އައްޑޫ ސިޓީގައި ގާއިމުކުރާ ކުނި އަންދައިގެން ހަކަތަ އުފައްދާ ވޭސްޓް އެނާޖީ ޕްލާންޓް، އަންނަ ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

މި ޕްލާންޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "ވަން" އަށް މިއަދު ވިދާޅުވީ، ރާއްޖޭގެ އެންމެ ދެކުނަށް އަމާޒުކޮށްގެން އެ މިނިސްޓްރީން ކުރިއަށް ގެންދާ "އައްޑޫ ސިޓީ ވޭސްޓް ރީޖަނަލް ވޭސްޓް މެނޭޖުމަންޓް ފެސިލިޓީ" ގާއިމުކުރުމަށް ބޭނުންވާ ވޭސްޓް އެނާޖީ ޕްލާންޓް ރާއްޖެއިން ބޭރުގައި ޑިޒައިންކޮށް އުފައްދައި ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި މި ޕްލާންޓުގެ އިންސްޓަލޭޝަންގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު މި ކުރިއަށްދަނީ މި ޕްލާންޓު ހިންގުމަށްޓަކާ ހަދަންޖެހޭ ކޮންޓްރޯލް ބިލްޑިންގައި ވޭސްޓް އިންޓޭކް ބިލްޑިންގެ މަސައްކަތްތައް," އޭނާ ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ މިއީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޑިޒައިން ކޮށްފައިވާ ޕްލާންޓެއް ކަމަށާއި މީގެއިން 1.5 މެގަވޮޓުގެ ކަރަންޓް އުފައްދާނެ ކަމަށެވެ. އަދި މި ޕްލާންޓުން އުފައްދާ ކަރަންޓުގެ ތެރެއިން އެއް މެގަވޯޓުގެ ކަރަންޓު އައްޑު ސިޓީގެ ސެންޓްރަލް ގްރިޑަށް ފީޑު ކުރެވޭނެ ކަމަށާއި ބާކީ 500 ކިލޯވޮޓު ބޭނުން ކުރާނީ ވޭސްޓު މެނޭޖުމަންޓު ފެސިލިޓީގެ ބޭނުންތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

އަލީ ސޯލިހު އިތުރަށް ވިދާޅުވީ މި މަސައްކަތް އަންނަ ޖުލައި މަހަށް ނިންމުމަށް ވަރަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ޕްލާންޓު ރާއްޖެ ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.