ރާއްޖޭގެ މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓަރުން ކްލަބު، މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓާސް ކްލަބު މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ ގްރޫޕް ބީއާއި އޭގައި ރޭ ކުޅުނު މެޗުތައް، ލ. ގަން ފުޓްސަލް ޓީމް، ރޮކްސްގެ އިތުރުން އެފްސީ ކާމްސްއާއި ދަން ވަން ސްޕޯޓްސް ކްލަބުން ކާމިޔާބު ކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް މިހާރު ކުރިއަށްދާ އިރު، ރޭ ކުޅެފައިވަނީ ގްރޫޕް އޭއާއި ގްރޫޕް ބީގެ ދެވަނަ ބުރުގެ މެޗުތަކެވެ. ގްރޫޕް އޭގައި ފަސް ޓީމަކުން ވާދަކުރަމުން އަންނަ އިރު، ރޭ ކުޅުނު މެޗުންވެސް ލ. ގަން ފުޓްސަލް ޓީމް މޮޅުވެ، އެޓީމުން ވަނީ ކުއާޓާ ފައިނަލްގެ އުންމީދު ބޮޑު ކޮށްފައެވެ. ފުރަތަމަ މެޗުގައި ގަން އަތުން ބަލިވި ރޮކްޒް ވަނީ ރޭގެ މެޗުގައި ރިޕްލޭ އެފްސީ 2-0 އިން ބަލިކޮށްފައެވެ.

ލ. ގަމު ފުޓްސަލް ޓީމުން ރޭ ޖޭކޭ ސްޕޯޓްސް ކްލަބު ބަލިކުރީ 6-2 ގެ ނަތީޖާއަކުންނެވެ. ގަމުގެ ގޯލްތައް އަބްދުﷲ ޖުނައިދު (ޖޭނޭ)އާއި އަހުމަދު ހަލީމް (އަންމަޑޭ) އަދި ހުސައިން ނާޝިދު (ނާއްޓޯ) ޖަހައިދިން އިރު، ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ގޯލް ޖަހައިފައެވެ.

ޖޭކޭގެ ގޯލްތައް ޖަހައިދިނީ އަހުމަދު ސިޒާނާއި އަލީ ސިނާހެވެ.

ރޮކްސްއިން ރިޕްލޭ އެފްސީ ބަލިކުރި މެޗުގައި ރޮކްޒްގެ ގޯލްތައް ޖަހައިދިނީ ފާރޫގު އިސްމާއީލާއި އަހުމަދު ނާހިލް އިބްރާހީމެވެ.

ގްރޫޕް ބީގައި ކާމްސްއިން ކުޅުނު ދެވަނަ މެޗު އެޓީމުން ރޭ ކާމިޔާބުކުރީ ކްލަބު ޓީއެންޓީ ކައިރިން 3-1 ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕުގައި ޓީއެންޓީން ކުޅުނު ފުރަތަމަ މެޗުގައި ދަ ވަން އެސްސީ ކައިރިން މޮޅުވެފައި އޮތުމުން، އެޓީމަށްވެސް އަދި ކުއާޓާގެ ފުުރުސަތު އެބައޮތެވެ.

ރޭ ދަ ވަން އެސްސީން 3-1 އިން އައިސީއޭ އެފްސީ ބަލިކުރުމުން، ދަ ވަން އެސްސީއަށްވެސް އަދި ކުއާޓާގެ ފުރުސަތު އޮތް އިރު، އައިސީއޭ ވަނީ ކަޓައިފައެވެ.

ކާމްސްއިން ޓީއެންޓީ ބަލިކުރި މެޗުގައި ކާމްސްގެ ގޯލްތައް ޖަހައިދިނީ މުހައްމަދު ރިފާއުއާއި ހުސައިން ނިހާން (ނިހާޓް)ގެ އިތުރުން ތޮލާލް ނަސީރެވެ. ޓީއެންޓީގެ ގޯލް ޖަހައިދިނީ ނަޝާހް މުހައްމަދެވެ.

ދަ ވަން އިން ރޭ ހޯދި މޮޅުގައި ގޯލްތައް ޖަހައިދިނީ މުހައްމަދު ނައްވާފާއި އަހުމަދު ޝަދާނެވެ. ޝަދާން މެޗުގައި ދެ ގޯލް ޖެހި އިރު، އައިސީއޭގެ ގޯލް ޖަހައިދިނީ ހަސަން މާޒިނެވެ.

އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގައި މި އަހަރު 17 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހަތަރު ގްރޫޕެއްގެ މެޗުތައް ކުޅޭނެއެވެ. ގްރޫޕް އޭ ފިޔަވައި ދެން ކޮންމެ ގްރޫޕެއްގައިވެސް ހިމެނެނީ ހަތަރު ޓީމެވެ. ގްރޫޕް އޭގައި ފަސް ޓީމު ވާދަކުރާނެއެވެ.

ހަތަރު ގްރޫޕުން ކޮންމެ ގްރޫޕެއްގެ އެއްވަނަ އާއި ދެވަނަ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ އުސޫލުން މުބާރާތް ކުރިއަށް ގެންދަން ރާވާފައިވާ އިރު، ކުއާޓާގެ މެޗުތައް އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ.

އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ މިއަހަރުގެ މުބާރާތް އެކިއެކި ފަރާތްތަކުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ އިރު، ޗެމްޕިއަން ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

އެމްޔޫއެސްސީ ފުޓްސަލް މުބަރާތުގެ މިއަހަރުގެ ކޯ ސްޕޮންސަރުންނަކީ ކެމްޓޯނޯ އަދި ބޭނުން ޓެކެވެ. އޮފިޝަލް ޑްރިންކަކީ އޭޝިއާ ފާމްގެ ޕާޕަލް ޓީއެވެ. އެހެނިހެން ސްޕޮންސަރުންގެ ތެރޭގައި ޑައިމްޔޯ ސްޕޯޓްސް، ޕެސްޓާމިނޭޓާސް ހިމެނެއެވެ. އޮފިޝަލް ކިޓް ޕާޓްނަރަކަށް ޖޯޒްޓީ ހަމަޖައްސާފައިވާއިރު، އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އިންކެޑް މޯލްޑިވްސް އެވެ. އޮފިޝަލް ބޯޅަ ސްޕޮންސާ ކޮށްފައި ވަނީ މާކީ އެމްވީއެވެ. ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ.

މިއަހަރުގެ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ އޮން ލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

20:00 ސްކޮޑްރާ އެސްސީ - ސްކޯޕިއަން ސިޓީ

21:00 ޒެފާސް - ގެލެކްޓިކޯ އެފްސީ

22:00 ރޭމްޕޭޖް - ރިޕްލޭ އެފްސީ

23:00 ރޮކްޒް - ޖޭކޭ އެސްސީ