އެޕަލް ކުންފުނީގެ އެންމެ މަގުބޫލު އުފެއްދުމަކީ އެޕަލް އައިފޯނެވެ. 2022 ނިމިގެން ދިޔައީ ސެޓްލައިޓް މެދުވެރިކޮށް އެސްއެމްއެސް ފޮނުވޭނެ ކަމަށް ބުނި އައިފޯން 14، އަތުގައި އޮވެގެންނެވެ. އެހެން ނަމަވެސް އެ ބުނާ ހިދުމަތެއް އަދި ރާއްޖެއާއި ހަމަޔަށް ފޯރާވަރެއް ނުވެއެވެ. ދެން އޮތީ މިހިނގާ 2023 ވަނަ އަހަރު އެޕަލް ކުންފުނިން ނެރޭނެ ކަމަށް ބެލެވޭ އާ އުފެއްދުންތަކުގެ ވާހަކައެވެ.
އޭއާރު/ވީއާރު ހެޑްސެޓްތައް އުފައްދައިގެން ނެރެ އޭގެ ވިޔަފާރި ސެމްސަން، ފޭސްބުކް އަދި އެހެންވެސް ކުންފުނިތަކުން ކުރާތާ ދެތިން ހަތަރު އަހަރު ވެއްޖެއެވެ. އެހެން ނަމަވެސް މަޝްހޫރު އެޕަލް ކުންފުނީގެ ހަބަރެއް އަދި ނެތެވެ. އެެހެން ނަމަވެސް އޭއާރު/ވީއާރު ހެޑްސެޓް އުފެއްދުމުގެ މަސައްކަތް އެޕަލް ކުންފުނިން ކުރަމުން އަންނަތާ މިހާރު ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ބުނެއެވެ. އެޕަލް ކުންފުނީގެ އުފެއްދުންތަކަކީ ނެރުމުގެ ކުރިން އޭގެ އެއްވެސް މައުލޫމާތެއް އާންމު ކުރާ ބައެއްނޫނެވެ.
އެހެން ނަމަވެސް މި އަހަރަކީ ވާޗުއަލް ރިއަލިޓީގެ ތަފާތު ތަޖުރިބާއެއް ކުރެވޭނެ އެޕަލް ކުންފުނީގެ ފުރަތަމަ އޭއާރު/ވީއާރުގެ ހެޑްސެޓް ފެނިގެންދާނެ އަހަރު ކަމަށް ގިނަ ބަޔަކު ލަފާ ކުރެއެވެ. މިއީ 2015 ވަނަ އަހަރު އެޕަލް ގަޑި ތައާރަފުކުރި ފަހުން އެޕަލް އިން އާ އުފެއްދުމެއް ނެރުމަށް އަތުކުރި އޮޅާލި ފަހަރުކަމަށް ވާނެ ކަމަށާއި، އެޕަލްގެ އަމިއްލައަށް ދުވާ ބެޓެރީ ކާރު އުފެއްދުމާއި، ހަމައަށް ދެވޭނީ މި ވީއާރު ނެރުމަށް ފަހު ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
އެޕަލް ގަޑި ފަދައިން ފުރަތަމަ ވީއާރު ހެޑްސެޓަކީ ވެސް އަގުބޮޑު، ބާޒާރަށް މަދު އަދަދެއް ނެރެގެން މީހުންގެ ސައުގުވެރިކަން ހުރިވަރު ދެނެގަންނާނެ މިކްސްޑް" ރިއަލިޓީގެ ނަމުން މަޝްހޫރު ކޮންސެޕްޓެއް ކަމަށްވާ އޮގްމެންޓެޑް އަދި ވާޗުއަލް ރިއަލިޓީ ހެޑްސެޓަކަށް ވާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ހަބަރުތައް ބުނާގޮތުގައި ވާޗުއަލް ތަޖުރިބާތަކަށް ވަރަށް ބޮޑަށް ފޯކަސް ކުރާނެ އޭއާރު/ވީއާރު ހެޑްސެޓަށް ރިއަލިޓީ ޕްރޯ ނުވަތަ ރިއަލިޓީ ވަން ގެ ނަން ދީފާނެ އެވެ. އޭއާރް/ވީއާރު ހެޑްސެޓުގައި އެޕަލްއިން ބޭނުން ކުރާނީ xrOS ގެ ނަމުން ނަންދެވިދާނެ އޮޕަރޭޓިން ސިސްޓަމެއް ކަމަށާއި މިއީ އޮގްމެންޓެޑް އަދި ވާޗުއަލް ރިއަލިޓީ ފަންކްޝަންތައް ތަމްސީލުކުރާ ކޮންސެޕްޓް ކަމަށް ވެސް ބުނެއެވެ.
އެޕަލް އިން ގޭމް ޑިވެލޮޕަރުންނާ ގުޅިގެން ހެޑްސެޓަށް ވީއާރު ގޭމްތައް އުފެއްދުމަށް މިހާރު ތައްޔާރުވަމުން އަންނައިރު އެޕަލް ޓީވީ ޕްލަސް އަދި އެޕަލް އާކޭޑް ފަދަ މިހާރު ހުރި ހިދުމަތްތަކާ ވަރަށް ބޮޑަށް އިންޓަގްރޭޓްވާނެ ކަމަށް ވެސް ޓެކް ހަބަރުތައް ބުނެއެވެ. މި ހެޑްސެޓް ތަރައްގީ ކުރަމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު މި އަހަރު ވެގެން ދާނީ މި ހެޑްސެޓް އާންމުންނާއި ހަމައަށް އަންނަ އަހަރުކަމަށް ގިނަ ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ. އެހެންކަމުން މި އަހަރުގެ މެދު ތެރޭގައި މި އުފެއްދުން ފެނުމަކީ އެކަށީގެންވާ ކަމެވެ.
އައިފޯން 15 އަދި އައިފޯން 15 ޕްރޯ (ސެޕްޓެމްބަރު 2023) ގައި ނެރޭނެ ކަމަށް ލަފާ ކުރެވެއެވެ. ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގައި އެޕަލްގެ އާ ފޯނުތައް ނެރެމުން އަންނައިރު މި ފެށުނު 2023 ގައި ނިކުންނާނީ އައިފޯން 15ގެ އަދަދު ތަކެވެ. އައިފޯން 15 މޮޑެލްތައް ވެސް އާންމު ސައިޒުތަކުގައި އަންނާނެ ކަމަށް ބެލެވެނީ 6.1 އިންޗީގެ ދެ އައިފޯނާއި 6.7 އިންޗީގެ ދެ އައިފޯނެވެ. އެއީ އައިފޯން 15 ޕުރޯ އަދި ޕުރޯ މެކްސް އެވެ. މިހާތަނަށް އައިއިރު ހަގީގަތުގައި އައިފޯނުތަކުގެ ޑިޒައިނަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެން ނަމަވެސް މިފަހަރު އައިފޯން 15 ޕްރޯ މޮޑެލްތަކަށް ޓައިޓެނިއަމް ޗެސިސްއެއް އުފެއްދުމުގެ އިތުރުން ޓަޗް އައިޑީ އައިފޯންތަކުގައި ހުންނަ ހޯމް ބަޓަން އާއި އެއްގޮތަށް ހިމަނައި އަދި ޕަވަރ ބަޓަންއަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ޔޫއެސްބީ-ސީ ޗާރޖު ހިމެނުން މިވަނީ އެޕަލް އަށް މަޒުބޫރުވެފައެވެ. އެޕަލްގެ އައިފޯނުތަކަށް ޔޫއެސްބީ-ސީ އިން ޔުނިވަރސަލް ޗާޖިން ހިމެނުމާއި އޭގެ އިތުރުން ބައެއް މޮޑެލްތަކުގައި ޗާޖު ކުރެވޭ ސްޕީޑް އަވަސް ކުރެވޭނެ ކަމަށް ވެސް ވަނީ ބެލެވިފައެވެ. އައިފޯން 15 ޕްރޯ މޮޑެލްތަކުން 40ޖީބީއާ ހަމައަށް ޑޭޓާ ޓްރާންސްފާ ކުރުމަށް ޔޫއެސްބީ 3.2 ނުވަތަ ތަންޑަރބޯލްޓް ސްޕީޑަށް ބަދަލުކޮށް އައިފޯން 15 މޮޑެލްތަކަށް ޕެރިސްކޯޕް ކެމެރާ ޓެކްނޮލޮޖީ ހިމަނާނެ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ދެން ނެރޭ އައިފޯން 15 އަކީ ބޮޑު ބަދަލަކާއި އެކު ނެރޭނެ ފޯނަކަށް ވެގެންދާނެއެވެ.