ޚަބަރު

އާރްސީސީގެ ވޭނެއްގައި ބަނގުރާ އުފުލި ޑްރައިވަރު ޑީޕޯޓްކޮށްލައިފި

މުހައްމަދު އިޝާން

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)ގެ ވޭނެއްގައި ބަނގުރާ އުފުލި ޑްރައިވަރު ޑިޕޯޓްކޮށްލައިފިއެވެ.

އާރްސީސީއަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމްގެ އާއިލީ ކުންފުންޏެވެ.

މިމަހުގެ 11 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ، ހުޅުމާލޭގައި ދުއްވާފައި ދިޔަ ވޭނަކާމެދު ތުހުމަތު ކުރެވިގެން އެ ވޭން ބަލައި ފާސްކުރުމުގެ ތެރޭގައި ބަނގުރާ ފުޅިތަކަކާއި ބަނގުރާ ދަޅުތަކެއް ފެނިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އާރްސީސީން މިއަދުކުރި ޓުވީޓެއްގައި ބުނީ، ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް އެ ކުންފުނިން ނުކުރާނެ ކަމަށާއި އަދި އެފަދަ ކަމެއް ކުރުމަށް ހިތްވަރުވެސް ނުދޭނެ ކަމަށެވެ.

"މި ކުންފުނީގެ ވޭނެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއް ފެނުނު މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު އިހުމާލުވާ ޑްރައިވަރު މިއަދު ވަނީ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލެވިފައި،" އާރްސީސީން ބުންޏެވެ.

ބަނގުރާ ފުޅިތައް ފެނުނު މައްސަލައިގައި ނާޒިމް ވިދާޅުވެފައިވަނީ އެ މައްސަލަ ސީރިއަސްކޮށް ބައްލަވާނެ ކަމަށާއި އެއީ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި އާއިލީ ކުންފުނީގެ މުވައްޒަފަކަށް ވިޔަސް، ގަވައިދާ ހިލާފު އަމަލެއް ހިންގައިފި ނަމަ އެކަން ބައްލަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.