ކުޅިވަރު

އިތިއޮޕިޔާ ބަލިކޮށް އަލްޖީރިޔާއިން ނޮކްއައުޓްބުރު ޔަގީންކޮށްފި

އިމާދު ލަތީފު

އަލްޖީރިއާގައި މިހާރު ކުރިއަށްދާ އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އަންގާރަ ދުވަހުގެ ރޭ އިތިއޮޕިޔާއާ ވާދަކޮށް އެކެއް ސުމަކުން މޮޅުވެގެން ނޮކްއައުޓް ބުރު އަލްޖީރިއާއިން ޔަގީންކޮށްފިއެވެ.

ޖަޒާއިރުގެ ނެލްސަން މަންޑޭލާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރަަށު ޓީމަށް ގޯލްޖަހައިދިނީ 52 ވަނަ މިނެޓުގައި އައިމަން މަހިޔޫސްއެވެ. މުބާރާތް ހުޅުވި މެޗުގައި ލީބިޔާ ކޮޅަށް ލަނޑުޖަހައި އަލްޖީރިއާ މޮޅުކޮށްދިނީވެސް އޭނާއެވެ. މިގްރޫޕްގައި އަންގާރަ ދުވަހުގެ ރޭ ލީބިޔާއާ ވާދަކޮށް ތިނެއް ދޭކުން މޮޅުވެގެން މޮޒަމްބީގުވެސް ވަނީ ނޮކްއައުޓް ބުރުގެ އުންމީދު އާކޮށްފައެވެ.

ގްރޫޕް އޭގައި މޮޒަންބީގަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަލްޖީރިޔާއަށް ދެ މެޗުން ހަ ޕޮއިންޓެވެ. އިތިއޮޕިޔާއަށް ދެ މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު، ލީބިޔާއަށް ސުން ޕޮއިންޓެވެ. ގްރޫޕް އީގައި ހޯމަ ދުވަހު ކެމެރޫނާއި ކޮންގޯ ބައްދަލުކުރި މެޗު އެކެއް ސުމަކުން ކާމިޔާބުކުރީ ކެމެރޫނެވެ. ލަނޑުޖަހައިދިނީ 63 ވަނަ މިނެޓުގައި އެމްބެކޭލީއެވެ. ގްރޫޕް ސީގައި ގާނާ އާއި މަޑަގަސްކަރަ ވާދަކޮށް ދޭއް އެކަކުން މޮޅުވީ މަޑަގަސްކަރައެވެ. ގްރޫޕް ޑީގައި މާލީ އާއި އެންގޯލާ ވާދަކުރި މެޗު ނިމުނީ ތިނެއް ތިނަކުން އެއްވަރުވެގެންނެވެ.

މި މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް ބީގެ ދެ މެޗެވެ. އެއް މެޗުގައި ވާދަކުރާނީ އައިވަރީ ކޯސްޓާއި ޑިމޮކްރަޓިކް ކޮންގޯއެވެ. އަނެއް މެޗުގައި ސެނެގޯލާއި ޔޫގެންޑާއެވެ. މި މުބާރާތަކީ ކޮންމެ ގައުމެއްގައިވެސް އެތަނެއްގެ އަމިއްލަ ލީގުގައި ކުޅޭ ކުޅުންތެރިންނަށް ވާދަކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ހާއްސަ މުބާރާތެކެވެ. ޔޫރަޕުގެ ލީގެއްގައި ކުޅޭ އެއްވެސް ކުޅުންތެރިޔަކު މި މުބާރާތަކުން ނުފެންނާނެއެވެ.