ހައި ކޯޓުގެ ފަނޑިޔާ ރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 1:00 ކަމަށެވެ. ފަނޑިޔާރު ކަމަށް ކުރިމަތިލާން ވާނީ ޖޭއެސްސީގެ ފަހިރެސް [ޕޯޓަލް](https://apply.jsc.gov.mv/) މެދުވެރިކޮށް ކަމަށް ޖޭއެސްސީން ބުންޏެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި ސުންނީ ޖަމާއަތުގެ މީހަކަށް ވުމުގެ އިތުރުން ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން ހިމެނެއެވެ.

ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އޭގެ އިތުރުން ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރި ކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރުވެފައިވާ ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެއެވެ. އަދި އެފަރާތަކީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތަކަށްވާން ޖެހޭނެއެވެ.

ހައި ކޯޓުގެ ފަނޑިޔާރެއްގެ މުސާރައަކީ މަހަކު 36،000 ރުފިޔާއެވެ. ލިވިސް އެލޮވެންސް ގޮތުގައި މުސާރައިގެ އިތުރުން 15،000 ރުފިޔާ އަދި ރިސްކު އެލެވެންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެއެވެ.

ހައި ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފައި މިވަނީ ހައި ކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ އެމަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.