އޮސްޓްރޭލިއަން އޯޕަން އެންމެފަހުގެ ފިރިހެން ޗެމްޕިއަން ރަފޭލް ނަޑާލް، މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރުން މިއަދު ކަޓައިފިއެވެ.
މިއަދު ކުޅުނު ދެވަނަ ބުރުގެ މެޗުގައި ނަޑާލް ބަލިވީ އެމެރިކާގެ މެކެންސީ މެކްޑޮނާލްޑް އަތުން، ސީދާ ތިން ސެޓުންނެވެ. މިއީ 2016 ވަނަ އަހަރަށްފަހު ނަޑާލް، އޮސްޓްރޭލިއަން އޯޕަންގައި ކެޓި އެންމެ އަވަސް ފަހަރެވެ. މިއަދުގެ މެޗުގައި ނަޑާލަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފައިގެ ފަލަމަސްގަނޑަށް ތަދުވުމެވެ. ދެވަނަ ސެޓްގެ ފަހު ކޮޅުގައި މެޑިކަލް ޓައިމް އައުޓެއް ނަގައި، ފަރުވާ ހޯދުމަށްފަހު ނަޑާލް ކުޅެން ނުކުތް ނަމަވެސް އޭނާއަށް އެކަށޭނެ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
އުމުރުން 36 އަހަރުގެ ނަޑާލް، މިދިޔަ އަހަރު ކާމިޔާބުކޮށް ނިންމާލި އިރު، އޭނާ އަހަރު ފެށީ އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްގެންނެވެ. ނޯވަކް ޖޮކޮވިޗްގެ ވިސާ މައްސަލައިގައި މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ބޮޑު ޑްރާމާ ގަނޑެއްގެ ތެރެއިން ފެށި އިރު، އެފަހަރުގެ ފައިނަލް ނަޑާލް ކާމިޔާބުކުރީ ޑެނީލް މެޑްވެޑޭވް ބަލިކޮށްފައެވެ. އޭގެ ފަހުން މިދިޔަ އަހަރު ނަޑާލް ވަނީ 14 ވަނަ ފަހަރަށް ފްރެންޗް އޯޕަން ކާމިޔާބު ކޮށްފައެވެ.
މިއަދުގެ މެޗުގެ ސެޓުތައް 6-4، 6-3 އަދި 7-5 އިން މެކްޑޮނާލްޑް ކާމިޔާބުކުރި އިރު، ނަޑާލް ފައިބައިގެން ދިޔައީ މާޔޫސްކަމުގައެވެ. އަނިޔާގެ ސަބަބުން ނަޑާލްގެ ފޯކަސް ގެއްލި މެޗުގެ ކޮންޓްރޯލް ގެއްލިގެން ދިޔުމާއެކު މެކްޑޮނާލްޑް ވަނީ ފައިދާ ނަގައި ފަސޭހަކޮށް ފަހު ދެ ސެޓުގައި ކުޅެފައެވެ.
ނަޑާލް ކޯޓުން ފައިބައިގެން ދިޔަ އިރު، އޭނާގެ އަންހެނުންނާއި ސަޕޯޓް ޓީމްވެސް ފެނުނީ ރޮވިފައި ތިބި ތަނެވެ.
މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ މެޗުތައްވެސް ކުރިއަށްދާ އިރު، އެއްމާ ރަޑުކާނޫ މިއަދު ވަނީ ކަޓައިފައެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް