ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު މުޅި ބޮޑުތިލަދުންމަތީގެ އިގުތިސޯދު ފުޅާވެ، ފެނުން ތޮޅިލައި އުދަވާން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް މިރޭ ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަކީ ބޮޑުއުތުރާއި މުޅި ބޮޑުތިލަދުންމައްޗަށް ތާރީހުގައިވެސް އަންނާނެ އެންމެ ބޮޑު ބަދަލު ކަމަށެވެ. މިއަދަކީ ތިލަދުންމައްޗާއި މިލަމަޑުލު އުތުރަށް އުފާވެރި ދުވަހެއް ކަމަށާއި ހަނިމާދޫ އާއި ބޮޑުތިލަދުންމަތީގެ ރައްޔިތުން ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހުނު ދުވަހެއް ކަމަށެވެ.
"މި އެއާޕޯޓް ވެގެންދާނީ ބޮޑުތިލަދުންމައްޗާއި މި އުތުރުގެ ރައްޔިތުން ފަހުރުވެރިވާނެފަދަ ޒަމާނީ އެއާޕޯޓަކަށް. މި އެއާޕޯޓް ނިމުމާއެކު ސީދާގޮތުންނާއި ނުސީދާގޮތުން މި ސަރަހައްދުގެ އިގުތިސޯދު ފެނުން ތޮޅިލައި އުދަވާން ފަށާނެ،" ރައީސް ވިދާޅުވިއެވެ.
އެއާޕޯޓް ނިމުމާއެކު އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެ ކަމަށާއި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކާއި ރިސޯޓުތަކުގެ އެނދުތައް ބޮޑުތިލަދުންމަތީގައި އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށެވެ. އެކި ބާވަތްތަކުގެ ވިޔަފާރިތަކާއި އިގުތިސޯދީ މަސައްކަތްތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއާޕޯޓް ނިމުމުން އިގުތިސޯދީ ވަރުގަދަ ހަބަކަށް ބޮޑުތިލަދުންމަތި ހެދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެކަން ދިވެހިން ތަޖުރިބާކޮށްފައިވާ ކަމަށާއި ބައިނަލްއަގުވާމީ އެއާޕޯޓަކީ ތަރައްގީގެ ރަސްމަގަށް ހުޅުވޭ މައި ދޮރާށިކަން ސާބިތުވެފައިވާ ކަމަށެވެ. އޭގެ ދިރިދިރި އޮތް މިސާލަކީ މާލެ ސަރަހައްދުގައި އޮތް ހުޅުލެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެއާޕޯޓް ނެތް އިރުވެސް ހުޅުލެއަކީ ހަމަ ހަނިމާދޫހެން އޮތް ހަނި ދިގު ރަށެއް. ހުޅުލެއާ ކައިރީގައި ހުރީވެސް މުޅި ރާއްޖޭގެ އެހެން ރަށްތައްފަދަ ރަށްތަކެއް. މޫސުމާއި އޮޔާއި ވަޔާއި ކަނޑުފަޅު، ވިލާ، ވެލީގެ ހިމުން އޮމާންކަމާއެކުގައި. މިތާ ނެތް އެއްޗެއް އެތާކު ވަކި ނެތް. މާލެ ސަރަހައްދަށް ބާރު ސްޕީޑްގައި އައި ކުރިއެރުމުގެ އެންމެ ފުނުގައި ވިންދު ޖަހާ އޮތް ސަބަބާއި ސިއްރަކީ ހުޅުލޭގައި ދަމާލި އިންޓަނޭޝަނަލް އެއާޕޯޓް. މާލޭގެ ވިޔަފާރިތައް ފުޅާވެ، މަސްމާރުކޭޓުން ފެށި މަހުގެ ވިޔަފާރި، ދުނިޔޭގެ ކަންކޮޅުތަކަށް ވާސިލްވާން ފެށި. އަދި ދުނިޔޭގެ ބައްރުތަކަށް، ރާއްޖޭގެ ރަށްތަކާއި މީހުން ގުޅުވާލަދިނީ ހުޅުލޭ އެއާޕޯޓް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބޮޑުތިލަދުންމައްޗާއި ރާއްޖޭގެ އުތުރަށް ޖެހެން މި ފެށީ ބޮޑު ބަދަލުގެ ހެޔޮ ރޯޅި ކަމަށެވެ. މި ބަދަލު ގެނެވެނީ ވަކި ހާއްސަ ކަންތައްތަކެއް، ވަކިގޮތަކަށް ކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.