ރާއްޖޭގެ މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓަރުން ކްލަބު، މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓާސް ކްލަބު މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ ގްރޫޕް އޭގައި ރޭ ރޮކްޒްއާއި ރޭމްޕޭޖް މުހިންމު މޮޅުތަކެއް ހޯދި އިރު، ގްރޫޕް ސީން ސްކޯޕިއަން ސިޓީ ކުއާޓާ ފައިނަލް ޔަގީންކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް މިހާރު ކުރިއަށްދާ އިރު، ރޭ ކުޅެފައިވަނީ ގްރޫޕް އޭގެ ދެ މެޗާއި ގްރޫޕް ސީގެ ދެ މެޗެވެ.
ގްރޫޕް އޭގައި ފަސް ޓީމަކުން ވާދަކުރަމުން އަންނަ އިރު، ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ދެ މެޗުން ހަ ޕޮއިންޓާއެކު ރޮކްޒްއާއި ރޭމްޕޭޖް ވަނީ ކުއާޓާގެ އުންމީދު ހޯދައިފައެވެ. ރޮކްޒްއިން ތިން މެޗުން ހަ ޕޮއިންޓް ހޯދި އިރު، އެ ގްރޫޕްގައި ދެން ހަ ޕޮއިންޓާއެކު އޮތް ލ. ގަން ފުޓްސަލް ޓީމާއި ރޭމްޕޭޖުން ދެ މޮޅު ހޯދީ ދެ މެޗުންނެވެ. އެހެންކަމުން މި ވަގުތު އެ ގްރޫޕުން ކުއާޓާގެ ފުރުސަތު އެންމެ ފުޅާކޮށް އޮތީ ގަން ފުޓްސަލް ޓީމާއި ރޭމްޕޭޖަށެވެ.
ރޭ ރޭމްޕޭޖުން ވަނީ 14-2 އިން ރިޕްލޭ އެފްސީ ބަލިކޮށް، ތަފާތު ބޮޑު މޮޅެއް ހޯދައިފައެވެ. ރޭމްޕޭޖުގެ އިސްމާއީލް ވަޖީހު (ވައްޖެ)އާއި އަބްދުﷲ ޝައްފާން (ޝާކާ)، ކޮންމެ ކުޅުންތެރިޔަކު ހަތަރު ގޯލު ޖެހި އިރު، އިސްމާއީލް ވިފާގާއި އަހުމަދު ވިޖުދާން (ވިޖުއްކޮ) ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިފައެވެ. ރިޕްލޭ އެފްސީ ކުޅުންތެރިން އަތުން ބައިކޮޅަށް ދެ ގޯލް ވަނެވެ. ރިޕްލޭ އެފްސީގެ ދެ ގޯލް ޖަހައިދިނީ ތައުމީން ނޫހާއި އިބްރާހީމް ސައިފެވެ.
ގްރޫޕް އޭގައި ރޭ ރޮކްޒްއިން ޖޭކޭ ސްޕޯޓްސް ކްލަބު ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. ރޮކްޒްގެ ގޯލްތައް ހަސަން އިބްރާހީމާއި ފާރޫގު އިސްމާއީލް ޖަހައިދިން އިރު، ޖޭކޭގެ ގޯލް ޖެހީ ހަސަން އިރުފާނެވެ.
ގްރޫޕް ސީގައި ޒެފާސް ވަނީ ރޭ ގެލެކްޓިކޯ ކައިރިން 13-1 އިން މޮޅުވެފައެވެ. ފުރަތަމަ މެޗުގައި ޒެފާސްއިން ސްކޮޑްރާ އެސްސީއާ އެއްވަރުވެފައި އޮތުމުން ރޭގެ މެޗުން މޮޅެއް މުހިންމުވެފައި އޮތްއިރު، މެޗުގައި ޒެފާސްގެ އިބްރާހީމް ރަފާހް ވަނީ ހަތް ގޯލް ޖަހައިފައެވެ. އޭގެ އިތުރުން އަންސަރު އިބްރާހީމް (އަންކޮ) ހަތަރު ގޯލް ޖަހައިދިން އިރު، އަރުޝަމް އިސްމާއީލާއި އިފްހާމް ރަޝާދު ވަނީ ކޮންމެ ކުޅުންތެރިޔަކު ގޯލެއް ޖަހައިފައެވެ.
ގެލެކްޓިކޯގެ ކުޅުންތެރިޔަކު އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވާއިރު، ގެލެކްޓިކޯގެ ހަމައެކަނި ގޯލު ޖެހީ އަބްދުލްރަހުމާން ބައްސާމް އަލީއެވެ.
ގްރޫޕް ސީން ކުއާޓާ ޔަގީންކުރި ފުރަތަމަ ޓީމަކަށް ސްކޯޕިއަން ސިޓީ ވެފައިވާ އިރު، އެ ޓީމުން ކުއާޓާ ޔަގީންކުރީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެގެންނެވެ. ފުރަތަމަ މެޗުގައި ގެލެކްޓިކޯ ބަލިކޮށްފައި އޮތް ސްކޯޕިއަން ސިޓީން ރޭ ސްކޮޑްރާ އެސްސީ ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ.
ސްކޯޕިއަން ސިޓީގެ މުހައްމަދު ނާއިލް މެޗުގައި ދެ ގޯލް ޖެހި އިރު، އެ ޓީމުގެ އަނެއް ގޯލް ޖެހީ އަބްދުލް މަތީނެވެ. ސްކޮޑްރާގެ ދެ ގޯލް ޖެހީ މުހައްމަދު ވިލްފާއި އަހުމަދު އައްސަދެވެ.
އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގައި މި އަހަރު 17 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހަތަރު ގްރޫޕެއްގެ މެޗުތައް ކުޅޭނެއެވެ. ގްރޫޕް އޭ ފިޔަވައި ދެން ކޮންމެ ގްރޫޕެއްގައިވެސް ހިމެނެނީ ހަތަރު ޓީމެވެ. ގްރޫޕް އޭގައި ފަސް ޓީމު ވާދަކުރާނެއެވެ.
ހަތަރު ގްރޫޕުން ކޮންމެ ގްރޫޕެއްގެ އެއްވަނަ އާއި ދެވަނަ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ އުސޫލުން މުބާރާތް ކުރިއަށް ގެންދަން ރާވާފައިވާ އިރު، ކުއާޓާގެ މެޗުތައް އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ.
އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ މިއަހަރުގެ މުބާރާތް އެކިއެކި ފަރާތްތަކުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ އިރު، ޗެމްޕިއަން ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
އެމްޔޫއެސްސީ ފުޓްސަލް މުބަރާތުގެ މިއަހަރުގެ ކޯ ސްޕޮންސަރުންނަކީ ކެމްޓޯނޯ އަދި ބޭނުން ޓެކެވެ. އޮފިޝަލް ޑްރިންކަކީ އޭޝިއާ ފާމްގެ ޕާޕަލް ޓީއެވެ. އެހެނިހެން ސްޕޮންސަރުންގެ ތެރޭގައި ޑައިމްޔޯ ސްޕޯޓްސް، ޕެސްޓާމިނޭޓާސް ހިމެނެއެވެ. އޮފިޝަލް ކިޓް ޕާޓްނަރަކަށް ޖޯޒްޓީ ހަމަޖައްސާފައިވާއިރު، އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އިންކެޑް މޯލްޑިވްސް އެވެ. އޮފިޝަލް ބޯޅަ ސްޕޮންސާ ކޮށްފައި ވަނީ މާކީ އެމްވީއެވެ. ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ.
މިއަހަރުގެ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ އޮން ލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
20:00 ކަންމަތި އެސްސީ - އެލްއެފް އެސްސީ
21:00 ކެޕްޓަން އެސްސީ - އައްޔަނި އެސްސީ
22:00 އައިސީއޭ އެފްސީ - ކްލަބު ޓީއެންޓީ
23:00 އެފްސީ ކާމްސް - ދަ ވަން އެސްސީ
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް