އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނު ވަޑައިގެންނެވި ރަށްރަށުން ފެނިވަޑައިގެންނެވީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުވެގެންދާނެ މަންޒަރު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް ލ. ކައްދުއަށް މިރޭ ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު ވަޑައިގެންނެވި ރަށްރަށުން ފެނިވަޑައިގެންނެވީ، މި ސަރުކާރާއެކު ކުރިއަށްދާން ތިބި މަންޒަރު ކަމަށެވެ. އެރަށްރަށުން ފެނިވަޑައިގަތީ ތަރައްގީގެ މަސައްކަތުގައި އެމްޑީޕީއާއެކު ކުރިއަށްދާން ތިބި ރައްޔިތުންތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެނުނު މަންޒަރަކީ ކޮންމެ ރަށަކުން ވެސް ބޮޑު ތަފާތަކުން މި އިންތިހާބު އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ މަންޒަރު. ލ އަތޮޅުން ގަމާއި ފޮނަދޫ އަދި އެހެން ރަށްރަށުގެ މަންޒަރު ވެސް އަޅުގަނޑަށް ވަރަށް ސާފު. ފެންނަނީ ހއ. ހދ. ށ. ނ. ރ. ބ. ޅ. އަށް ބެލިކަމުގައިވިޔަސް، މި ހުރިހާ އަތޮޅަކުންވެސް މި ހުރިހާ ރަށަކުން ވެސް ފެންނަނީ ބޮޑުތަނުން އަޅުގަނޑުމެން ކާމިޔާބުކުރާ ތަން," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދިރިއުޅުމެއް އުޅެވޭނީ އަސާސީ ކަންކަން ފުރިހަމަކޮށްދީގެން ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރުގައި އެއްވެސް ރަށެއް އަދި ސިޔާސީ ގޮތުން ހިޔާލުތަފާތުވާ ފަރާތްތައްވެސް ބާކީނުކޮށް އަސާސީ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެއަށް ތޮއްޖެހުން ކުޑަކުރަން އަތޮޅުތެރޭ ރަށްތައް ތަރައްގީކުރަން ޖެހޭ ކަމަށެވެ. ލ. ކައްދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަދި ލ. ގަމުގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް ތަރައްގީކޮށް ނިމުމުން އެކަން ވެގެންދާނީ މުޅި ދެކުނުގެ އަތޮޅުތަކަށް ލިބިގެންދާ ބޮޑު ކުރިއެރުމަކަށް ކަމަށާއި އެކަމުގެ ސަބަބުން މާލެއަށް ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ތިޔަބޭފުޅުންގެ ކިބައިން މިހުރިހާ ކަމަކާ ދޭތެރޭގައި ވިސްނަވައި ޕާޓީގެ އެތެރޭގައި މިއޮތް ޕްރައިމަރީގައި ވޯޓު ދެއްވުން. އެ ވޯޓަކީ ބޭކަރުވެ، ބާކިވެގެންވެގެންދާ އެއްޗެއްގެ ގޮތުގައި ނުހެއްދެވުން. އަޅުގަނޑުމެންނަށް ވަރަށް ސާފު، އަޅުގަނޑަށް ވަރަށް ސާފު މި އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނެ. އެހެންވީމާ އަޅުގަނޑުމެން މިހޯދާ ކާމިޔާބީގައި ލ. އަތޮޅު އެކަހެރިވެ އޮތުމަކީ އަޅުގަނޑު އެދޭކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ލ. އަތޮޅުގެ ރަށްތައް ގުޅާލުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށާއި މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެ މަނިކުފާނު ލ. އަތޮޅަށް އަލުން ވަޑައިގަންނަވާ އިރު، އެ މަސައްކަތް ފެށިގެން ކުރިއަށްދާ މަންޒަރު ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ލ. އަތޮޅަކީ ވިޔަފާރީގެ މައި ހަބަކަށް ވާނެ އަތޮޅެއް ކަމަށާއި އެކަން ކުރެވެން އޮތީ ކައްދޫ އެއާޕޯޓުގެ ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރެވިގެން ކަމަށެވެ. ކައްދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފެށިގެންދާ މަންޒަރު ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އޮތީ ތަފާތު ސިޔާސީ ފިކުރުތަކުގެ މީހުންނާ ގުޅިގެން ކަމަށާއި އެކަން ކުރެއްވޭނެ ބޭފުޅަކީ އެ މަނިކުފާނު ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބަށް ނުކުމެވަޑައިގެން ހުންނެވީ އެމްޑީޕީ މެމްބަރުން މަގުމަތިވިޔަ ނުދިނުމަށް ކަމަށެވެ.