ރިޕޯޓް

މަލިކަށް ދެވުނު ފަދަ ކޮޗިން ދަތުރު

މުހައްމަދު ނާޖިހު

5

ނިމިދިޔަ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މި ހިނގާ 2023 ވަނަ އަހަރުގެ ޖެނުއަރީ 2 ވަނަ ދުވަހާ ހަމައަށް އިންޑިޔާގެ ކޮޗިނަށް ކުރި ދަތުރު ވެގެން ދިޔައީ މަލިކުގެ ހަނދާންތައް އާކޮށްދިން، މަލިކަށް ނުދެވުނެއް ކަމަކު މަލިކަށް ދެވުނު ފަދަ ދަތުރަކަށެވެ. ދަތުރަކީ މަންމައެއް ފަދަ ބޮޑުދައިތައާއި، ބޮޑުދައިތަގެ ދަރި އަޅުގަނޑުގެ ދޮންދައްތައާއި، ދޮންދައްތަގެ ދަރިފުޅުގެ ބޭސްފަރުވާއަށްޓަކައި ކުރި ދަތުރެކެވެ. އަޅުގަނޑު މި ދަތުރުގައި ބައިވެރިވީ އެމީހުންގެ އެހީތެރިއެއްގެ ގޮތުގައެވެ. މިދަތުރާއި މަލިކާ ގުޅުނު ގުޅުމަކީ އަޅުގަނޑާ މަލިކާ އޮންނަ ޒަމާންވީ ގުޅުމެއްގެ ނަތީޖާއެވެ. ކޮޗިނަށް ބޭސްފަރުވާއަށް ގޮސްއުޅޭ ވަރަށް ގިނަ ދިވެހީންނަށް ކޮޗިނުން މަލިކު މީހުންނާ ދިމާވާނެއެވެ. އެގޮތުން ރަހުމަތްތެރިކަން އުފެދިފައިވެސް ހުންނާނެއެވެ. އަދި ހަމައެހެންމެ، އެތަނަށް ބޭސްފަރުވާއަށް ގޮސްއުޅޭ ދިވެހީންނަށް، ވަޒީފާއެއްގެ ގޮތުން އެހީތެރިވެދީ އުޅޭ މަލިކު އެޖެންޓުންވެސް އުޅެއެވެ. އެހެންވީމާ އެ ގޮތުންވެސް ވަރަށް ގިނަ ދިވެހީންނަށް މަލިކު މީހުންނާ ގުޅުން އުފެދިފައިވާނެއެވެ.

އަޅުގަނޑާ މަލިކާ ގުޅޭ ހިސާބަކީ 1993/94 ހިސާބުގައި އަޅުގަނޑު މަޖީދިއްޔާ ސްކޫލުގައި އުޅުނު ދުވަސްވަރު، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުނު ފަތްތޫރަ މަޖައްލާއިން މަލިކާ ބެހޭ ގޮތުން މައުލޫމާތު ލިބެން ފެށި ހިސާބެވެ. އެއީ 1990 ވަނަ އަހަރުގެ ތެރޭގައި މުލީ ޢަބްދުﷲ ޞާދިޤާއި ފުވައްމުލަކު ޢަބްދުﷲ ފާރޫޤު ޙަސަން މަލިކަށް ވަޑައިގެން އެއްކުރެއްވި މައުލޫމާތުގެ އަލީގައި ލިޔުއްވާފައިވާ ލިޔުންތަކުން ލިބުނު މައުލޫމާތުތަކުގެ ސަބަބުން އުފެދުނު ޝައުޤެކެވެ. އެދުވަހުން ފެށިގެން އަޅުގަނޑު އަންނަނީ މަލިކާބެހޭ ތަފާތު އެކި މައުލޫމާތު އެއްކޮށް، އެރަށާއި، އެރަށުގެ އަހުލުވެރީންނާ ބެހޭ ދިރާސާކުރަމުންނެވެ. އަދި އެކަމުގެ ތެރޭގައި އެރަށުގެ ތަފާތު އެކި އެކި މީސްމީހުންނާ ދިމާވެ ރަހުމަތްތެރިކަން ވަނީ އުފެދިފައެވެ. މިގޮތުން މަލިކު މީހަކަށް އެންމެ ފުރަތަމަ ދިމާވީ 1990 ގެ އަހަރުތަކުން ފެށިގެން 2000 ގެ އަހަރުތަކާ ހަމައަށް މާލޭގައި މަސައްކަތްކުރި އެރަށު އެދުރުކާގޭ މުޙައްމަދެވެ. އޭނާއާ ދިމާވީ 1999 ހާ ހިސާބުގައެވެ. މަލިކު މުޙައްމަދާ އުފެދުނު ރަހުމަތްތެރިކަމުގެ ތެރެއިން އޭނާ އަތުން މަލިކުގެ ޓެލެފޯން ޑައިރެކްޓަރީއެއް ލިބި ވަރަށް ގިނަ މީހުންނަށް ގުޅައި ރަހުމަތްތެރިކަން އުފެއްދީމެވެ. އެގޮތުން ރަހުމަތްތެރިކަން އުފެދުނު އެކަކީ ފަތްތޫރައިގައި މަލިކާބެހޭ ގޮތުން ޢަބްދުﷲ ޞާދިޤާއި ޢަބްދުﷲ ފާރޫޤު ޙަސަން ލިޔުއްވި ލިޔުންތަކަށް ގިނަ މައުލޫމާތުތަކެއް ދީ އެހީތެރިވެދިން އެރަށު ކޮޅުގެގޭ މުޙައްމަދެވެ. އާދެ މަޝްހޫރު ނަމުން ނަމަ ކޭޖީ މުޙައްމަދެވެ. ކޭޖީއާ ފޯނުން އުފެދުނު ރަހުމަތްތެރިކަމުގެ ކުރިން 2000 ގެ ކުރީކޮޅުގައި ވަރަށް އާދައިގެ ގޮތަކަށް މަލިކާބެހޭ ވެބްސައިޓެއް ހަދައިގެން އުޅުނު އެރަށު ގޮބޮޅިގޯތި ހުސެންކޮއާއި ކަނައްކަފުޅޭގޭ ނަޒީރު މަނިކުފާނާ އީމެއިލުން ރަހުމަތްތެރިކަން އުފެދިފައިވެއެވެ. އޭގެ ފަހުން 2003 ހާ ހިސާބުގައި ދިވެހިރާއްޖެއަށް ވަޒީފާއަށް އައި މަލިކު ޑޮކްޓަރެއް ކަމަށްވާ އެރަށު މުރައިދުގަނޑުވަރު މުނީރު މަނިކުފާނާ، އޭނާ މާލެ އައި ދުވަހުއްސުރެ ރަހުމަތްތެރިކަން އުފެދި އެރަހުމަތްތެރިކަން ދެމިގެން އައިސްފައިވެއެވެ. ހަމަ އެ އަހަރުގެ ތެރޭގައި މަލިކު އަތިރިގޯތި ކަދީޖާ މަނިކައާއި އޭނާގެ ފިރިމީހާ ކަންޑަމާތުގޯތި މުޙައްމަދާއި އަލިމާލިމީގޯތި ފާތުމާ މަނިކަ، ދަރީން ގޮވައިގެން މާލެއަށް ކުރި ދަތުރުގައި ރަހުމަތްތެރިކަން އުފެދި މިއަދާ ޖެހެންދެންވެސް އެގުޅުން ދެމި އެބައޮތެވެ. އެއަށްފަހު އިންޑިޔާގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ޕަދްމާޝިރީ ލިބިލައްވާފައިވާ އެރަށު މުރައިދުގަނޑުވަރު އަލިމަނިކުފާނަކީ މާލެއިންނާއި އިންޑިޔާއިން ދިމާވެ ރަތްމަތްތެރިކަން އުފެދި، އޭނާގެ ފަރާތުން ގިނަ މައުލޫމާތު ލިބެމުން އަންނަ ދުވަސްވީ ތަޖުރިބާކާރެކެވެ. އޭގެ އިތުރުންވެސް މީސްމީޑިއާގެ ތެރެއިންނާއި، އިންޑިޔާއަށް ކުރި ދަތުރުތަކުންނާއި، މަލިކުންނާއި، މާލެއިން މަލިކުގެ ކިތަންމެ ބަޔަކާ ދިމާވެ ގާތްގުޅުމެއް ވަނީ އުފެދިފައެވެ. މިގޮތުން ޚާއްޞަކޮށް ފާހަގަކޮށްލެވޭ މީސްމީހުންގެ ތެރޭގައި އަތިރިގޯތި ރަޝާދުގެ ދެމަފިރީންނާއި، އަތިރިގޯތި ޢަޒީޒާއި، ފެންގެންނަގޯތި މުޙައްމަދު (އެފްޖީ) އާއި، ކިރުބުތްގޯތި އިބްރާހީމް މައުލަވީއާއި، ޙަސަންބޭބެގޯތި ސަލީމްއާއި، މުރައިދުގަނޑުވަރު އިބްރާހީމް މަނިކުފާނާއި، މަލިކުން ފުރަތަމަ ޕީއެޗްޑީ ޙާސިލްކުރި ނާކަތޮށިގޭ ޚައިރުއްނިސާއާއި، އޮޅުދުގޯތި އިބްރާހީމް މަނިކުފާނާއި، އޮޅުދުގޯތި ޙުސައިން މަނިކުފާނާއި، ނައިބުގޭ އިބްރާހީމް މަނިކުފާނާއި، އޭނާގެ ދަރިފުޅު ނަބީލު މަނިކުފާނާއި ބޮޑުގަނޑުވަރު ނިޒާމް ހިމެނެއެވެ. މިތަނުގައި ނަން ނުލިޔެވުނަސް މިނޫނަސް ވަރަށް ގިނަ، ގާތް އެކުވެރީން މަލިކުގައި އުޅެއެވެ.

މަލިކުގެ ވާހަކަ ދައްކާއިރު މަލިކަކީ ކޮބައިކަމާއި އިންޑިޔާގެ މި ރަށާއި ދިވެހިރާއްޖެއާ އޮތީ ކޮން ގުޅުމެއްކަން ކުޑަ ގޮތަކަށް ނަމަވެސް ލިޔެލަންވާނެކަމަށް ޤަބޫލުކުރަމެވެ. އާދެ، މަލިކަކީ ދިވެހިރާއްޖޭގެ އުތުރުން 70 މޭލުގެ ދުރުމިނެއްގައި އޮންނަ ކުޑަވަރެއްގެ އަތޮޅެކެވެ. އަތޮޅެކޭ ދެންނެވިޔަސް އެއީ ކާށިދޫ ގޮތަށް އެންމެ ފަޅެއްގެ މައްޗަށް އެކުލެވިގެންވާ ތަނެކެވެ. މުޅި އަތޮޅުގައި އޮންނަނީ ޖުމުލަ ދެ ރަށެވެ. އެއީ އަތޮޅުގެ ދިގުމިނަށް ދެމިފައި އޮތް މަލިކާއި، ވަރަށް ކުޑަކުޑަ ރަށެއް ކަމަށްވާ ވިރިނގިއްޔެވެ. ރަށްގަނޑޭ ކިޔާ އަކިރި ހުރާގަނޑެއްވެސް އޮވެއެވެ. މަލިކަކީ ދިގުމިނުގައި ގާތްގަނޑަކަށް 11 ކިލޯމީޓަރު ހުންނަ 4.8 އަކަކިލޯމީޓރުގެ މާރަށެކެވެ. ރަށުގެ ބިމުގެބޮޑުމިނަށް ބަލާއިރު ގާތްގަނޑަކަށް ފުވައްމުލަކާ އެއްވަރެކެވެ. އާބާދީވެސް ހަމަ އެރަށާ ދާދި އެއްވަރެވެ. އެއީ ގާތްގަނޑަކަށް 12000 މީހުންނެވެ. މީހުންގެ ސިފަޔަށް ބަލާއިރު ދިވެހިރާއްޖޭގެ ރަށްރަށުގެ މީހުންގެ ސިފަޔާއި، ކުލަޔާއި، އިސްކޮޅާއި، ރޫފަޔާއި މުޅީން އެއްގޮތެވެ. ބަހާއި ސަގާފަތާއި އާދަކާދަވެސް ހަމަ އެއްގޮތެވެ. ޒަމާންތަކެއް ވާންދެން ރާއްޖެއާ ގުޅުމެއް ނެތި، އަދި އެގުޅުން އިންޑިޔާގެ މައިކަރައާއި އޮތުމުގެ ނަތީޖާއެއްގެ ގޮތުން މައިކަރައިގެ، ޚާއްޞަކޮށް ކެރަލާގެ އަސަރުތައް ކޮންމެވެސް ވަރަކަށް ވަދެފައިވެއެވެ. އެކަން ބޮޑުކޮށް ފެންނަނީ ޒުވާނުންނާއި މެދުއުމުރުގެ މީހުންގެ ކިބައިންނެވެ. މުސްކުޅީންގެ ގައިން ފެންނަނީ ބޮޑަށް ދިވެހި ސިފައެވެ.

ތާރީޚުގެ ތެރެއިން އެކި ދުވަސްވަރު މަލިކު ދިވެހިރާއްޖޭގެ ދަށުގައި އޮތެވެ. އެންމެ ފަހަށް އޮތީ 1752 ގައި ކަންނަންނޫރު އަލީރާޖާ ދިވެހިރާއްޖެ ހިފުމާ ހަމައަށެވެ. 1752 ގެ ފަހުން އެތަން އަލީރާޖާގެ ދަށުން އިންޑިޔާ ބައްރުގައި ވެރިކަން ކުރި އިނގިރޭސީންނަށް ލިބި ބްރިޓިޝް އިންޑިޔާގެ ރަށަކަށްވެ، އޭގެ ފަހުން 1947 ގައި ޕާކިސްތާނާއި އިންޑިޔާގެ ގޮތުގައި ބްރިޓިޝް އިންޑިޔާ މިނިވަންވީއިރު، މަލިކު ވީ އިންޑިޔާގެ ޖުމްހޫރިއްޔާގެ ރަށަކަށެވެ. އެހެންނަމަވެސް 1956 ގައި ލެކަޑިވް، މިނިކޮއި އެންޑް އަމިންދިވީ އައިލެންޑްސްގެ ނަމުގައި އުފެއްދި ޔޫނިއަން ޓެރިޓަރީގެ ބަޔަކަށް މަލިކު ވުމާ ހަމައަށް، ދިވެހިރާއްޖެއާއި މަލިކާ ދެމެދު ސީދާ ދަތުރުފަތުރުކޮށްހަދައި، ގުޅުން ބަދަހިކޮށް އޮތެވެ. 1956 ގެ ފަހުން ދިވެހިރާއްޖެއާއި މަލިކާ ދެމެދުގެ ބޯޑަރު ބަންދުވުމުން އެގުޅުން ހީނަރުވަމުން ގޮސް، ފަހުން އައި ޖީލުތަކަށް އެއްބައެއް އަނެއްބައެއްގެ މައުލޫމާތު ނޭނގި އޮޅިގެން ދިޔައެވެ. ބަހާއި ސަގާފީ ގޮތުން އޮތް ގުޅުމަށްވެސް ބަދަލު އަންނަން ފެށިއެވެ. މިއަދު މަލިކަކީ އިންޑިޔާގެ ލަކްޝަދީބޭ ކިޔުނު ޔޫނިއަން ޓެރިޓަރީގެ ރަށެކެވެ. މަލިކަށް ދެވެން އޮންނަ ހަމައެކަނި މަގަކީ އިންޑިޔާގެ ކޮޗިން ބަނދަރެވެ. އެހެންކަމުން މަލިކު މީހުންވެސް މައިކަރައަށް އައިސް އެންމެ ގިނައިން މަޑުވެ ތިބޭ ތަނަކީ ކޮޗިނެވެ. ކޮޗިނުގެވެސް ކަލޫރު ސަރަހައްދަކީ މަލިކު މީހުން ގިނަ އަދަދަކަށް އުޅޭ ސަރަހައްދެކެވެ. ކޮޗިންގެ އެހެން ސަރަހައްދުތަކާއި، ކެރަލާގެ އެހެނިހެން ރަށްރަށާއި، އަދި އިންޑިޔާގެ އެހެން ބައެއް ސަރަހައްދުތަކުގައި ވެސް މަލިކު މީހުން ވަޒަންވެރިވެގެން އުޅެއެވެ. އެއީ އިންޑިޔާގެ ރައްޔިތުން ކަމުގައި ވާތީ އެތަންތަނުން ގޯތިގެދޮރު ގަނެގެން ދިރިއުޅޭ މަލިކު މީހުންވެސް މަދެއް ނޫނެވެ. ކޮޗިންގައި މަލިކުގެ ގާތްގަނޑަކަށް 3000 ވަރަކަށް މީހުން މަޑުވެ ތިބޭނެ ކަމަށް ލަފާކުރެވެއެވެ. މަލިކަށް އިންޑިޔާގައި ރަސްމީކޮށް ކިޔާ ނަމަކީ މިނިކޮއިއެވެ. އެއީ އިހުޒަމާނުގެ އެކި ދުވަސްވަރުގައި ޗާޓުތައް ކުރެހިމީހުންނަށް މަލިކުގެ ނަން އޮޅިގެން ލިޔެވިފައި އޮތް ގޮތެއް، އިނގިރޭސީން ލިޔެކިޔުންތަކަށް އަރައިގެން އައި ބަދަލެކެވެ. މަލިކު މީހުން އެމީހުންގެ ރަށަށް މިހާރުވެސް ކިޔަނީ މަލިކެވެ.

ކުރިން ބަޔާންކުރެވުނު ފަދައިން އަޅުގަނޑު ކޮޗިނަށް މިކުރި ދަތުރަކީ ބޭސްފަރުވާގެ ދަތުރެކެވެ. އެހެންވީމާ ދަތުރުގެ މައިގަނޑު ވަގުތެއް ހޭދަވީ އެކަމުގެ ތެރޭގައެވެ. އޭގެ ބޭރުން ލިބޭ ވަގުތުތަކުގައި ކޮޗިންގެ އެތަން މިތަނުގައި، ޚާއްޞަކޮށް ކަލޫރު ސަރަހައްދުގައި އުޅޭ މަލިކު މީހުންނާ ބައްދަލުވެ މައުލޫމާތު އެއްކޮށް ގުޅުން ބަދަހިކޮށް ހެދީމެވެ. މިކަމުގައި އާރުކާޓީއެއްގެ ގޮތުގައި އުޅުނީ އެކުވެރި ކޭޖީ މުޙައްމަދެވެ. އަޅުގަނޑުމެން މި ދަތުރު އަންނަން އޮތީ 6 ޑިސެންބަރުގައެވެ. އެހެންނަމަވެސް ސަބަބެއް މެދުވެރިވެގެން ދަތުރު ފަސްކޮށްލަން ޖެހިގެން 10 ޑިސެންބަރަށް ބަދަލުކުރީއެވެ. 10 ވަނަ ދުވަހަށް ހެދުމުގެ ބޭނުމަކަށްވީ އެދުވަހު ކޮޗިނުގައި އޮތް މަލިކު ދެމީހެއްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމެވެ. ނަމަވެސް ލިބުނު ދައުވަތު ކާޑުގައި އޮތް ގަޑި ބަލާނުލެވި އޮތުމުން ކޮޗިނަށް އާދެވުނު އިރު ކައިވެނީގެ ހަފްލާ ނިމިއްޖެއެވެ. ހަފްލާ އޮތީ މެންދުރެވެ. އަޅުގަނޑުމެންނަށް ތިބޭ ހޮޓަލާ ހަމައަށް ދެވުނީ އެރޭ 9 ޖަހަން އުޅެނިކޮށެވެ. އެދުވަހު އެއާޕޯޓަށް ބަލާ ދިޔައީވެސް މަލިކުގެ އެންމެ ގާތް އެކުވެރީންގެ ތެރޭގައި ހިމެނޭ މުރައިދުގަނޑުވަރު ޑރ. މުނީރު މަނިކުފާނާއި ކޭޖީ މުޙައްމަދެވެ. ދެ މީހުން ދިޔައީ ދެ މީހުންގެ ދެ ކާރުގައެވެ. މުނީރު ދިޔައީ އޭނާގެ ދަރިފުޅު ސަމާހު ގޮވައިގެންނެވެ. ކޭޖީގެ ކާރު ދުއްވަން އިނީ މަލިކު އަންވަރެވެ. އަންވަރަކީ މި ދަތުރުގައި ރަހުމަތްތެރިކަން އުފެދުނު މީހެކެވެ. އެއާޕޯޓުން ފުރަތަމަ ދިޔައީ އާލުވާގައި ހުންނަ މުނީރުމެން ގެއަށެވެ. އެއީ ހަމަ އަޅުގަނޑުގެ އަމިއްލަ ގެ ފަދަ ގެއެކެވެ. އެގެއިން މުނީރުގެ މަންމައާއި، އަންހެނުން އަލޫޑިގޯތި ސަކީނާއާއި، ހަތަރު ދަރީންގެ ތެރެއިން ސަމާހުއާއި، ޝައިމާއާއި، ޝަފިންއާ ދިމާވިއެވެ. މުނީރުގެ ދޮށީ ދަރިފުޅު މަލީހާ ހުރީ ކިޔަވަން ކޮއިންބަތޫރުގައެވެ. އަޅުގަނޑުމެން ތިބޭ ހޮޓަލަށް ދިޔައީ މުނީރުމެން ގެއިން ސައިބޮއެގެންނެވެ. އަޅުގަނޑުމެން ތިބީ އަމްރީތާ ހޮސްޕިޓަލް ކައިރީގައި ހުންނަ ހޮޓެލް މާތާ ރެސިޑެންސީގައެވެ. އެތަނަކީ މައިގަނޑަކަށް ދިވެހީން ގޮސް އުޅޭ ތަނެކެވެ. އެތަނުގެ ތިރީގައި ދިވެހި ކާނާއަށް ޚާއްޞަ ރެސްޓޯރެންޓެއްވެސް ހުރެއެވެ.

ޖެހިގެން އައި ދުވަހުގެ މެންދުރު މަލިކުގެ އެންމެ ގާތް މީހުންގެ ތެރޭގައި ހިމެނޭ އަތިރިގޯތި ކަދީޖާ މަނިކައާއި އޭނާގެ ފިރިމީހާ ކަންޑަމާތުގޯތި މުޙައްމަދު، މަލިކުގެ އެންމެ ޚާއްޞަ ކެއުންތަކުގެ ތެރޭގައި ހިމެނޭ މަލިކު ފަރާޓާއާއި ރަތްރިހައާއި އެހެން ބައެއް ކާތަކެތި ހިފައިގެން އައެވެ. މަލިކު ފަރާޓާއަކީ މަލިކު މީހުން ވަރަށް ކުރީއްސުރެ ހަދަމުން އަންނަ އެމީހުންގެ ޚާއްޞަ ފަރާޓާއެކެވެ. އެއީ މީރު، ހަތަރެސްކަން ބައްޓަމަށް ހުންނަ ފަރާޓާއެކެވެ. ޢާއްމުކޮށް ހުންނަ ފަރާޓާއާއި ޚިލާފަށް ތެޔޮ މަދު ފަރާޓާއެކެވެ. ރަތްރިހައަކީ ވެސް މަލިކުގެ ޚާއްޞަ ރިހައެކެވެ. 2015 ގައި މަލިކަށް ކުރި ދަތުރުގައި ކޮންމެ ދުވަހެއްގެ ހެނދުނުގެ ނާސްތާއަށް އަތިރިގޯތިން ލިބުނީ މުޅީންހެން މަލިކު ފަރާޓާއާއި ރަތްރިހައެވެ. އޭގެ އިތުރުން އެހެން ބާވަތްބާވަތްތައްވެސް ހުރެއެވެ. ރަތްރިހައަކީ ދިވެހިރާއްޖޭގައި މިހާރު ޢާއްމުކޮށް މި ހަދައިއުޅޭ ކުޅިރިހަ ފާޑުގެ ރިހައެކެވެ. ހިކިމިރުސް ފުނޑައިގެން އޭގެ ހަވާދުން ހަދާ މިރިހައަކީ ވަރަށް މީރު ރިހައެކެވެ. އެއަށްފަހު އެދުވަހަކީ އާދީއްތަ ދުވަސްކަމުގައިވެ އަދި ހޮސްޕިޓަލްގެ ކަމެއް ނޯންނާނެތީ ދިޔައީ ޑރ.މުނީރުމެން ގެއަށެވެ. ހޮޓެލަށް އެނބުރި ދިޔައީ މުނީރުމެން ގެއިން ހަވީރު ސައިބޮއެ އެއަށްފަހު ރޭގަނޑު ކައިގެންނެވެ. މީގެ ކުރިންވެސް ތަޖުރިބާކޮށްފައިވާ މީރު ހެދިކާތަކާއި މަލިކުގެ ދިވެހިވަންތަ މީރު ކާނާގެ ރަހަތަކަށް އިންސާފުކޮށްފައެވެ. އޭގެ ފަހުންވެސް އެއް ދުވަސް މުނީރުމެންގޭގައި ހޭދަކުރީމެވެ.

ދަތުރުގެ މައިގަނޑު ވަގުތެއް ޚާއްޞަކޮށް ހެނދުނާއި މެންދުރުފަހުގެ ވަގުތުތައް ބޭސްފަރުވާގެ ކަންކަމުގައި ހޭދަކުރުމަށްފަހު ހަވީރާ ރޭގަނޑުގެ ވަގުތުތަކާއި ހަފުތާ ބަންދުވާ އާދީއްތަ ދުވަސް ޚާއްޞަކުރީ މަލިކުގެ އެކިއެކި ރަހުމަތްތެރީންގެ ގޭގެއަށް ޒިޔާރަތްކޮށް އެމީހުންނާ ބައްދަލުކޮށް ހެދުމަށެވެ. މިގޮތުން ދެވަނައަށް އައި އާދީއްތަ ދުވަހުގެ ދުވާލު ހޭދަކުރީ އަތިރިގޯތި ރަޝާދުމެން ދިރިއުޅޭ އެޕާޓްމެންޓްގައެވެ. އެއީ އޭނާގެ ދައްތަ އަތިރިގޯތި ކަދީޖާ މަނިކަވެސް ދިރިއުޅޭ ގޭގެ ތިރީބުރީގައި ހުންނަ އެޕާޓްމެންޓެކެވެ. ކަދީޖާމެން ދިރިއުޅެނީ މަތީބުރީގައެވެ. ކަދީޖާގެ ދެމަފިރިންނާއި ރަޝާދުގެ ދެމަފިރިން ވަރަށް މީރުކޮށް އެހާމެ މޮޅަށް މެންދުރުގެ ކެއުން ހަދާފައި ހުއްޓެވެ. މުޅީންވެސް ހުރީ މަލިކުގެ ދިވެހި ކާނާއެވެ. ދިރިފިޔާލީބަތާއި، މަލިކުފަރާޓާއާއެކީ ހުތްބަށިރިހައާއި، ރަތްރިހައާއި، މުރަނގަތޮޅި ކިރުދިޔައާއި، މަސްރިހައާއި، ހިކިކޮށް ހަދާފައި ހުރި ކުކުޅެވެ. ރަހަތަކުގައި ބީރައްޓެހި ކަމެއް ނެތް، ވަރަށް ވެސް ދިވެހި ވަންތަ މީރު ކެއުމެކެވެ. މެންދުރު ކައިގެން އެދުވަހުގެ ރޭ ވާންދެން ހޭދަކުރީ އެގޭގައެވެ. ރޭގަނޑުގެ ކެއުން އޮތީ މަލިކު ކުދެހި އަވަށު ދާތިފާނުންގޯތި މީހުންގެ އަމިއްލަ ގެއެއް ކަމަށްވާ "އިސްމާއިލް މަކާން"ގެ އެޕާޓްމެންޓެއްގައެވެ.

2015 ގައި މަލިކަށް ކުރި ދަތުރުގައި ރަހުމަތްތެރިކަން އުފެދުނު މީހުންގެ ތެރެއިން އެކަކީ ކަނބޯގޯތި މޫސާ މަނިކުފާނެވެ. ޢާއްމުކޮށް އެންމެންހެން ކިޔާ ނަމަކީ ކަނބޯ ބައްޕައެވެ. އެދަތުރުގައި އޭނާގެ ދަރީންގެ ތެރެއިން ލޭންދުރަންގަނޑުވަރު (އެލްޖީ) އިބްރާހީމް މަނިކުފާނާއި ހަނީފާ މަނިކައާވެސް ދިމާވެ ރަހުމަތްތެރިކަން އުފެދުނެވެ. އަދި އޭނާގެ ގެއިން ވަރަށް މީރުކޮށް ދިވެހިކޮށް ކެއުން ހަދައިގެން އަޅުގަނޑަށް ކާންދިނެވެ. މި ފަހަރުގެ ކޮޗިން ދަތުރުގައި އައިސް އުޅެނިކޮށް، ހާނިޔާ އޮޕަރޭޝަނެއް ކުރުމަށްޓަކައި ކަނބޯ ބައްޕަވެސް ކޮޗިނަށް އައިސްއުޅޭ ޚަބަރު ލިބިގެން ހަނީފާގެ ފޯނަށް ގުޅީމާ، އެމީހުން އިސްމާއިލް މަކާނުގައި ކުއްޔަށް އުޅޭ އެޕާޓްމެންޓަށް ކެއުމަކަށް ދައުވަތު ދިނެވެ. އެގޮތުން ރަޝާދުމެންގޭގައި ތިބެފައި ރޭގަނޑުގެ ކެއުމަށް އައީ ކަނބޯބައްޕަމެންގެ އެޕާޓްމެންޓަށެވެ. ހަދާފައި ހުރީ މަލިކުން ވެސް ލިބުނު ފަދައިން ސަގާފީ ދިވެހި ކެއުމެކެވެ. އެ ކެއުމަށް މަލިކު މީހުން ކިޔަނީ ކިރައިބަތެވެ. ހުރީ ބަތާއި، ކާށިކިރުގައި ހަދާފައި ހުރި މަސްފެނާއި، ފޮރިއްޕި ރިހާކުރާއި، ތެލުލި ރެއްސާއި، ފުނޑި ސަޓަންޏާއި، އޮށްރިހައެވެ. ވަރަށް ވެސް ދިވެއްސެވެ. އަދި އެހާމެ މީރެވެ. އެކުވެރި ކަނބޯ ބައްޕައަކީ މިހާރު އުމުރުން 80 އިން މަތީގައި އުޅޭ، ކުރިން މަސްވެރިކަން ކުރި މީހެކެވެ. 2015 ގައި މަލިކަށް ދިޔައިރުވެސް އަތިރިގޯތީ ލާންޗިން (މަސްދޯނިން) މަހަށް ގޮސްއުޅުނެވެ. މިދިޔަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހު އޭނާގެ ދަރިފުޅު ލޭންދުރަންގަނޑުވަރު (އެލްޖީ) އިބްރާހީމް މަނިކުފާނު ވަނީ "ކަރަންފޫ" ގެ ނަމުގައި 55 ފޫޓުގެ މަސްދޯންޏެއް ބަނދެގެން ބާލާފައެވެ. މިހާރު މަހަށް ނުދިޔަޔަސް ކަރަންފޫ ދޯންޏަށް ބޭނުންވާ ދާތައް ބަނުމުގެ ހުރިހާ ކަމެއް ކުރަނީ ކަނބޯ ބައްޕައެވެ.

ކޮޗިން ދަތުރުން ދިމާވި މަލިކުގެ ޚާއްޞަ ޝަޚްސިއްޔަތުތަކުގެ ތެރެއިން އެކަކީ މިހާރު ރިޓަޔަރކޮށްފައިވާ ފޯކް ޑާންސް މާސްޓަރު ކުޑަހާޖިގޯތި އިބްރާހީމެވެ. އޭނާއަކީ މައިކަރައިން އެ ދާއިރާއި ތަމްރީނު ލިބިގެން މަލިކަށް ގޮސް މަލިކުގައި ސަގާފީ ކުޅިވަރުތައް ދިރުވައި އާލާކުރުމުގައި އެންމެ އިސްކޮށް މަސައްކަތްކުރި އެކަކެވެ. 2015 ގައި މަލިކަށް ދާން ކޮޗިނަށް ދިޔަ ދަތުރުގައި ވެސް އޭނާއާ ދިމާވިއެވެ. ދެފަހަރުވެސް އެގެއަށް ދިޔައީ އެކުވެރި ކޭޖީ މުޙައްމަދުގެ އާރުކާޓީކަމުގެ ދަށުގައެވެ. މަލިކުގައި އުވި ގޮސްފައިވާ ސަގާފީ ކުޅިވަރުތައް އާލާކުރުމުގައި ކުޑަހާޖި މާސްޓަރާއެކު އެންމެ އިސްދައުރެއް އަދާކުރި އެކަކީ ކޭޖީއެވެ. އިތުރު މީހަކަށް މިކަމުގައި ދެން އުޅުނީ މަލިކުގެ ދަންނަބޭކަލުންގެ ތެރޭގައި ހިމެނުނު މަލިކު ކުރީގެ ކަތީބު އަލްމަރްޙޫމް މައުގަސްދަށުގޯތި މައުލަވީ ޢަލީ އިސްމާޢީލް ޢުމަރީއެވެ. މަލިކުގެ އުވި ގޮސްފައިވާ ކުޅިވަރުތަކުގެ ތެރެއިން ޚާއްޞަކޮށް ބަނޑިޔާ ނެށުމާއި، ލަވަ ބެރަކީ މިބައިމީހުންގެ މިންނެތް މަސައްކަތުން ދިރުވާފައިވާ ދެ ކުޅިވަރެވެ.

މަލިކާ ބެހޭގޮތުން މީސްމީޑިއާގައި އަޅުގަނޑު ލިޔާ ލިޔުންތަކުން ވަރަށް ގިނަ މީހުންނަށް އެފްޖީ ނުވަތަ ފެންގެންނަގޯތި މުޙައްމަދެއްގެ ވާހަކަ ވަރަށް ގިނައިން ފެނިފައިވާނެއެވެ. އެކުވެރި އެފްޖީ މުޙައްމަދުގެ ވާހަކައަކީ އަޅުގަނޑު ކުޑައިރުއްސުރެ އަހާ ވާހަކައެވެ. ފުވައްމުލަކު ޢަބްދުﷲ ފާރޫޤު ޙަސަން ފަތްތޫރައިގައި މަލިކާ ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުންތަކުގައިވެސް އޭނާގެ ވާހަކަ އާދެއެވެ. އަދި 1990 ގެ އަހަރުތަކުގައި އަޅުގަނޑު ސްކޫލުގައި އުޅުނު ދުވަސްވަރު ޓެލެވިޒަން މޯލްޑިވްސްއިން ދުރަށް ފޮނުވި މަލިކު މުޙައްމަދު (މާލޭގައި ފިލްމީ ދާއިރާގައި އުޅުނު މަލިކު އެދުރުކާގޭ މުޙައްމަދު) އުފެއްދި މަލިކު ފިލްމެއް ކަމަށްވާ "ނަތީޖާ"ގެ މައިއެކްޓަރަކީވެސް އެފްޖީ މުޙައްމަދެވެ. މިގޮތަށް އެފްޖީ އެނގިފައި ވީ ނަމަވެސް، އޭނާއާ ރަހުމަތްތެރިކަން އުފެދުނީ މީސްމީޑިއާގެ ތެރެއިންނެވެ. ފުރަތަމަ ފަހަރަށް ހަމަލޮލަށް ފެނި ބައްދަލުވީ 2015 ގައި މަލިކަށް ކުރި ދަތުރުގައި މަލިކުންނެވެ. އޭގެ ފަހުން އޭނާ ވަނީ މަލިކު މީހުންގެ ތެރެއިން އަޅުގަނޑުގެ އެންމެ ގާތް ރަހުމަތްތެރީންގެ ލިސްޓަށް އަރާފައެވެ. އެފްޖީއަކީ މަލިކުގައި ހުންނަ ލަކްޝަދީބު ޕަބްލިސިޓީ ޑިޕާޓްމެންޓްގެ އިންފޮމޭޝަން އެސިސްޓެންޓް ކަމް ފޮޓޮގްރާފަރެއްގެ ވަޒީފާ އަދާކޮށް ވަރަށް ފަހުން މަގާމުން މުސްކުޅިކޮށްފައިވާ މީހެކެވެ. އެފްޖީގެ ދެމަފިރިން މިހާރު ދިރިއުޅެނީ ކޮޗިނާ 160 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ މަލައްޕުރަމްގައެވެ. ލޮލުގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ އޭނާގެ ދަރިފުޅު ޑރ.މައިމުއްނިސާ ވަޒީފާއަދާކުރަނީ އެތަނުގެ ލޮލުގެ ޚާއްޞަ ހޮސްޕިޓަލެއްގައެވެ. އަޅުގަނޑު ކޮޗިނަށް އައިސް އުޅޭ ޚަބަރު ލިބިގެން ހަފުތާ ބަންދުވާ އާދީއްތަ ދުވަހު ހެނދުނުގެ ބަހުން ކޮޗިނަށް އައީއެވެ. އެއީ ގާތްގަނޑަކަށް 4 ވަރަކަށް ގަޑިއިރުގެ ދަތުރެކެވެ. މިގޮތުން ދެ ފަހަރެއްގެ މަތީން އޭނާގެ ދެމަފިރިންނާއި ދަރިފުޅާއި ކާފަދަރިފުޅުވެސް ގޮވައިގެން ކޮޗިނަށް އައެވެ. ދިވެހީންނާ ހަމައަށް ދިވެހިބަހުން މަލިކާއި ލަކްޝަދީބުގެ ޚަބަރުތައް ފޭސްބުކް މެދުވެރިކޮށް އެންމެ ތާޒާކޮށް ގެނެސްދޭ މީހަކީ އެކުވެރި އެފްޖީއެވެ.

ދަތުރުގެ ތެރެއިން ދުވަހެއްގައި ކޮޗިންގެ ކަލޫރު ސަރަހައްދުން އަތިރިގޯތި ރަޝާދާއެކީ ސައިކަލުގައި ދަނިކޮށް ދިވެހިބަހުން ނަން ލިޔެފައި އޮތް ރެސްޓޯރެންޓެއް ފެނުނެވެ. ލިޔެފައި އޮތީ ކޭއެފްޖީ ކެފޭ އެންޑް ރެސްޓޮރެންޓްއެވެ. އެއީ ކޮންބައެއްގެ ރެސްޓޯރަންޓެއްހޭ އެހީމާ ބުނީ މަލިކު ބާޑައަވަށު ކާފޯގޯތި މީހުން ހިންގާ ތަނެއް ކަމަށެވެ. ކޭއެފްޖީ ރަމްޒުކޮށްދެނީ ކާފޯގޯއްޗެވެ. ކަލޫރު ސަރަހައްދުގެ ދޭޝާބިމާނީ މަގުގައި ކަރުކަޕައްޅީ ޖަންކްޝަނާއި މާދުރުނޫން ހިސާބެއްގައި ހުންނަ މި ރެސްޓޯރެންޓުން މަލިކު މީހުންގެ ރަހަތަކަށް ތައްޔާރުކުރާ ކާނާގެ ބާވަތްތައް ހަވީރުން ފެށިގެން ލިބެން ހުރެއެވެ. އަދި ތަފާތު އެކި ވައްތަރުގެ މީރު ބުއިންތައްވެސް ލިބެން ހުރެއެވެ. މިގޮތުން އެންމެ ތަފާތު ޚާއްޞަ ބުއިމަކަށް ފެނުނީ ގުލްކަނދު ބޫސްޓެވެ. އެއީ ބޫސްޓަށް ގުލްކަނދު އަޅައިގެން ހަދާ ފިނި ބުއިމެކެވެ. އެއްދުވަހަކު ހަވީރު ރަޝާދުމެންގޭގައި ތިބެފައި ރޭގަނޑު ކާން އެތަނަށް ދިޔައީމެވެ. ކެއީ މަލިކު ފަރާޓާއާއި ގެރިމަހުރިހައާއި ފިޔާބަތާއި ފިހުނުމަހެވެ. ވަރަށް މީރެވެ. އެތަނުން އަލަށް ދިމާވެ ރަހުމަތްތެރިކަން އުފެދުނު އެކަކީ ކާފޯގޯތި މީހަކާ ކައިވެނިކޮށްގެން އުޅޭ ކަރާގޭ މޫސައެވެ. އޭގެ ފަހުންވެސް ދެ ފަހަރެއްގެ މަތީން އެތަނަށް ވަދެވުނެވެ. މިގޮތުން ކޭޖީއާއެކު ދިޔަ ފަހަރެއްގައި ކުރީންވެސް ދިމާވެ ރަހުމަތްތެރިކަން އުފެދިފައިވާ މަލިކު މަޝްހޫރު ލަވަކިޔުންތެރިޔާ ނާސިރާ ބައްދަލުވިއެވެ. ނާސިރަކީ ވަރަށް ގިނައި ރާއްޖެއަށް އައިސްއުޅޭ ލަވަކިޔުންތެރިއެކެވެ. އެންމެ ފަހުން އައީ ނިމިދިޔަ ބޮޑުއީދުގެ ތެރޭގައެވެ.

އެއްރޭ ކޭއެފްޖީ ރެސްޓޯރެންޓުގައި އިންދާ މާލެއިން ދިމާވެ ރަހުމަތްތެރިކަން އުފެދުނު އަސްލީމާއާ ދިމާވިއެވެ. އަސްލީމާއަކީ އެކުވެރި ޑރ.މުނީރު މަލިކުގައި ހިންގި ޕީސް ސްކޫލުގެ ޓީޗަރެކެވެ. އެ ސްކޫލުގެ ޓީޗަރުންނަށް މާލޭގައި ހިންގި ދިވެހިބަހުގެ ޚާއްޞަ ތަމްރީނު ޕްރޮގްރާމަކަށް ގެނެސް އެމީހުންގެ ކަންކަން ބެލެހެއްޓީ އަޅުގަނޑެވެ. ހެޔޮއެދޭ ގިނަ ބައެއްގެ ފަރާތުން މާލީ އެހީތެރިކަން ލިބިގެންނެވެ. އެދަތުރުގައި ބައިވެރިވި ހުރިހާ ޓީޗަރުންނާ ވެސް ވަރަށް ގާތްގުޅުމެއް އުފެދުނެވެ. އަސްލީމާ ފެނިގެން ދެއްކި ވާހަކައިގެ ތެރެއިން އޭނާ ދިރިއުޅޭ ގެއަށް އަޅުގަނޑުގެ އާއިލާ މީހުންނާއެކީ ރޭގަނޑުގެ ކެއުމަކަށް ދާން ދައުވަތުދިނެވެ. ކާން ދާންވެގެން އޭނާ އުޅޭތަން ބަލާލިއިރު އޭނާ އުޅެނީ ކޭޖީމެންގޭ މަތީބުރީގައެވެ. އޭނާގެ މަންމައާއި ބައްޕައާއި ތުއްތު ދަރިފުޅާ އެކީގައެވެ. ދޮންދައްތަގެ ދަރިފުޅަށް ހިނގަން އުނދަގޫވާތީ ކެއުން އޮތީ ތިރީގައި ކޭޖީމެން ބައިގައެވެ. މަލިކުގެ މީރު ރަހަތަކުން އެކުލެވިގެންވާ ފުރިހަމަ ކެއުމެކެވެ. ކޭޖީމެންގޭގައި އަސްލީމާ ދިން ކެއުމަށްފަހު ކޭޖީގެ ފަރާތުން ވަރަށް މީރުކޮށް ކުކުޅާއި ކަނޑުމަހުގެ ބިރިޔާނީ ހަދައިގެން އަހަރެމެން އުޅޭ ހޮޓެލަށް ގެންގޮސް ކާންދިނެވެ. ބޮޑުދައިތަމެން ބުނި ގޮތުން ހޮޓާހޮޓަލުން ކޭ ބިރިޔާންޏަށްވުރެ މާ މީރެވެ.

މިފަހަރުގެ ކޮޗިން ދަތުރުގައި ދިމާވި މަލިކުގެ ޚާއްޞަ ޝަޚްޞިއްޔަތުތަކުގެ ތެރެއިން އެކަކީ މަލިކުގެ ލޯފަން ލަވަކިޔުންތެރިޔާ ކަތްދައިފާނުންގޭ ޙުސައިން މަނިކުފާނެވެ. އޭނާ އުޅޭ ގެޔަށްވެސް އަޅުގަނޑު ގޮވައިގެން ދިޔައީ ކޭޖީއެވެ. އެގެއަކީ އަޅުގަނޑު ކުރިންވެސް ދަންނަ ރަހުމަތްތެރިއެއް ކަމަށްވާ ޙަސަންބޭބެގޯތި މުޙައްމަދުގެ އަމިއްލަ ގެއެކެވެ. ޙުސައިން މަނިކުފާނަކީ އޭނާގެ ބަފާބެ ކަތްދައިފާނުންގޭ މުޙައްމަދު މަނިކުފާނު (ކުޑަބެ)ގެ ކޮއްކޮއެވެ. މި ދެބެއިންގެ ބަފައިފުށުގެ ކާފައަކީ އައްޑޫ މީހެކެވެ. އެ ދެމީހުންވެސް އުފަންވުމުގެ މާކުރިން ކާފަ ނިޔާވެފައިވާތީ ކާފަގެ މާބޮޑު މަޢުލޫމާތެއް ނޭނގެއެވެ. އެމީހުންގެ މައިފުށުގެ މާމައަކީ ނާގަބާޑީ (ނިކޯބާރު) މީހެކެވެ. ކޭޖީގެ ފަރާތުން ޙުސައިން މަނިކުފާނަކީ ވަރަށް ރީތިކޮށް ލަވަކިޔާ މީހެއްކަން އެނގިގެން އޭނާގެ ހުއްދަ ހޯދައިގެން ފޯނުން ވީޑިއޯ ކުރުމަށްޓަކައި ދެ ލަވައެއް ކިޔުއްވީމެވެ. އޭނާ ފުރަތަމަ ކީ "ކާބޯތަކެތި ލިބޭތީ ހުރެގެން މީދައު ހިފުމަށް ބުޅަލެއް ނައުދޭ..." ލަވައަކީ ވަރަށް ކުރީގައި ކޭޖީ ހެދި ލަވައެކެވެ. އެދުވަސްވަރު މަލިކު މީހުން ކާބޯތަކެތި އުކައި އިސްރާފުކުރާލެއް ގިނަކަމުން އެކަމާ ގުޅުވައިގެން ހެދި ލަވައެކެވެ. މިހާރު ކޭޖީވެސް ހަނދާން ނެތް އެލަވަ ނިމެންދެން ވަރަށް ފަރިތަމަކަމާއެކު ކިޔައި ދިނެވެ. ވަރަށްވެސް އިބްރަތްތެރި މޮޅު ލަވައެކެވެ. ދެވަނަ ލަވަ "އާޚިރުވި ޒަމާނަށް މި ދުނިޔެ ކައިރިވަނީތާ ދައްޖާލުގެ ނުލަފާ އަނިޔާ ފާޅުވަނީތާ" އަކީ ކުރިން އޯލް އިންޑިޔާ ރޭޑިޔޯއިން މަލިކު ބަހުން ބްރޯޑްކާސްޓް ކުރި ދުވަސްވަރު ފޮނުވި ލަވައެކެވެ. ލަވަ ހަދާފައިވަނީ މަލިކު ޅެންވެރިޔާ މަރްޙޫމް ބައުގޭ އަތިރިގޭ (ބީއޭ) އިބްރާހީމް މަނިކުފާނެވެ. 1990 ވަނަ އަހަރު ސޯދުބެއާއި ފާރޫޤުބޭބެގެ މަލިކު ދަތުރުގައިވެސް މި ޙުސައިން މަނިކުފާނު ލައްވައި ކަތްދައިފާނުންގޭ އުނދޯލީގައި ތިއްބަވައިގެން ލަވަކިޔުއްވިއެވެ.

މަލިކުގެ ގާތް ރަޙުމަތްތެރީންގެ ތެރޭގައި ހިމެނޭ އެންމެ ޚާއްޞަ ޝަޚްޞިއްޔަތަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އިންޑިޔާ ސަރުކާރުން ދޭ އެންމެ މަތީ އެވޯޑުތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ މަތީ އެވޯޑުކަމުގައިވާ ޕަދްމާ ޝްރީ ޙާޞިލްކޮށްފައިވާ މުރައިދުގަނޑުވަރު ޢަލިމަނިކުފާނެވެ. 16 މާޗު 1938 ގައި އުފަންވެފައިވާ ޢަލިމަނިކުފާނަކީ ރަސްމީ ތަޢުލީމީ ނިޒާމެއްގެ ތެރެއިން އުނގެނިފައިވާ މީހެއް ނޫނެވެ. އެހެންނަމަވެސް އޭނާއަކީ ޢިލްމުގެ އެތައް ދާއިރާއެއްގެ މާހިރެކެވެ. ކަނޑުފަޅާބެހޭ ޢިލްމުވެރިއެކެވެ. ވެއްޓާބެހޭ ޢިލްމުވެރިޔެކެވެ. ފަލަކީ ޢިލްމުވެރިޔެކެވެ. ކިއްސަރުވަޑާމުގެ މޮޅު ވަޑިއެކެވެ. އޭނާ މުޅީން އަލަށް ހޯދި މަހެއްގެ ސައިންޓިފިކް ނަމަކަށް އޭނާގެ ނަމުން ނަންދީފައިވެއެވެ. ސިންދްބާދްގެ ދަތުރުކުރިކަމަށް ބުނެވޭ ނަވާ އެއްގޮތަށް ނަވެއް ބަނުމަށްޓަކައި އިނގިރޭސި ހޯދުންތެރިޔާ ޓިމް ސެވެރިން މާވަޑިއަކަށް ބޭނުންކުރީ ވެސް ޢަލިމަނިކުފާނެވެ. އޭނާ ވަނީ މުޅި ދުނިޔޭގެ ހުރިހާ ބިތަކަށްވެސް އެއްގޮތަކަށް ތަބާވެވޭނެފަދަ އިސްލާމީ ހަނދުމަހަށް ޚާއްޞަ ކަލަންޑަރެއް އީޖާދުކޮށްފައެވެ. މިގޮތުން އޭނާގެ ކަލަންޑަރަށް ތަބާވާނަމަ ދުނިޔޭގެ ހުރިހާ ތަނަކަށްވެސް ރޯދަ/ޢީދު/ޙައްޖު ފަދަ ޚާއްޞަ ދުވަސްތައް އެއް ދުވަހަކަށް ވާނެއެވެ. އޭނާވަނީ ފަންސާހަކަށް އަހަރު ވާންދެން މިކަމަށް ވަކާލާތުކޮށްފައެވެ. އަޅުގަނޑާ އޭނާއާ ފުރަތަމަ ދިމާވީ އެކަމަށް ވަކާލާތުކޮށް ދިވެހިރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކާއި ބައްދަލުކުރަން 2007 ހާ ހިސާބުގައި ދިވެހިރާއްޖެއަށް ކުރި ދަތުރެއްގައެވެ. އެފަހަރު އޭނާ ގޮވައިގެން އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީގެ ރައީސް އަލްއުސްތާޛް މުޙައްމަދު ރަޝީދު އިބްރާހީމްއާއި ކަމާބެހޭ އެހެން ފަރާތްތަކާ ބައްދަލުކުރުވީމެވެ. އޭގެ ފަހުން 2009 ގައި ވެސް އެ މަޤްޞަދުގައި މާލެ އައުމުން އެ ފަހަރުވެސް ކަމާއި ގުޅޭ ފަރާތްތަކާ ބައްދަލުކުރުވީމެވެ. މިގޮތުން އޭރުގެ އިސްލާމިކް މިނިސްޓަރ އަލްމަރްޙޫމް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީއާއި ފަލަކީ ކޮމެޓީގެ މެންބަރުންނާއި އަދިވެސް އެ ވުޒާރާގެ އިސްބޭފުޅުންނާ ބައްދަލުކުރުވީމެވެ. އަދި އޭނާގެ އެދުމުގެމަތިން ހިޖްރީ ކަލަންޑަރާ ބެހޭ ގޮތުން އޭނާ ތާނައިން އަތުން ލިޔުނު ލިޔުމެއް ޓައިޕްކޮށްދީ، ރާއްޖޭގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް ފޮނުވައިދިނީމެވެ. އޭގެ ފަހުން ވެސް އެކި ފަހަރުމަތީން ޢަލިމަނިކުފާނު ދިވެހިރާއްޖެއަށް އައެވެ. އެއް ފަހަރަކު އައްޑުއަށްވެސް ފޮނުވީމެވެ. ކޮންމެއަކަސް ޢަލިމަނިކުފާނާ އޮތް ގުޅުން ވަރަށް ގާތެވެ. 2007 ގައި އަޅުގަނޑުގެ ކާފަ ގޮވައިގެން ބޭސްފަރުވާގެ ދަތުރެއްގައި ޓްރިވެންޑްރަމަށް ކުރި ދަތުރެއްގައި އޭނާ އޭރު ދިރިއުޅުނު ޓެމިލްނާޑޫގެ ވައްލިޔޫރުން ދަތުރުކޮށްފައި ޓްރިވެންޑްރަމަށް އައެވެ. އެއަށްފަހު މި ފަހަރުގެ ކޮޗިން ދަތުރުގައި ވެސް ޢުމުރުން 84 ވެފައި ވަނިކޮށްވެސް އަޅުގަނޑާ ދިމާވެލައި ބައްދަލުކޮށްލުމަށްޓަކައި ކާލީކޯޓުން އޭނާގެ ދޮންދަރިޔަކާއެކީ ދަތުރުކޮށްފައި އަޅުގަނޑުމެން ތިބޭ ހޮޓެލަށް އައެވެ. އެއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

ކުރިން ބަޔާންކުރެވުނު ފަދައިން މި ފަހަރުގެ ކޮޗިން ދަތުރުގައި ޑިސެންބަރު 10 ދުވަހު ކޮޗިނަށް ދިޔުމުގެ މަޤްޞަދަކަށްވީ އެދުވަހު އޮތް މަލިކުގެ ކައިވެނި ހަފްލާއެއްގައި ބައިވެރިވުމެވެ. އެހެންނަމަވެސް ކަން ދިމާކުރި ގޮތުން އެ ހަފްލާގައި ބައިވެރިވެވޭނެ ގޮތެއް ނުވިއެވެ. އެކަމަކު ޑިސެންބަރު 16 ވަނަ ދުވަހު އެ ކައިވެންޏާ ގުޅިގެން އަންހެންކުއްޖާގެ ގޭގައި ރޭގަނޑުގެ ޚާއްޞަ ޖާފަތެއް އޮތެވެ. އެ ޖާފަތަށް މަލިކުގެ ސަގާފަތުގައި ކިޔަނީ "އެއްޗެތި ލާންދާ ބަތް" މިހެންނެވެ. އެކުވެރި ކޭޖީއާއެކީ ގޮސް އެ ޖާފަތުގައި ބައިވެރިވީމެވެ. ކައިވެނިކުރި އަންހެން ކުއްޖާއަކީ ފުންހިލޯޅު އަވަށު އާދަންގޭ އާސިމާއެވެ. ފިރިހެން ކުއްޖާއަކީ ހަމަ އެއަވަށު ބަންޑާރަގޭ މުޙައްމަދު ޔާސީންއެވެ. މި ތަނުން އަންހެންކުއްޖާގެ ބައްޕަ ތިލޭރުގޯތި މުޙައްމަދާ ދިމާވިއެވެ. އޭނާއަކީ މަލިކުގެ ބޯޓު ދަތުރުކުރާ މީހުންނަށް ޚާއްޞަކޮށްގެން މުންބާއީގައި ޤާއިމުކޮށްފައި ހުންނަ "މިނިކޮއި ޕީޕަލްސް ވެލްފެއަރ އެސޯސިއޭޝަން" ގެ ސެކެޓްރީއެވެ. މަލިކު ފިރިހެނުންގެ މައިގަނޑު މަސައްކަތަކީ ބޯޓުދަތުރުކުރުމެވެ. މީގެ ކުރީން އޭނާވަނީ ފުންހިލޯޅު އަވަށުގެ މުއްޕަން ނުވަތަ ބޮޑުކާކަގެ މަޤާމު އަދާކޮށްފައެވެ. އެއީ މަލިކުގައި އަވަށުވެރީންނަށް ކިޔާ ނަމެވެ.

މަލިކުގެ ޑެންޓިސްޓެއް ކަމަށްވާ ޑރ.އިސްމާޢީލް އަކީ 2007 ވަނަ އަހަރު ބޭސްފަރުވާގެ ދަތުރެއްގައި އިންޑިޔާގެ ޓްރިވެންޑްރަމުން ދިމާވި ޑޮކްޓަރެކެވެ. އެއް ދުވަހަކު ޓްރިވެންޑްރަމްގެ މަގެއްގެމަތީން ހިނގާފައި ދަނިކޮށް ތާނައަކުރުން ފާތިމާ ޑެންޓަލް ކްލިނިކްއޭ ލިޔެފައި އޮވެގެން އެތަނަށް ވަދެ ބެލިއިރު އެއީ މަލިކު ޑޮކްޓަރަކު ހިންގާ ތަނެކެވެ. އެތަނުގައި ޑޮކްޓަރު އިސްމާޢީލަށް އެހީތެރިވެދޭން ހުންނަނީ އޭނާގެ އަންހެނުން ރަޖީނާއެވެ. އެއީވެސް މަލިކު މީހެކެވެ. 2007 ގެފަހުން ޑރ.އިސްމާޢީލްއާ ދިމާނުވެ ގިނަ އަހަރުތަކެއް ވޭތުވުމަށްފަހު އަލުން ދިމާވީ މިދިޔަ އަހަރުގެ ތެރޭގައި މާލެއިންނެވެ. އަލިފުށީގައި ހުޅުވާ ކްލިނިކެއްގައި މަސައްކަތްކުރަން އައިސް ހުއްޓައެވެ. މިފަހަރު ކޮޗިނަށް ގޮސް ހުއްޓާ އެއް ދުވަހަކު ގުޅާފައި ތިމަންނާވެސް މިހިރީ ކޮޗިނުގައޭ ދިމާވެލަން "ހިކިތަވާ"އަށް އަންނާށޭ ބުންޏެވެ. އެބުނާ ތަނެއް ހޯދައިގެން އެކުވެރި ކޭޖީއާއެކު ދިޔައިރު އެއީ 2003 ގައި މާލެއިން ދިމާވެގެން ރަހުމަތްތެރިކަން އުފެދުނު މަލިކު އަލިމާލިމީގޯތި ފާތުމާ މަނިކަ ހިންގާ ކުޑަވަރެއްގެ ކެފޭއެކެވެ. ފާތުމާ މަނިކައަކީ ސިވިލް އިންޖިނަރިން ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ މީހެކެވެ. ލަކްޝަދީބު ޕަބްލިކް ވަރކްސް ޑިޕާޓްމެންޓްގެ އެސިސްޓެންޓް އިންޖިނިއަރެއްގެ މަޤާމު އަދާކޮށް މިހާރު ވަނީ މަޤާމުން މުސްކުޅިކޮށްފައެވެ. ކޮޗިނުން ގެއެއް ގަނެގެން ދިރިއުޅެ ވަގުތުތައް ހޭދަކުރަނީ "ހިކިތަވާ" ހިންގުމުގައެވެ. ވަރަށް މީރުކޮށް ހެދިކާއެއްޗެހި ހަދައެވެ.

މަލިކުގައި ތިބޭ އެންމެ ގާތް ރަޙްމަތްތެރީންގެ ތެރެއިން އެކަކީ މަލިކު އޮޅުދުގޯތި އިބްރާހީމް މަނިކުފާނެވެ. އޭނާއަކީ މަލިކު "ވިއްލެޖް ދީބު ޕަންޗާޔަތު" (މަލިކު ރަށު ކައުންސިލް) ގެ މެންބަރެކެވެ. ދިވެހިރާއްޖެއާ ވަރަށް ބޮޑަށް ގުޅޭ މީހެއްވެސްމެއެވެ. އޭނާގެ މައިފުށުގެ ކާފައަކީ ކަކާގޭ ޙުސައިން ދީދީއެވެ. މާލޭގައި ދެބެއިންގެ ދެދަރި މީހުން ތިބެއެވެ. ކުރިންވެސް ވަޓްސްއެޕުން ރައްޓެހިކަން އުފެދިފައިވެއެވެ. އަލަށް ދިމާވީ މީގެ ތިން ހަތަރު ވަރަކަށް އަހަރު ކުރީން އަންހެނުންނާއި ދެދަރީން ގޮވައިގެން މާލެ އައި ދަތުރެއްގައެވެ. ހަމަ އެހެންމެ އޭނާގެ ކޮއްކޮ އޮޅުދުގޯތި ޙުސައިން މަނިކުފާނަކީވެސް ވަޓްސްއެޕުން ގާތްގުޅުމެއް އުފެދިފައިވާ މީހެކެވެ. އެހެންނަމަވެސް އަދި ދިމާނުވެއެވެ. މިފަހަރު ކޮޗިނަށް ދިޔައިރު ޙުސައިން މަނިކުފާނުވީ ބޯޓުދަތުރުކުރަން ގޮހެވެ. އިބްރާހީމް މަނިކުފާނު ހުރީ މަލިކުގައެވެ. ނަމަވެސް އޭނާގެ ދަރިފުޅު ކަދީޖާ މަނިކަ ކޮޗިނަށް އައިއިރު މަލިކު ހަދިޔާ ދީފައި އަޅުގަނޑު އުޅޭ ހޮޓަލަށް ފޮނުވިއެވެ. އެފަހުން އެކުވެރި ކޭޖީއާއެކު ކަދީޖާ މަނިކަމެން ދިރިއުޅޭ ގެއަށް ގޮސް ކަދީޖާގެ ދެމަފިރީންނާ ބައްދަލުކުރީމެވެ.

ކުރިން ބަޔާންކުރެވުނު ފަދައިން ކޮޗިން ދަތުރަކީ ބޭސްފަރުވާގެ ދަތުރެއްކަމުން ދޮންދައްތަގެ ދަތުގެ ކަމެއްގައި މަލިކު މީހުން އުޅޭ ސަރަޙައްދުގައި ހުންނަ "ހްޔާތު ކްލިނިކަށް" ދިޔައީމެވެ. އެތަނުގައި ދަތުގެ ވަރަށް ރަނގަޅު ޑޮކްޓަރެއް ހުންނަ ކަމަށް މަލިކު ދެތިން މީހެއްގެ ފަރާތުން އިރުޝާދު ލިބިގެންނެވެ. އިއްތިފާޤަކުން އެ ޑޮކްޓަރުވީ އަޅުގަނޑުގެ މިދަތުރުގެ އާރުކާޓީ އެކުވެރި ކޭޖީ މުޙައްމަދުގެ ޅީދަރިފުޅަށެވެ. ކުންނުގޭ ޑރ.ފައުޒިއްޔާއެވެ. އެ ކްލިނިކުން މަލިކު އެހެން ޑޮކްޓަރަކާވެސް ދިމާވިއެވެ. އެއީ ގޮބޮޅިގޯތި ޑރ.ހަފީޒާއެވެ. އޭނާއަކީ ޢާއްމު ބަލިތަކުގެ ޑޮކްޓަރެކެވެ. ވަޓްސްއެޕުން ދިމާވެ ޚިޔާލު ބަދަލުކުރެވޭ މީހެކެވެ. އަދި އެހެންމެ މަލިކުން އެންމެ ފުރަތަމަ އެކުވެރިކަން އުފެދުނު ގޮބޮޅިގޯތި ހުސެންކޮގެ ދައްތަގެ ދަރިއެކެވެ. އޭނާގެ ބައްޕަ މާޔަގޯތި ޙަސަންބޭބެއަކީ ވެސް ހުސެންކޮގެ ފަރާތުން ރަހުމަތްތެރިކަން އުފެދިފައިވާ މީހެކެވެ. ކޮންމެއަކަސް ދޮންދައްތަ އެތަނަށް ލާފައި މަގުމައްޗަށް ނިކުތްއިރު ކޭޖީއާވެސް ދިމާވެއްޖެއެވެ. އަދި މަލިކުން ދިމާވެ ރަހުމަތްތެރިކަން އުފެދިފައިވާ ބޮޑުގޭ ޙުސައިންއާވެސް ދިމާވިއެވެ. ޙުސައިން އޭނާ އުޅޭ ގެޔަށް ވަދެލަން ހިނގާށޭ ބުނެގެން އެމަގުން ހިނގާލާފައި ދަނިކޮށް ކަންމައްޗެއްގައި ހުރި ކާއެއްޗެހި ވިއްކާ ކެފޭއެއް ކަހަލަ ކަޑައެއްގައި މައުލިބާސް ލައިގެން ތިބި މަލިކު ދެ އަންހެނުން ފެނިގެން މަޑުކޮށްލީމެވެ. ޚަބަރު ބަލާލިއިރު އެއީ މަލިކު އައުމަގު އަވަށު ކޭޅުގޯތި (ކެޔޮޅުގޯތި) އައިސަ ހިންގާ ސައިފޮޓަލެކެވެ. އެހެންކަމުން އެތަނުން ސައިތައްޓެއް ބޯލަން މަޑުކޮށްލީމެވެ. އެމީހުން ކިޔާ ގޮތުން "އަތަރަ" އަޅައިގެން ގިރާފައިވާ ރަތްސަޔެވެ. ރަތްސަޔަކީ ކަޅުސަޔަށް މަލިކުގައި ކިޔާގޮތެވެ. އެކިޔާ އަތަރައަކީ ސައިފަދަ ކާބޯތަކެއްޗަށް އަޅާ އެސެންސް ފާޑުގެ ރަހަލައްވާ އެއްޗެކެވެ. ކޮންމެއަކަސް އަތަރަ އަޅައިގެން ގިރާފައި ހުރި ސައިން ވަރަށް މީރެވެ. މިހާރު އުމުރުން ފަސްދޮޅަހުގެ ތެރޭގައި އުޅޭ ކޭޅުގޯތި އައިސައަކީ މަލިކުގެ ވިއްލޭޖް ދީބު ޕަންޗާޔަތު (ރަށު ކައުންސިލް) އާއި ލަކްޝަދީބުގެ ޑިސްޓްރިކްޓް ޕަންޗާޔަތު (އަތޮޅު ކައުންސިލް) ގެ މެންބަރުކަން ކޮށްފައިވާ މީހެކެވެ. އެތަނުން ސައިބޮއެގެން ދިޔައީ ބޮޑުގޭ ޙުސައިން އުޅޭ ގެއަށެވެ. އެގެއަށް ގޮސް އޭނާ ހަދާ ޖާދޫތައް އަހަރެމެންނެނަށް ދެއްކިއެވެ. ޙުސައިނަކީ މޮޅު ޖާދޫގަރެކެވެ.

މަލިކުގެ ޚާއްޞަ ރަޙްމަތްތެރީންގެ ތެރެއިން ތަފާތު އެކި ސަބަބުތަކާހުރެ މިހާތަނަށް ދިމާނުވެ ހުރި އެކަކު ކަމުގައިވާ މަލިކުން އެންމެ ފުރަތަމައަށް ޕީއެޗްޑީ ޙާސިލްކުރި ނާކަތޮށިގޭ ޑރ. ޚައިރުއްނިސާއާ ދިމާވުމުގެ ނަސީބު މިފަހަރު ލިބުނެވެ. އޭނާއާއި އޭނާގެ ފިރިމީހާ މަސްރޫކް ދާރް، އެ ދެމަފިރިންގެ ދެ ދަރީންނާއެކު ދިރިއުޅެނީ ހައިދަރުއާބާދުގައެވެ. މަސްރޫކް ދާރްއަކީ ކަޝްމީރުމީހެކެވެ. ޚައިރުއްނިސާ އުޅެނީ ހައިދަރުއާބާދުގައި ހުންނަ މައުލާނާ އާޒާދު ނެޝަނަލް އުރުދޫ ޔުނިވަރސިޓީގެ ޑިޕާޓްމެންޓް އޮފް އިންގްލިޝްގައި އެސިސްޓެންޓް ޕްރޮފެސަރެއްގެ ވަޒީފާގައެވެ. އޭނާގެ ފިރިމީހާއަކީ ހައިދަރުއާބާދު ޔުނިވަރސިޓީގައި އެސިސްޓެންޓް ޕްރޮފެސަރެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އެއްބަނޑު ކޮއްކޮއެއްގެ ކައިވެންޏަށް، 22 ޑިސެންބަރުގައި މަލިކަށް ފުރަންވެގެން ހައިދަރުއާބާދުން 21 ޑިސެންބަރުގައި އައިސް، އަވަދިނެތި އުޅެމުން ވެސް އަޅުގަނޑާ ބައްދަލުވެލަން އަޅުގަނޑުމެން އުޅޭ ހޮޓެލަށް އައެވެ. ޚައިރުއްނިސާއާ ފުރަތަމަ ދިމާވީ މީސްމީޑިއާގެ އައްޓެއް ކަމަށްވާ އޮރްކުޓްއިން މީގެ ގާތްގަނޑަށް ދިހަބާރަ ވަރަކަށް އަހަރު ކުރީންނެވެ. އެހެންނަމަވެސް ހަމަލޮލުން މި ދިމާމިވީ މުޅީން އަލަށެވެ. ޚައިރުއްނިސާއަކީ އަބަދުވެސް އަދަބިއްޔާތާއި، ސަގާފަތާއި، ތާރީޚާ ގުޅޭ ކަންކަމުގައި ޚިޔާލު ބަދަލުކޮށްހަދާ ރައްޓެއްސެކެވެ.

މި ދަތުރުގައި މަލިކު ބައެއްގެ ދެ ކައިވެނި ޕާޓީއަކަށް ދިއުމަށް ދައުވަތު ލިބުނެވެ. އެއް ކައިވެންޏަކީ ތަނބުރުގަނޑުގޭ މޫސަ އާއި ވަޅުގޯތި އައިސަގެ ދަރިފުޅު ނަސީރާއި ކަނބުރުގޭ ބިއްދަރުގޭ މުޙައްމަދާއި އީސަކުންނުގޭ ކަތްދަގެ ދަރިފުޅު އައިޝާގެ ކައިވެންޏެވެ. ކަލޫރު ސަރަހައްދުގައި ހުންނަ ހޮޓެލް ޕާކް ސެންޓްރަލްގައި އޮތް މިކައިވެނީގެ ހަފްލާ އޮތީ ރޭގަނޑުއެވެ. ހަފްލާ އޮތީ އެތަނުގެ ދެ ހޯލެއްގައެވެ. އެތަނަށް ދިޔައީ ކޭޖީއާއެކީގައެވެ. ހުސް މަލިކު މީހުންނެވެ. މޫނުތަކުން ފެންނަނީ ހަމަ ދިވެހިވަންތަ ސިފައެވެ. މުޅީން އާ މީހުންނާ ދިމާވެ އެކުވެރިކަން އުފެދުނެވެ. އަދި އެކުވެރި އަތިރިގޯތި ކަދީޖާގެ ދެމަފިރިންނާ ވެސް އެތަނުން ދިމާވިއެވެ. ދެވަނައަށް ދެވުނު ކައިވެނީގެ ހަފްލާ އޮތީ މެންދުރުގެ ވަގުތުގައެވެ. އެއީ ބާޑައަވަށު އަތިރިގޭ ހަފީޒްއާއި ބޮޑުއަތިރި އަވަށު އަތްކަންގޭ ރުމައިސާގެ ކައިވެނީގެ ހަފްލާއެވެ. އިއްތިފާޤަކުން އަޅުގަނޑުގެ ދޮށީ ދަރިފުޅުގެ ނަމަކީ ވެސް ރުމައިސާއެވެ. މި ހަފްލާއަށްވެސް ދިޔައީ އެކުވެރި ކޭޖީއާއެކުގައެވެ. ފަސްސަތޭކައެއްހާ މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެތަނަށް ދިޔަހެން ހީވެއެވެ. މުޅީންހެން މަލިކު މީހުންނެވެ. ދަންނަ ކިތަންމެ ބަޔަކުވެސް ފެނުނެވެ. މަލިކުގެ މިހާ ގިނަ ބަޔެއްގެ ތެރެއަށް ދެވުމުން ތަފާތު އިޙްސާސްތަކެއް ކުރެވުނެވެ. އަޅުގަނޑުމެންގެ އަމިއްލަ ބަހުން ވާހަކަދައްކާ، އަޅުގަނޑުމެންނާ އެއް ސިފައެއްގެ، ގިނަ ޢަދަދެއްގެ ބަޔަކާ މިހެން ދިމާވުމުން ބީރައްޓެހި ތަނެއްގައި އުޅޭ ކަމުގެ އިޙްސާސެއް ނުވެއެވެ. އަދި އަމުދުން އެފަދަ އުފާވެރި މާހައުލެއްގައެވެ.

މިފަހަރުގެ ކޮޗިން ދަތުރުން އިސްވެ ބަޔާންކުރެވުނު މީހުންގެ އިތުރުންވެސް މަލިކުގެ ކިތަންމެ ބަޔަކާ ބައްދަލުވިއެވެ. މިގޮތުން އިތުރަށް ފާހަގަކޮށްލެވުނު ބައެއް މީހުންގެ ތެރޭގައި މަލިކުގެ މަސްދޯންޏެއްގައި ފެންފުޅަފީން ނުވަތަ މަލިކު ބަހުން ކިޔާ ފުނަފޮށީން ފެން އުކުމުގެ ބަދަލުގައި ފުރަތަމަ ފަހަރަށް ޕަންޕު ބަހައްޓައިގެން އޭގެ އެހީގައި ފެންޖެހޭނެ ގޮތް ޤާއިމުކޮށް، އެކަން މަލިކަށް ތައާރަފުކުރި މަލިކު ބާޑައަވަށު އަތިރިގޭ ޙަސަންއާވެސް ބައްދަލުކޮށް ވާހަކަދައްކާލުމުގެ ފުރުޞަތު ލިބުނެވެ. އޭނާ މި ފެންޕަންޕު ގުޅީ 1996 ވަނަ އަހަރުގެ ތެރޭގައި އޭނާގެ އަމިއްލަ މަސްދޯންޏެއް ކަމަށްވާ "ނިޔާޒް" ލާންޗީގައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ މަސްވެރިން ކަނޑުމަސް ބޭނުމަށް ބޭނުންކުރާ ސަތޯބުޅި މާލެއިން ގެނެސް މަލިކުގައި އެގޮތަށް ބުޅި ހަދައިގެން މަލިކު މަސްވެރިންގެ ތެރެއަށް ތަޢަރަފުކުރީވެސް ހަމަ އޭނާއެވެ. އެއީ 1996 ހައިތަނުގައެވެ. އޭގެ ކުރިން މަލިކުގެ މަސްވެރީން ބޭނުންކުރީ ދިވެހިރާއްޖޭގައި ވެސް އިހުގައި ބޭނުންކުރި ބުޅިއެވެ. އަތިރިގޭ ޙަސަންގެ އިތުރުން ލަކްޝަދީބު އިންފޮމޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް ޑިޕާޓްމެންޓްގައި ޕަބްލިސިޓީ އޮފިސަރުގެ މަޤާމުއަދާކޮށް މިހާރު މަޤާމުން މުސްކުޅިކޮށްފައިވާ ބާޑައަވަށު ހޮޅިދާތަގޯތި ޙަސަން ތަކުރާވެސް ބައްދަލުވިއެވެ. އޭނާގެ މައިފުށުގެ ކާފައަކީ ތަކަންދޫ މީހެކެވެ. އޭގެ އިތުރުން މަޤާމުން މުސްކުޅިކޮށްފައިވާ ޢަރަބި އުސްތާޒުއަދި ދަންނަބޭކަލެއް ކަމަށްވާ ފުންހިލޯޅު އަވަށު ކުޑަކައްދާތަގޭ މައުލަވީ ޙުސައިންއާއި މިދަތުރުގެ ޚާޢްޞަ ރަހުމަތްތެރިކަމެއް އުފެދުނު އަންވަރުގެ ބަފައިބެ އަލިކެއުގޯތި މޫސަބެއާވެސް ދިމާވިއެވެ. މޫސަބެއަކީ ތަޖުރިބާކާރު ކެއުޅެކެވެ. މޫސަބަ މުންޑު އަނދެފައި ބޮލުގައި ރުމާ އައްސާފައި ހުރި ގޮތުން އެ އުމުރުގެ ދިވެހިބޭބެއަކާ އެއްވެސް ތަފާތެއް ނެތެވެ. މި ނޫންވެސް ކިތަންމެ ބަޔަކާ ބައްދަލުވިއެވެ. އެހެންނަމަވެސް މިހާރުވެސް ލިޔުން މާދިގުވެފައިވާތީ މި ހިސާބަށް ކުރުކޮށްލާނަމެވެ.

ނިންމާލުމުގެ ކުރިން މަލިކު ބަހުރުވަޔާ މެދު ދެތިން ބަހެއް ދަންނަވާލާނަމެވެ. މަލިކުބަހުރުވަޔާއި ދިވެހިރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ މާލޭބަހުރުވަޔާ ކުދިކުދި ތަފާތު ހުރެއެވެ. އެއީ ކުރީން ދެންނެވިހެން 1956 ގެ ފަހުން ގުޅުން ކެނޑުނުފަހުން ދެ ބަހުރުވަޔަށްމެ އައި ބަދަލުތަކެއްގެ ސަބަބުން އައި ތަފާތެކެވެ. އެހެންކަމުން މަލިކު މީހަކު މަލިކު ބަހުރުވައިން ވާހަކަދައްކާއިރު ޢާއްމު ދިވެއްސަކަށް އޭނާކިޔާ ބައެއް ލަފުޒުތައް ނޭނގިދެއެވެ. ހަމަ އެހެންމެ ދިވެއްސަކުވެސް އެގޮތަށް ވާހަކަދައްކާއިރު މަލިކު މީހުންނަށްވެސް ނޭނގޭ ކިތަންމެ ލަފުޒެއް ބޭނުންކުރެއެވެ. އެހެންނަމަވެސް އަހަރެމެންގެ އައްޑޫބަހޭ މިކިޔާ ބަހުރުވަޔަށްވުރެ މަލިކުގެ މަހަލްބަހޭ ކިޔާ ބަހުރުވަ މާލޭބަހާ މާ އެއްގޮތްވެފައި ގާތްކަން ބޮޑެވެ. ދެންނެވުނު ތަފާތާ ހުރެ ނަމަވެސް ދިވެހީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މަލިކު މީހުންނާ ވާހަކަދައްކާއިރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ވާހަކަދައްކާ ވައްތަރަށް ވާހަކަދައްކައެވެ. އެއީ ރަނގަޅު ގޮތެއްކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. މަލިކާ ގުޅުން އޮންނަތާ ވިއްސަކަށް ފަންސަވީހަކަށް އަހަރުވެފައިވާތީ އަޅުގަނޑު މަލިކު މީހުންނާ ވާހަކަދައްކާއިރު އަބަދުވެސް ބަލަނީ އެމީހުންގެ ގޮތަށް ވާހަކަދެއްކޭތޯއެވެ. އެހެންކަމުން މަލިކުގެ ވަރަށް ގިނަ މީހުންވެސް އެކަން ފާހަގަކުރެއެވެ. އަޅުގަނޑު ކިޔާ ހުރިހާ އެއްޗެއް އެނގޭ ވާހަކައެވެ. އަދި އެމީހުން ކިޔާ އެއްޗެހިވެސް އަޅުގަނޑަށް އެނގޭ ވާހަކައެވެ. ކޮންމެއަކަސް މަލިކަށް ދެވުނު ފަދަ ކޮޗިނަށް މިކުރެވުނު ދަތުރަކީ 2015 ގެ މަލިކު ދަތުރުގެ ތަޖުރިބާ ދެވަނަ ފަހަރަށް ކުރެވުނު ފަދަ އުފާވެރި ދަތުރެކެވެ.

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.