ގައުމީ އެއާލައިން، މޯލްޑިވިއަން އަށް މި އަހަރު އަލަށް ގެނައި އޭޓީއާރް މަތިންދާބޯޓުތަކުގެ ދަތުރުތައް މާދަމާ ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަން އެއާލައިން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން (އައިއޭއެސްއެލް) އިން މިއަދު ބުނީ އޭޓީއާރް ބޯޓުތައް އުދުހުންތަކުގައި ބޭނުންކުރަން ފެށުމުގެ ކުރިން ހަދަންޖެހޭ ސަލާމަތީ ބައެއް އިންސްޕެކްޝަންތައް ހެދުމަށްފަހު ޝެޑިއުލް ދަތުރުތަކަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އޭޓީއާރްގެ ފުރަތަމަ ފްލައިޓް މާދަމާ ހަވީރު މާލެއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބާއްވަން ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ބޭނުންކުރަމުންދާ ޑޭޝް މަރުކާގެ ބޯޓުތައް ބަދަލުކުރުމަށް އެ އެއާލައިނުން ގެންގުޅޭ ޕްލޭންގެ ދަށުން އޭޓީއާރު 600-72ގެ ދެ ބޯޓު ރާއްޖެ ގެނައީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުމުގެ ފެންވަރު ރަނގަޅުކުރުމަށް ރީޖަނަލް އެއާކްރާފްޓް އުފެއްދުމުގައި ދުުނިޔޭގައި އެންމެ މަގުބޫލު ފްރާންސްގެ އޭޓީއާރު ކުންފުނިން ގަނެގެން މޯލްޑިވިއަނުން ގެނައި މި ދެބޯޓަކީވެސް މުޅިން އާ ދެ ބޯޓެވެ. މިއީ ގައުމީ އެއާލައިނުން މުޅިން އާ ބޯޓުތަކެއް ގަތް ފުރަތަމަ ފަހަރެވެ. މި ދެ ބޯޓުގެ އިތުރުން އޭޓީއާރު 400-72ގެ އިތުރު ބޯޓެއް މި މަހު ރާއްޖެ ގެނެވޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ.

އޭޓީއާރު އެއާކްރާފްޓާ ގުޅޭ ގޮތުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވި ގޮތުގައި އާ ބޯޓުތަކާއެކު ޓެކްނިކަލް މައްސަލަ ޖެހިގެން ފްލައިޓު ޝެޑިއުލްތަކަށް ބުރޫ އެރުމުގެ ފުރުސަތު ކުޑަވާނެއެވެ. އަދި އާ ބޯޓުތަކާ އެކު މޯލްޑިވިއަންގެ ބޯޓުތަކުގެ އިން-ފްލައިޓް ހިދުމަތްތައްވެސް މިހާރަށްވުރެ ރަނގަޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭޓީއާރު އެއާކްރާފްޓުގެ ލުއި ސްޓްރަކްޗާ އާއި އޮޕްޓިމައިޒްޑް ސްޕީޑާއި އެއާކްރާފްޓުގައި ބޭނުންކުރާ PW127XT އިންޖީނަކާއެކު އޭޓީއާރު 600-72، އަކީ އެންމެ ފިއުލް ހަރަދު ކުޑަ އެއް ރީޖަނަލް އެއާކްރާފްޓެވެ. އޭޓީއާރުން ތެޔޮ އަންދާ މިންވަރު ކުޑަވުުމުގެ ސަބަބުން ޖައްވަށް ދޫކުރާ ވިހަ ގޭސް ބޭރުވުން މަދުވެ، ދަތުރުުގެ ހަރަދުވެސް ކުޑަވެގެންދެއެވެ.