އާސެނަލުން އެންމެފަހުން ޓޮޓެހަމްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ހިނގި ކަންތައްތަކުގެ ތެރެއިން، އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް ގައިގައި ޖެހި ޓޮޓެންހަމް ސަޕޯޓަރު ހައްޔަރުކޮށް، އޭނާގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލުން އެންމެފަހުން ކުޅުނު މެޗުގައި ޓޮޓެންހަމް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ނޯތު ލަންޑަން ޑާބީން އާސެނަލް ހޯދި މޮޅާއެކު އެޓީމު މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ އަށް ޕޮއިންޓްގެ ލީޑެއްގައެވެ. ލީގުގައި އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އާސެނަލް މޮޅުވެފައިވާ އިރު، އެޓީމަށް ވަނީ 18 މެޗުން 47 ޕޮއިންޓް ލިބިފައެވެ.
ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން މިހާތަނަށް ކުޅުނު 18 މެޗުން އެޓީމަށް ލިބިފައިވަނީ 39 ޕޮއިންޓެވެ.
އެރޭގެ މެޗު ނިމުނުތަނާ ރެމްސްޑޭލް ދަނޑު ބޭރަށް ފެންފުޅި ބަލައި ދިޔަ މަންޒަރު ފެނިފައިވާ އިރު، އެ ފެންފުޅި ބަލައި ދިޔަ ވަގުތު ޓޮޓެންހަމް ސަޕޯޓަރަކު ވަނީ ގޯލް ކައިރިން ދަނޑަށް އަރަން މަސައްކަތް ކޮށް، ރެމްސްޑޭލް ގައިގައި ފައިން ޖަހައިފައެވެ. ރެމްސްޑޭލަށް ޓޮޓެންހަމް ސަޕޯޓަރު ހަމަލާ ދިނުމާއެކު ދެޓީމުގެ ކުޅުންތެރިންގެ މެދުގައިވެސް ކޮންމެވެސް ވަރެއްގެ ނުތަވަސްކަމެއް އުފެދި، ބަހުގެ ހަމަލާތައް ބަދަލު ކޮށްފައިވެއެވެ. އާސެނަލް ކޯޗު މިކޭލް އާޓެޓާވެސް ކުޅުންތެރިން ދުރުކުރަން މަސައްކަތް ކުރިތަން ފެނިގެން ގޮސްފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ލަންޑަނުގެ މެޓްރޯޕޮލިޓަން ޕޮލިހުން ބުނީ ޓޮޓެންހަމްގެ ސަޕޯޓަރުގެ މައްސަލަ ބަލަމުންދާ ކަމަށާއި އޭނާގެ މައްޗަށް އުފުލާނީ މީހަކަށް ހަމަލާ ދީ، މާރާމާރީ ހިންގަން މަސައްކަތް ކުރި ކަމުގެ މައްސަލައެއް ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ ޓޮޓެންހަމްގެ ސަޕޯޓަރު، އުމުރުން 35 އަހަރުގެ ޖޯސެފް ވޮޓްސް ހައްޔަރު ކޮށްފައެވެ. އޭނާގެ މައްސަލައިގައި ފުރަތަމަ އަޑު އެހުން ހައިބްރީ މެޖިސްޓްރޭޓް ކޯޓުގައި އިއްޔެ ވަނީ ބާއްވައިފައެވެ.
އާސެނަލްގެ ގޯލްކީޕަރު ރެމްސްޑޭލަށް ހަމަލާ ދިން މައްސަލަ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ވަނީ ކުށްވެރިކޮށްފައެވެ. އަދި އެ ސަޕޯޓަރު އުމުރު ދުވަހަށް ސަސްޕެންޑް ކުރުމަށް އެ އެސޯސިއޭޝަނުން ގޮވާލިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު