މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުތުރުގެ ތިން އަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ރައީސް ސޯލިހު މިއަދު ފުރަތަމަ ވަޑައިގެންނެވީ ހޯރަފުއްޓަށެވެ. އެ ރަށުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ރައީސްގެ މި ދަތުރުފުޅުގައި ހއ. އަތޮޅަށާއި ހދ. އަދި ށ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާނެއެވެ.

ހއ. އަތޮޅުން ރައީސް ވަޑައިގަންނަވާނީ އެ އަތޮޅު އިހަވަންދުއަށާއި ކެލާގެ އިތުރުން ދިއްދުއަށެވެ. ދިއްދޫގައި ޖަލްސާއެއް ބާއްވާނެއެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅު ތެރެއިން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ފައްޓަވާ ދެއްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއުގެ ފެށުމުގެ ރަސްމިއްޔާތު މާދަމާ ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު، އެ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.