އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 30

އަބްދުﷲ ފާރޫގް ހަސަން

ދުޝްމިނުންގެ ރައްކައުތެރިކަމުގެ ފިޔަވަޅުތައް

(13 ޖެނުއަރީގެ އަދަދާ ގުޅޭ)

އެއްކޮޅުން މުސްލިމުން ޤުސްޠަންޠީނިއްޔާއަށް ޙަމަލަދޭން ތައްޔާރުވަމުންދިޔައިރު އަނެއްކޮޅުން ރޫމީންވެސް ގެންދިޔައީ ރައްކައުތެރިކަމުގެ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ފޯރުމާލާއި ކާބޯތަކެތި ހައްދެއްނެތް މިންވަރަށް ޤުސްޠަންޠީނިއްޔާއަށް ޖަމާކުރިއެވެ. ޔޫރަޕުގެ ޤައުމުތަކުންވެސް ކޮންމެވެސްވަރަކަށް އެހީ ފޮނުވަމުން ގެންދިޔައެވެ. ޔޫރަޕުގެ ޤައުމުތަކުން ފޮނުވަމުން ގެންދިޔައީ ހުސްއެކަނި ހަނގުރާމަވެރީން ލައިފުރައިފައިވާ ނައުފަހަރެއް ނޫނެވެ. ޢަސްކަރީ ފޯރުމާލާއި ކާބޯތަކެތި ބަރުކޮށްފައިވާ ބައްތެލިފަހަރުވެސް ފޮނުވަމުން ގެންދިޔައެވެ. ޔޫރަޕުގެ ޤައުމުތަކުން ޚާއްޞަކޮށް އިޓަލީން ތަޖުރިބާކާރު ޢަސްކަރީ މާހިރުންނާއި އިންޖިނޭރުންނާއި ރާނާމީހުންވެސް ފޮނުވަމުން ދިޔައެވެ. އެބައިމީހުން ޤުސްޠަންޠީނިއްޔާގެ ރަށްބޭރު ފާރުތަކާއި ބުރުޒުތަކުގެ އާބާތުރަ ފިލުވައި މަރާމާތުކޮށް ވަރުގަދަކުރަމުން ގެންދިޔައެވެ. ކަނޑުމަގުން ބަނދަރަށް ވަދެވޭ ކަނޑިންމައިގެ ދެފަރާތުން ވަރުގަދަ ޗޭނެއް އެޅިއެވެ. އެޗޭނުގެ ދެކޮޅުވަނީ ކަނޑިންމައިގެ ދެފަރާތަށް ހަރުކޮށްފައެވެ. އެހެންކަމުން ބަނދަރަށް ވަދެވޭނީ ރަށުމީހުން ވެއްދި ނަވަކަށެވެ. ކަނޑިންމަ ބަންދުކުރާން ބޭނުންވުމުން ދެކޮޅުން ޗޭނަށްދަމައި ވާންކޮށްލަނީއެވެ. ރަށުގެ އަހްލުވެރީން ނަވެއް ވައްދާން ބޭނުންވެއްޖެނަމަ ޗޭނަށް ދޫދީ ކަނޑުގެ އަޑިޔަށް ފައްތައިލަނީއެވެ. ވައްދާން ބޭނުންވާ ނަވެއް އެތެރެޔަށް ވަނުމުން އަނެއްކާވެސް ދެކޮޅުން ދަމައި ޗޭނަށް ވާންކޮށްލަނީއެވެ. ބޭރުބައެއްގެ ނަވަކަށް އެ ކަނޑިންމައިން ވަދެވުމަކީ މުސްތަޙީލު ކަމެކެވެ. އެދިމާއިން ރަށުގެ ފާރުހުންނަނީ ސާދަމޭލުގެ ދިގުމިނުގެ ވަށްބުރެއްގެ އެއްފަޅިގޮތަށެވެ. ނުހަނު ގަދަފަދައެވެ. އެފާރަކީ ގިރާކުރެވުން އެކަށީގެންނުވާ ފާރެކެވެ. ބަނދަރާވީ ފަރާތުން ފާރު ތަންކޮޅެއް ތިރިއެވެ. ފާރުހުރީ ހިސާބަކަށް ދޭސީވެސްވެފައެވެ. ކަނޑާވީ ފަރާތުން ޙަމަލައެއް އަތުވެދާނެކަމަށް ނުވަތަ ރަށް ޙިޞާރުކޮށްފާނެކަމުގެ ކުޑަވެސް އެކަށޭނަކަމެއް ނެތުމާއެކު އެފާރު ވަރުގަދަކުރާން ސަމާލުކަން ނުދެވޭތީއެވެ. ފާރުގެ ހުރިހައި ފަރާތަކުންވެސް ކަޑައްތުނުކުރޭވަރުގެ ޚަންދަޤުތައް އޮތެވެ. ގަދަފަދަ ބުރުޒުތައް ހުއްޓެވެ. ވަރުގަދަ ބޮޑުބަޑިތައް ދުއްދައިފައި ހުއްޓެވެ. ތީރުވެރީންގެ ގަދަފަދަ ގެމަތައްވަނީ ޢައްޔަންކޮށްފައެވެ. ދެފަރާތުގެ ފާރުގައިވެސް ބޮޑުބަޑީގެ ޙަމަލައަކުން ވެއްޓިދާނެހެން ހީވާދިމަދިމާވާނީ އަލުން ރާނައި ވަރުގަދަކޮށްފައެވެ. ޤުސްޠަންޠީނިއްޔާގެ ދިފާޢަށްޓަކައި އަޅާން ބޭނުން ހުރިހައި ފިޔަވަޅުތަކެއްވަނީ އެންމެފުރިހަމަޔަށް އަޅައިފައެވެ.

ރޫމީ ޗާޗާއި ގްރީކު ޗާޗު އިއްތިފާޤުވުން

ޤުސްޠަންޠީނިއްޔާ މުސްލިމުންގެ ބާރުގެދަށަށް ދިޔަނުދެއްވުމަށްޓަކައި ޤުސްޠަންޠީނިއްޔާގެ ޝަހެންޝާހު ޤުސްޠަންޠީން (XII) ޙައިރާންވެ އަންތަރީސްވާފަދަ ފިޔަވަޅެއް އެޅުއްވިއެވެ. ބަޔަކު ދުވަހަކުވެސް އުންމީދުވެސް ނުކުރާކަހަލަ ފިޔަވަޅެކެވެ. އާދެ، އެއީ މަސީޙީންގެ ވާދަވެރި ދެމަޒުހަބު ކަމުގައިވާ ގްރީކު އޮތޮޑޮކްސް މަޒުހަބާއި ރޯމަން ކެތަލިކު މަޒުހަބުގެ ވާދަވެރިކަމާއި އަރައިރުމާއި ހަސަދަވެރިކަން ނައްތައިލެއްވުމަށްޓަކައި ގްރީކު އޮތޮޑޮކްސް ޗާޗު ރޯމަން ކެތަލިކު ޗާޗުގެ ދަށަށް ގެންދެވުމެވެ. ރޯމުގެ ޕޯޕުގެ ދީނީ ސިޔާދަތާއި ޤިޔާދަތު ޤަބޫލުކުރެއްވުމެވެ. މިކަމާބެހޭގޮތުން مـــولانــا أكــبــــــر خــــان نجــيب آبــادى ލިޔުއްވައިފައިވެއެވެ.

"ޤުސްޠަންޠީނުގެ މިނިވަން ޚިޔާލުފުޅާއި ދުރުވިސްނުންފުޅަށް ސާބަސް ދަންނަވާންޖެހެއެވެ. އޭނާ މަސީޙީންގެ އެންމެބޮޑު ދެޖަމާޢަތުގެ ދެމެދުގައި އެއްބަސްވުން އުފައްދަވާން ބޭނުންކަމުގައި ދެކެވަޑައިގެންނެވިއެވެ. އޭރަކު މަސީޙީންގެ ޕްރޮޓެސްޓެންޓް ފިރުޤާއެއް ނުއުފެދެއެވެ. ޕްރޮޓެސްޓެންޓް ފިރުޤާއަކީ ރޯމަން ކެތަލިކުންނާ ވަރަށް ދެކޮޅުވެރިކަންބޮޑު ބައެކެވެ. ޚިޔާލުތަފާތު ބައެކެވެ. އެހެންކަމުން سـلطـــان محمّـــد ثــانـــــى ގެ ދުވަސްވަރު ޖުމުލަގޮތެއްގައި މަސީޙީންގެ އޮތީ ޢަޤީދީގޮތުން ބަލާއިރު ބޮޑު ދެފިރުޤާއެކެވެ. އެއްބަޔަކު އިމާމެއްކަމުގައި ބަލަނީ ރޯމުގެ ޕޯޕެވެ. އެބައިމީހުންނަކީ ރޯމަން ޗާޗުގެ ވެރިކަމުގެ ދަށުގައިތިބޭ ބައެކެވެ. ދެވަނަބަޔަކީ ގްރީކު ޗާޗު ނުވަތަ ގްރީކު ފައްޅިޔަށް ތަބާވާ މީހުންނެވެ. އެބައިމީހުންގެ ތެރޭގައި (އެއްފެންވަރެއްގެ ޕެޓްރިއާކުންތަކެއް ތިއްބެވިކަމުގައިވިޔަސް ޢަމަލީގޮތުން އެންމެއިސްބޭފުޅަކީ) ޤުސްޠަންޠީނިއްޔާގެ ބިޝޮޕް އަޢުޡަމެވެ. ޤުސްޠަންޠީނިއްޔާގެ ޕެޓްރިއާކެވެ. އޭނާ ޙިމާޔަތްކުރެއްވުމުގެ ފަޚުރު ލިބިވަޑައިގެންފައިވަނީ ޤުސްޠަންޠީނިއްޔާގެ ޤައިޞަރަށެވެ.

"ޤައިޞަރު ޤުސްޠަންޠީން ރޯމުގެ ޕޯޕަށް ލިޔުއްވިއެވެ. އަޅުގަނޑުމެންގެ މަޒުހަބީ ޚިލާފުތައް ނައްތައިލުމުގެ ވަގުތު އަތުވެއްޖެއެވެ. އަޅުގަނޑުމެން އެކުވެރިވެ އެކަތިގަނޑަކަށްވެގެން މުސްލިމުންނާ ކުރިމަތިލާންޖެހިއްޖެއެވެ. އަޅުގަނޑު އުފަލާއެކު މަނިކުފާނުގެ ޢަޤީދާ ޤަބޫލުކުރަމެވެ. ޤުސްޠަންޠީނިއްޔާގެ ޗާޗުވެސް ކުރިޔަށްއޮތްތާނގައި އޮންނާނީ މަނިކުފާނުގެ ވެރިކަމުގެ ދަށުގައެވެ. އެހެންކަމުން ބައިތުލްމަޤްދިސާއި ޝާމްކަރަ ފަތަޙަކުރައްވަން މަނިކުފާނު މުޅި ޔޫރަޕަށް ޖިހާދު އިޢުލާންކުރެއްވިފަދައިން ޤުސްޠަންޠީނިއްޔާ ސަލާމަތްކުރައްވަންވެސް އެފަދަ އިޢުލާނެއް ކޮށްދެއްވާށެވެ. އޭރުން ޢީސާއީ މުޖާހިދުން ބައިބަޔަށް ޖަމާވެގެން ތުރުކިޔޭ ރަސްކަމާ ހަނގުރާމަކުރާން އަންނާނެއެވެ. ޤައިޞަރު ޤުސްޠަންޠީނުގެ މި ހުށަހެޅުއްވުން ވެފައިވަނީ ވަރަށް ފައިދާ ހުށަހެޅުއްވުމެއް ކަމުގައެވެ. ޕޯޕު (އޭރުހުންނެވި ޕޯޕަކީ ނިކޮލަސް V އެވެ.) މަސީޙީން ޖިހާދަށް ތައްޔާރުކުރުއްވަން މަސައްކަތްޕުޅު ކުރެއްވިއެވެ." (376 - 377)

ޔޫރަޕުގެ އަޅައިނުލުން

ދައުލަތެ ޢުޘްމާނިއްޔާގެ މުސަންނިފް ވިދާޅުވާގޮތުން ޤައިޞަރު މިސިޓީފުޅު ފޮނުއްވައި (ތިންސަތޭކަ ފާދިރީންގެ ހާޒިރުގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވިކަމުގައިވިޔަސް) ޤުސްޠަންޠީނިއްޔާގެ އަކްސަރިއްޔަތު ރޯމަން ކެތަލިކް ޗާޗާ ދެކޮޅެވެ. އެހެންކަމުން ރަށް ދިފާޢުކުރާން އެއްބަސްވީ ދާދިމަދު ބަޔެކެވެ. ޤުސްޠަންޠީނިއްޔާގެ އޭރުގެ އާބާދީ ވަރަށްބޮޑަށް މަދުކޮށްގެން ގުނާއިރުވެސް ލައްކަޔަކަށްވުރެ މައްޗެވެ. އެކަމަކު އޭގެތެރެއިން ޤުސްޠަންޠީނިއްޔާގެ ދިފާޢުގައި ރިޟާކާރު ޚިދުމަތަށް ނަން ހުށަހެޅީ އެންމެ ހަހާސް މީހުންނެވެ. (ޙަވާލާ ކްރޭޒީ) (ޤައިޞަރުގެ ނާއިބު އަދި ސިފައިންގެ ވެރިޔާގެ ނަޒަރުގައިވެސް ޕޯޕުގެ ތޮތްޕަށްވުރެ ތުރުކިޔޭއިންގެ ފަގުޑިވެސް މާރަނގަޅެވެ.)

ރޫމުގެ ޕޯޕު ނުހަނުބޮޑަށް ބާރުއެޅުއްވުމުންވެސް ޔޫރަޕުގެ ގިނަޤައުމުތަކުން ޤުސްޠަންޠީނިއްޔާގެ ޝަހެންޝާހަށް އެހީތެރިވާކަށެއް ޚާއްޞަ ޝައުޤުވެރިކަމެއްވެސް ޙަރަކާތްތެރިކަމެއްވެސް ފާޅެއް ނުކުރެއެވެ. އަދި ކީއްތޯއެވެ؟ ޢަމަލީގޮތުން ފާޅުކުރަމުންގެންދިޔައީ އެކަމާ އަސަރެއް ނުކުރާކަމެވެ. ޤުސްޠަންޠީނިއްޔާއަށް ކޮންމެގޮތެއްވިޔަސް ފަރުވާލެއް ނެތްކަމެވެ. ޔޫރަޕުގެ ޤައުމުތައް ޤުސްޠަންޠީނިއްޔާ ހަލާކުވެ ސުންނާފަތިވާ މަންޒަރު ދެކޭންތިބީއެވެ. މިކަމާބެހޭގޮތުން "ދައުލަތެ ޢުޘްމާނިއްޔާ" ގެ މުއައްލިފު ލިޔުއްވައިފައިވެއެވެ.

"ހުޅަނގު ޔޫރަޕުގެ އެކިޤައުމުތަކުން ފޮނުވި ސިފައިންގެ ޢަދަދު ތިންހާހަށްވެސް ނާރައެވެ. އެބައިމީހުން ހިމަނައިގެން ޢަދަދުކުރުމުން ޤައިޞަރުގެ ސިފައިންގެ ޢަދަދަކީ ނުވަވަރަކަށް ހާހެވެ. އަޖައިބުވާންޖެހޭކަމަކީ ފަރަންސޭސީންނާއި ޖަރުމަނުންނާއި ހަންގޭރީންނާއި ޕޮލެންޑުގެ މީހުންނަށް ޤައިޞަރުގެ އިލްތިމާސުން ކުޑަވެސް އަސަރެއް ނުކުރިކަމެވެ. އެ ޤައުމުތަކަކީ އިރުއިރުކޮޅާ އިއްތިހާދު ހަދައިގެން ދީނީ ޖޯޝާއެކު ތުރުކިޔޭއިން ޔޫރަޕުން ނެރޭން ވާގިލާ މީހުންނެވެ. އެކަމަކު ޤުސްޠަންޠީނިއްޔާ ތުރުކިޔޭއިންގެ އަތްމަތީގައި ހަލާކުވެދިޔުމުގެ ފަހުނޭވާގެ ވަގުތު އެބައިމީހުން ދެއްކީ އެކަމާ ކުޑަކޮށްވެސް އަސަރެއް ނުކުރާކަމެވެ. އެއްވެސް ފަރުވާލެއް ނެތްކަމެވެ. އެބަޔަކު ތިބިތަނެއްގައި ކުޅިބަލާން ތިބީއެވެ. ބަޔެއް މުއައްރިޚުން ވިދާޅުވާގޮތުގައި ޤުސްޠަންޠީނިއްޔާގެ މައްސަލައިގައި ޔޫރަޕުގެ ޝައުޤުވެރިކަމެއް ނެތީއެވެ. އެކަމަކު އަހަރެންގެ ނަޒަރުގައި މަސީޙީ ދައުލަތްތަކުން އެގޮތަށް ޢަމަލުކުރީ އެހެންސަބަބަކާ ހުރެއެވެ. އެ ސަބަބަކީ ވޭތުވެދިޔަ ފަސްދޮޅަސްފަސް އަހަރުގެ ތެރޭގައި އެޤައުމުތަކަށް ކުރިމަތިލާންޖެހުނު ނާކާމިޔާބީތަކެވެ. މަސީޙީ ޔޫރަޕުން ވަނީ ތުރުކިޔޭއިން ޔޫރަޕުން ނެރޭން ހަތަރުފަހަރަކު އިއްތިހާދު އުފައްދައިފައެވެ. ކަށީގެ މަދުން ހިތްވަރު ނެރެގެން ބަނޑާއި ބުރަކަށީން އަޑުކިޔާންދެން ހިފައިފައެވެ. އެބައިމީހުންނަށް ލިބިފައިވާ ހުރިހައި ވަސީލަތްތަކަކާއި ބާރުތަކެއް ބޭނުންކޮށްފައެވެ. އެކަމަކު އެއިންކޮންމެ ފަހަރަކުވެސް މަސީޙީންނަށް ޖެހުނީ ވެލިކާށެވެ. ރޫޅި ވިއްސިވިހާލިވާށެވެ. 1389މ. ގައި ކޮސޯވޯގައެވެ. 1396މ. ގައި ނައިކޯޕޯލިސްގައެވެ. 1444 ގައި ވާރުނާގައެވެ. 1448 ގައި ދެވަނަފަހަރަށް ކޮސޯވޯގައެވެ. އެ ހަނގުރާމަތަކުގައި ލިބުނު ނާކާމިޔާބާއި ގެއްލުނު ފުރާނަތަކާއި ބަރުބާދުވި މުދާތަކާހުރެ އެފަދަ އެހެން ތަޖުރިބާއަކާ ކުރިމަތިލާން ބޭނުންނުވީއެވެ. ހުޅަނގު ޔޫރަޕުގެ އެއްބާރުލުން ހޯއްދެވުމަށްޓަކައި ޤައިޞަރުވަނީ އޭނާއާއި އޭނާގެ ރަށުމީހުންގެ މަޒުހަބަށް ދާންދެން ޤުރްބާން ކުރައްވައިފައެވެ. ރޯމަން ޗާޗުގެ ކިޔަމަނުގައި ވެވަޑައިގެންފައެވެ. އެއީ ހުޅަނގު ޔޫރަޕުގެ ހުރިހައި ޤައުމުތަކަކަށް އެތަކެއްސައްތަ އަހަރުތަކެއްގެ މަސައްކަތުންވެސް ނުކުރެވި އޮތްކަމެކެވެ. ޤައިޞަރުގެ މި ޤުރްބާނީއަކުންވެސް ޔޫރަޕަށް އައިސްފައިވާ ގަނޑުކަމަކަށް ކުޑަވެސް ބަދަލެއްނައެވެ. އިޙްސާސްކުރެވޭވަރުގެ ޙަރަކާތްތެރިކަމެއް ނުއުފެދުނެވެ. އެންމެފަހުން محمّـــد الــفــاتــــح ގެ ކުރިފުޅުމަތީގައި ޤުސްޠަންޠީނިއްޔާގެ ފާރުތަކަށްޖެހުނީ ފުނޑުފުނޑުވެގެން ތިރާވާށެވެ." (ޞަފުޙާ: 110)

މުސްލިމުންގެ ނަންހުރި މުއައްރިޚު مـــولانــا أكــبــــــر شــاه خــــان نجــيب آبــادى ޤުސްޠަންޠީނިއްޔާގެ ލަޝްކަރާއި އެބައިމީހުންގެ ހަނގުރާމައިގެ ތައްޔާރީތަކާ ބެހޭގޮތުން ޢީސާއީ މުއައްރިޚުންގެ ބަޔާންތަކެއް ޤަބޫލެއް ނުކުރައްވައެވެ. އޭނާ ލިޔުއްވައިފައިވެއެވެ. ޔޫރަޕުގެ މުއައްރިޚުންގެ ތެރެއިން ތަޢައްޞުބެއް ނުގެންގުޅުއްވާކަމުގައްޔާއި ތެދުބަސްފުޅުން ވާހަކަ ދައްކަވައި ޙަޤީޤަތް ހާމަކުރެއްވިކަމުގައި މަޝްހޫރުވެފައިވާ ބޭފުޅުންގެ ކިބައިގައިވެސް ޤުސްޠަންޠީނިއްޔާގެ މައްސަލައިގައި ތެދުވެރިކަމެއް ހަމަހިފެހެއްޓެވުމެއްނެތެވެ. އެޑްމަންޑް އޯލިޔޫރ ކަމުގައިވިޔަސް އޭ.އެސް. ކްރޭޒީ ކަމުގައިވިޔަސްވެހެވެ. ޤުސްޠަންޠީނިއްޔާގެ ޙާލަތު ބަޔާންކުރެއްވުމުގައި އެބޭފުޅުވަނީ ޔޫރަޕީ އަދި މަސީޙީ ތަޢައްޞުބުގެ ދަށުވެވަޑައިގެންފައެވެ. އެބޭފުޅުން މަސައްކަތްޕުޅުކުރެއްވީ سـلطـــان محمّـــد الــفــاتــــح ގެ އިސްތަށިފުޅުގައި ކޮންމެވެސްގޮތަކުން އިލްޒާމެއް އެޅުއްވެވޭތޯއެވެ. އެހެންކަމުން އެބޭފުޅުން ޤުސްޠަންޠީނުގެ ލަޝްކަރުގެ ޢަދަދާއި އޭނާގެ ހަނގުރާމައިގެ ތައްޔާރީތަކުގެ ވާހަކަ ތެދުބަހުން ބަޔާންކުރައްވާން ފަސްޖެހިވަޑައިގެންނެވިއެވެ. ޙަޤީޤަތަށް ވާހަކަ ދެއްކެވުމުން سـلطـــان محمّـــد خــــان ثــانـــــى ގެ އާދަޔާޚިލާފު ހިތްވަރުފުޅާއި ފަންވަރުފުޅާއި ހައިރާންވެ އަންތަރީސްވާފަދަ ސާބިތުކަމާއި ނުގުޑާ ޢަޒުމުފުޅަށް ނުސީދާގޮތެއްގައި ނަމަވެސް އިޢުތިރާފުވެވަޑައިގެންނެވޭތީއެވެ. ކޮންމެއަކަސް سـلطـــان محمّـــد خــــان ثــانـــــى ގެ މެންދުރުގެ އިރަށްވުރެވެސް ފާންކަންބޮޑު މަސައްކަތްޕުޅުތަކުގެ ވާހަކަތައް އިންސާފުވެރި ޢީސާއީ މުއައްރިޚުންކުރެ ބަޔެއް ބޭފުޅުންވެސްވަނީ ލިޔުއްވައިފައެވެ. ލޭގެ ކޯވަރުތައް ހިއްޕަވަމުންނެވެ. (ތާރީޚެ އިސްލާމް: 379)

ޤުސްޠަންޠީނިއްޔާގެ މުޙާޞިރާ ފެށިއްޖެ

سـلطـــان محمّـــد خــــان ثــانـــــى އެމަނިކުފާނުގެ ހުރިހައި ތައްޔާރީތަކެއް ފުރިހަމަކުރައްވައި ނިމިވަޑައިގެންނެވުމުން ޤުސްޠަންޠީނިއްޔާ ޙިޞާރުކުރައްވައިފިއެވެ. 6 އެޕްރީލް 1453 ގައެވެ. ހިޖްރައިން 857 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ 26 ގައެވެ. ޢުޘްމާނީ ލަޝްކަރުގައި ބައިވެރިވި ގިނަޢަދަދެއްގެ ރިޟާކާރުންނާއެކު އެލަޝްކަރުގެ ޢަދަދުވަނީ ގާތްގަނޑަކަށް ދެލައްކައަށް އަރައިފައެވެ.

ތުރުކިޔޭ ލަޝްކަރުގެ ޢަދަދާމެދު ވަރަށްބޮޑަށް ޚިލާފު ހުރެއެވެ. މިސުރުގެ މުޞަންނިފެއްކަމުގައިވާ عــبــد اللّـــه عــنـــان ލިޔުއްވައިފައިވެއެވެ. "އެދުވަސްވަރުގެ ބަޔެއް މުއައްރިޚުން (މިސާލެއްގެގޮތުން) ޑޫކަސް (Ducas) ތުރުކިޔޭ ލަޝްކަރުގެ ޢަދަދު ބަޔާންކުރެއްވުމުގައިވަނީ މާބޮޑަށް ޢަދަދު އިތުރުކުރައްވައިފައެވެ. އޭނާވަނީ ތުރުކިޔޭ ލަޝްކަރުގެ ޢަދަދަކީ ތިންހަތަރުލައްކަ ކަމުގައި ވިދާޅުވެފައެވެ. ތުރުކިޔޭ މުއައްރިޚެއްކަމުގައިވާ خـــــيـــر اللّـــه ލިޔުއްވާގޮތުގައި ތުރުކިޔޭ ލަޝްކަރުގެ ޢަދަދަކީ އަށްޑިހަ ހާހެވެ. ސިފައިންގެ އަށްޑިހަ ހާހުގެ އިތުރަށް ލަޝްކަރުގައި ދެން ބައިވެރިވީ ނުރަސްމީ ހަނގުރާމަވެރީންނެވެ. ރިޟާކާރުންނެވެ. ވެނިސްގެ ސަފީރު އަދި އެ މުޙާސިރާއާބެހޭ ޖާނަލެއްގެ މުސަންނިފް ބާބަރުދު (Barbardu) އަންދާޒާކުރައްވާގޮތުގައި އެލަޝްކަރުގެ ޢަދަދަކީ އެއްލައްކަ ފަސްދޮޅަސްހާހެވެ. އެކަމަކު ޕަރަންޒަސް (Puranzas) ލިޔުއްވާގޮތުގައި އެލަޝްކަރުގެ ޢަދަދަކީ ދެލައްކަ ފަންސާސް އަށްހާހެވެ. ޞައްޙަ ޢަދަދަކީ މިއީކަމުގައި ބެލެވެއެވެ. އޭނާއަކީވެސް އެދުވަސްވަރުގެ މުއައްރިޚެކެވެ." އަދި މިނޫންގޮތްގޮތަށްވެސް ރިވާޔަތްތައް ހުރެއެވެ.

سـلطـــان محمّـــد ثــانـــــى އެންމެފުރަތަމަވެސް ޤަބޫލުކުރެއްވީ މުއުމިނުންގެ އެންމެ ބާރުގަދަ ސިލޭޙައަކީ ދުޢާކަމެވެ. އެމަނިކުފާނު ނިހާޔަތަށް ސަމާލުކަން ދެއްވައިގެން އަސްބާބުތަކުގައި ހިފެހެއްޓެވިކަމުގައި ވިޔަސްވެހެވެ. سـلطـــان محمّـــد ޤުސްޠަންޠީނިއްޔާގެ ފާރުތަކުގެ ކުރިމަތީގައި ހުއްޓިވަޑައިގެންނެވީ ފުރިހަމަ އާރާއި ބާރާއެކުގައެވެ. ހައިބަތާއެކުގައެވެ. އެމަނިކުފާނުގެ ލަޝްކަރުގައި ވަރުގަދަ ހަތިޔާރާއި ގަދަފަދަ ހެވީންނާއެކު ދީނީ ޢިލްމުވެރީންނާއި ތަވާޟުޢުވެރި ޒާހިދު އަޅުވެރީންގެ ގެމައެއްވެސް ހިމެނުއްވިއެވެ. އެބޭކަލުންގެ އަސަރުގަދަ ޖޯޝީ ތަޤްރީރުތަކުން މުސްލިމު މުޖާހިދުންގެ ހިތްތަކުގައި ޖިހާދުގެ ރޫޙު ތާޒާކުރެއްވުމަށްޓަކައެވެ. ހިތްވަރުގަދަކަމާއި ސާބިތުކަމުގެ ޖަޒުބާތު އާވެއާލާވޭވެ ހުރުމަށްޓަކައެވެ. عــلاّمــــة أسـلـــم ޖޭރާޖުޕޫރީ ލިޔުއްވާގޮތުގައި سـلطـــان محمّـــد އޭނާގެ އަރިހުގައި آقــا شمــس الّــديــــن (ދުޢާ އިޖާބު ބޭކަލެއް) އާއި آقــا بــيـّــن ވެސް ގެންނެވިއެވެ. آقــا بــيـّــن އަކީވެސް ދީނީގޮތުން ނުހަނު އަރައިހުންނެވި ތަޤްވާވެރި ތަވާޟުޢުވެރި ބޭކަލެކެވެ. އެދެބޭކަލުންވެސް ނުހަނު އުފާފުޅުން ހިތްޕުޅުގެ އަޑީން سـلطـــان އާ ބައިވެރިވެވަޑައިގެންނެވިއެވެ. (ޖާމިޢާ)

سـلطـــان محمّـــد الــفــاتــــح ގެ މުސަންނިފް ލިޔުއްވައިފައިވެއެވެ. "ޤުސްޠަންޠީނިއްޔާގެ މުޙާޞިރާގެ ތެރޭގައި ޢުޘްމާނީ ލަޝްކަރުން ދެއްކި ހިތްވަރާއި ފަންވަރަކީ ތާރީފު ޙައްޤު ކަމެކެވެ. އެލަޝްކަރުގެ ކޮންމެމީހަކުވެސް ލަޝްކަރުގައި ބައިވެރިވީ މުޤައްދަސް ވާޖިބެއް އަދާކުރަނީކަމުގައި ބަލައިގެންނެވެ. ޙަޔާތުގައި ލިބޭނެ އެންމެބޮޑު ބާއްޖަވެރިކަން ލިބިގަންނަނީކަމުގައި ޔަޤީންކޮށްގެންނެވެ. އެ ޖަޒުބާތުގެ ސަބަބުން ޢުޘްމާނީ ލަޝްކަރުގައިވަނީ ވަރުގަދަ އައު ރޫޙެއް އުފެދިފައެވެ. އެންމެންވެސް ތިބީ ކޮންމެފަދަ އަގެއް ދައްކައިގެންވެސް ޤުސްޠަންޠީނިއްޔާ ފަތަޙަކުރާން ޢަޒުމު ކަނޑައަޅައިގެންނެވެ."

މިދެންނެވި މުސަންނިފް އިތުރަށް ލިޔުއްވައިފައިވެއެވެ. "ހަތަރުފަރާތުން ރަށް ޙިޞާރުކުރެވުނުހިނދު سـلطـــان محمّـــد ثــانـــــى ޝަހެންޝާހު ޤުސްޠަންޠީނަށް ޚަބަރު ފޮނުއްވިއެވެ. ހަނގުރާމައާއި ލޭއޮހޮރުވުން ފެށުމުގެކުރީން ތުރުކިޔޭއިންނާ ރަށް ޙަވާލުކުރައްވާށެވެ. މާތް اللّـــه ގެ އެތަކެއްހާސް އަޅުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައެވެ. އަޅުގަނޑު ވަޢުދުވަމެވެ. އޭގެބަދަލުގައި ރަށުގެ އެންމެންގެ ޖާނާއި މާލު ރައްކައުތެރިކޮށްދެވޭނެއެވެ. އެބައިމީހުންނަށް ހިތްހަމަޖެހުމާއެކު އެބައިމީހުންގެ ކާރުބާރު ދެމެހެއްޓޭނެއެވެ. އެކަމަކު ޝަހެންޝާހު ޤުސްޠަންޠީން އެކަން ޤަބޫލެއް ނުކުރެއްވިއެވެ. سـلطـــان محمّـــد ثــانـــــى ގެ ކުރިފުޅުމަތީގައި ހަނގުރާމަކުރެއްވުން ނޫން އެހެންގޮތެއްނެތެވެ.

سـلطـــان محمّـــد ރަށް ޙިޞާރުކުރެއްވުމަށްފަހު އެމަނިކުފާނުގެ ހެޑްކްއާޓަރުގެ ކުރިމަތީގައި ދިދަޖެއްސެވުމުގެކުރީން ތިންފަހަރު ސަޖިދަކުރެއްވިއެވެ. ފަތަޙަދެއްވުން އެދިވަޑައިގެން ދުޢާކުރެއްވިއެވެ. ޢުޘްމާނީ މުޖާހިދުންވެސް سـلطـــان އާ ބައިވެރިވިއެވެ. ޖަރުމަން މުސަންނިފް ސްޓާފުން ސުވޭގު/ޒުވޭގު ލިޔުއްވައިފައިވެއެވެ. "އޭނާގެ ހެޑްކްއާޓަރުގެ ކުރިމަތީގައި ދިދަ ވިހުރުވައިލެއްވުމުގެކުރީން އޭނާގެ މުސައްލަކޮޅު ގެންނާން އަމުރުކުރެއްވިއެވެ. މުސައްލަ ފަތުރައިލެވުނުހިނދު ހުސްފައިންޕުޅާ މުސައްލައަށް އަރައިވަޑައިގެން މައްކާއާ ދިމާޔަށް އެނބުރިވަޑައިގެން އޭނާގެ ނިތްކުރިފުޅު ތިންފަހަރު ބިންމަތީގައި ޖެއްސެވިއެވެ. (ސަޖިދަކުރެއްވިއެވެ.) އެވަގުތު އޭނާގެ ފަހަތްޕުޅުން އޭނާގެ އާމީގެ އެތަކެއްހާސް މީހުން އެބައިމީހުންގެ ސާހިބާއާ ތަބާވެ އެކަން ތަކުރާރުކުރިއެވެ. އަދި އޭނާ ވިދާޅުވި ބަސްފުޅު ތަކުރާރުކުރަމުން ގެންދިޔައެވެ. އެއީ އެއުރެންކުރި ދުޢާއެކެވެ. އާރާއި ބާރާއި ހަކަތައާއި ބުންވަރާއި ފަތަޙަދެއްވުންއެދި މާތް اللّـــه އަށް ކުރި ދުޢާއެކެވެ. محمّـــد އެހައިތަނުން މުސައްލައިން ތެދުވެވަޑައިގެންފިއެވެ. މާތް اللّـــه ގެ އަޅުވެރިޔާ އެހައިތަނުން ހަނގުރާމަވެރިޔަކަށް (މޭން އޮފް އެކްޝަން) ބަދަލުވެވަޑައިގެންފިއެވެ. މާތް اللّـــه ގެ އަޅަކު މާތް اللّـــه ގެ ސިފައިންގެ މީހަކަށް ބަދަލުވިކަހަލައެވެ." (ޞަފުޙާ: 43)

(ނުނިމޭ)