑޮމެސްޓިކް އެއާޕޯޓުތަކަށް ދިރުން ގެނެސް، އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމެވެ.
މިނިސްޓްރީން މިއަދު އާންމުކުރި ލިސްޓުގައި ރިސޯޓު ހަދަން ބީލަމަށް ލާން ނިންމި ރަށްތަކުގެ ނަން ހާމަނުކުރި ނަމަވެސް އެ ލިސްޓުގައި ހިމެނޭ އަތޮޅުތަކާއި ބީލަމަށް ލާ ރަށްތަކުގެ އަދަދު ވަނީ އާންމުކޮށްފައެވެ.
- ހއ. އަދި ހދ. އަތޮޅަށް: 3 ޕްރޮޖެކްޓް (3 ރަށް)
- މ. އަތޮޅަށް: 1 ޕްރޮޖެކްޓް (1 ރަށް)
- ތ. އަތޮޅަށް: 1 ޕްރޮޖެކްޓް (2 ރަށް)
- ގއ. އަތޮޅަށް: 2 ޕްރޮޖެކްޓް (2 ރަށް)
- ގދ. އަތޮޅަށް: 3 ޕްރޮޖެކްޓް (6 ރަށް)
- ކ. އަތޮޅަށް: 1 ޕްރޮޖެކްޓް (1 ފަޅު)
- ފ. އަތޮޅަށް: 2 ޕްރޮޖެކްޓް (2 ފަޅު)
- ރ. އަތޮޅަށް: 1 ޕްރޮޖެކްޓް (ފަޅަކާއެކު 1 ރަށް)
ޓޫރިޒަމް މިނިސްޓްރީން ބުނީ، ފަތުރުވެރިކަމުގެ މަޝްރޫއުތައް ހިންގަން ބޮޑުތިލަދުންމައްޗަށް އަހަމިއްޔަތުކަން ދޭން ނިންމީ ކުރިއަށް އޮތް އަހަރުތަކުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރަނގަޅަށް ހިންގުމަށްޓަކައި އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ 8،000 އެނދު ބޭނުންވާނެތީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު