މައިންބަފައިންނަށް މާތްކޮށް ހިތުމަކީ ދަރިންގެ މައްޗަށް ވާޖިބު ކަމެއް ކަމަށާއި އެ މީހުންނަށް އިހާނަތްތެރިކޮށް ހިތުމުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ ކުރިން ދުނިޔެމަތީގައިވެސް އެކަމުގެ އުގޫބާތް ލިބޭނެކަން މާތް ރަސޫލާ އަންގަވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"މައިންބަފައިންނަށް ކެމޭހިތުން" މި މައުޟޫއަށް ދިން ހުތުބާގައި ބުނީ, އިންސާނީ ނަސްލު ދެމިއޮތުމަށްޓަކައި މާތް الله މެދުވެރިކުރައްވާފައި ވަނީ މައިންބަފައިން ކަމަށާއި އެހެންކަމުން މާތް الله އަށް އަޅުކަންކުރުމަށް ގޮވާލެއްވި އަމުރުފުޅާ ވިދިގެން, މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި އަމުރުކުރައްވާފައިވާ ކަމަށެވެ.
ހުތުބާގައި ބުނީ, މައިންބަފައިންގެ ތެރެއިންވެސް ވަކިން ހާއްސަކޮށް މަންމަގެ ހައްގު ތިބާގެ މައްޗަށް ނުހަނު ބޮޑުވެގެންވާ ކަމަށެވެ. އަދި ދަރިންގެ މައްޗަށްވާ ބައްޕައިންގެ ހައްގުވެސް ވަކި ކުޑަނޫންކަން ކަމަށާއި އާއިލާ ބެލެހެއްޓުމަށް ބުރަ މަސައްކަތް ކުރުމާއި ދަރިންނަކީ ހެޔޮލަފާ ރަނގަޅު ބަޔަކަށް ހެދުމަށްޓަކައި ހޭދަކުރާ ވަގުތާއި ފައިސާއަކީ ވަރަށް އިހުލާސްތެރި މަގުސަދެއްގައި ކުރާ ހޭދައެއް ކަމަށް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ, މިއަދު އަހަރެމެންގެ ތެރެއިން ބައެއް ދަރިން, އެކުދިންގެ މައިންބަފައިން އުމުރުން ދުވަސްވުމުން އެ މީހުން ބަލަހައްޓަން ބޭނުން ނުވާ މަންޒަރު ފެންނަ ކަމަށެވެ. އެކަމުގެ ސަބަބުން އެ މައިންބަފައިން އެހެން މީހުން ގާތަށްގޮސް ސަލާމް ޖަހައިގެން ކައިބޮއެ އުޅޭއިރު, ދަރިން އުފަލާއި އަރާމުގައި އާއިލާއާއެކު އުފާކުރާ މަންޒަރު ފެންނަ ކަމީ ހިތާމަހުރި އަދި ކަނޑައެޅިގެން ހަރާމް ކަމެއް ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, ތިމާގެ ހަޔާތުގައި މަންމަ ނުވަތަ ބައްޕަ, އުމުރުން ދުވަސްވެ, ލޯބޯ ކޮށިވެފައިވާ ހާލުގައި އެ މީހުންނަށް އެހީތެރިވެ އަޅައިލުމަކީ ކޮންމެ ދަރިއެއްގެ ވާޖިބެއް ކަމަށާއި އެ ހާލުގައި އެ މީހުންގެ ފުށުން ކުރިމަތިވާ އުދަނގޫތަކަށް ކެތްތެރިވާންވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު