ހެވީ ވެހިކަލް ޕާކުކުރަން ހުޅުމާލޭން ޖާގަ ކުއްޔަށް ދިނުމަށް ނިންމައި، ބިޑް އުސޫލުން އެ ޖާގަތަކަށް ކުރިމަތިލާން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހެވީ ވެހިކަލް ޕާކު ކުރަން ހުޅުމާލޭން ދޫކުރަން ނިންމާފައިވަނީ 19 ޖާގަ ކަމަށެވެ. އަދި އެ ޖާގަތައް ދޫކުރާނީ ބީލަމުގެ އުސޫލުން ކަމަށް ބުންޏެވެ.

ހެވީ ވެހިކަލް ޕާކުކުރަން ހުޅުމާލެ ޖާގަ ދޫކުރާނީ އެމްޕީއެލް ސަރަހައްދު ކައިރީގައި އޮންނަ ހެވީ ވެހިކަލް ޕާކިން ޒޯނުންނެވެ. އެތަނުން 40 ފޫޓް ޓްރެއިލާގެ ތިން ޖާގައާއި 20 ފޫޓް ޓްރެއިލާގެ ދެ ޖާގައާއި ޑަމްޕްޓްރަކް ނުވަތަ ލޮރީފަދަ އުޅަދުތަކަށް ހާއްސަ 10 ޖާގަ އަދި ކްރޭން ޕާކު ކުރުމަށް ހަތަރު ޖާގަ ދޫކުރާނެއެވެ.

އެޗްޑީސީން ބުނީ މި ޕާކިން ޖާގަތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް މަހަކު 12.01ރ. ކަމަށެވެ. އަދި ޖާގަތައް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި މި ޖާގަތަކަށް ކުއްޔަށް ދޫކުރެވެނީ ހަމައެކަނި މުދާ އުފުލާ ބަރު އުޅަނދުފަހަރު ޕާކިން ބޭނުމަށް އެކަނި ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން މި ޖާގަތަކުގައި ޕާކު ކުރެވޭނީ ހަމައެކަނި 100 ޕަސެންޓް ދިވެހި ވިޔަފާރިއެއްގެ ނަމުގައި، މާލޭ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓަރީ ކުރެވިފައިވާ ހުޅުމާލޭގެ ސިނާއީ މަސައްކަތުގައި ބޭނުންކުރާ ބަރު އުޅަނދުތަކަށް ކަމަށާއި ޖާގަތައް ދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެޗްޑީސީން މިދިޔަ އަހަރުވެސް ވަނީ ދެ ޒޯނަކަށް ބަހާލައިގެން 70 ކާރު ޕާކުކުރާނެ ޖާގަ ބިޑް އުސޫލުން ކުއްޔަށް ދޫކޮށްފައެވެ. އަދި ހުޅުމާލޭގައި ޕާކިން ބިލްޑިންއެއް ހަދަން ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.