ޕްރޮފައިލް ރިޕޯޓް

ޤައުމީ ޚިދުމަތުގައި އަޅުގަނޑު: އެންޓި-ކޮރަޕްޝަން ބޯޑާއި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގައި 2

އަބްދުﷲ ފާރޫގް ހަސަން

(9 ޖެނުއަރީގެ އަދަދާ ގުޅޭ)

މިބާވަތުގެ ކަމެއްގައި އެދުވަސްވަރު އަޅުގަނޑު މަޝްވަރާކުރާން ތިއްބެވި ބޭފުޅުންނާ މަޝްވަރާކޮށްލުމުން އެބޭފުޅުން މަޝްވަރާ ދެއްވީ رئيس الجــمــهــوريّـــة ޙަވާލުކުރައްވާ މަޤާމެއް ޤަބޫލުކުރާންވާނެ ކަމުގައެވެ. (ކަން ވާންޖެހޭގޮތަކީ އެއީކަން އަޅުގަނޑަށް އަމިއްލަޔަށްވެސް ތަޖްރިބާކުރެވުނެވެ. އަޅުގަނޑު އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަމުގައި ހުއްޓައި އިލެކްޝަންސް ކޮމިޝަންގެ ކޮމިޝަނަރކަން އަޅުގަނޑަށް ހުށަހެޅުނެވެ. އޭރު 2008 ގެ ރިޔާސީ އިންތިޚާބު އޮތީ ބޯމަތިވެފައެވެ. އެހެންކަމުން އަޅުގަނޑު އެ މަޤާމު ޤަބޫލެއް ނުކުރީމެވެ. ދެން ފެނުނީ އިލެކްޝަންސަށް އެހެން ބޭފުޅަކު ހަމަޖެއްސެވިތަނެވެ. ހަމަޖެއްސެވީ ސްޓޭޓް މިނިސްޓަރެއްގެ ލެވެލްގައެވެ. އެހައިތަނަށް އިލެކްޝަންސްގައި ހުންނެވި ބޭފުޅާ އެހެން މަޤާމަކަށް ބަދަލުކުރެއްވީވެސް ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ. އަޅުގަނޑުމެން ތިންމީހުން ނާއިބުންގެ ފެންވަރަށް އައީ އެކުއެކުގައެވެ. އަޅުގަނޑު ހުރިފެންވަރުގައި ހުރީއެވެ.) އެ މަޝްވަރާ ލިބުމުން އެއްދުވަސް މެދަށް ދޫކޮށްލައިފައި އަޅުގަނޑު الـفــاضـــل محـمّــد حسـين އަށް ފޯނުކޮށްފީމެވެ. އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަން ޤަބޫލުކުރާނެ ވާހަކަ ދަންނަވައިފީމެވެ. محـمّــد حسـين ވަރަށް ގާތްކަން ބަހައްޓަވާ ރާގެއްގައި "ވަރަށް ރަނގަޅޭ" ވިދާޅުވެފައި ފޯނު ބާއްވަވައިފިއެވެ. ގިނަދުވަހެއްނުވެ 16 ނޮވެމްބަރ 1993 ގައި އަޅުގަނޑު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރުކަމުން އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަމަށް ބަދަލުކުރެއްވިކަމުގެ ޗިޓު ލިބިއްޖެއެވެ. އަޅުގަނޑު އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަމުގެ ހުވާކުރީ 23 ނޮވެމްބަރ 1993 ގައެވެ. އަޅުގަނޑު އެ މަޤާމާ ޙަވާލުވީ ގޮންޖެހުމެއް ޤަބޫލުކުރުންކަމުގައި ހިތުން ޢަޒުމު ކަނޑައަޅައިގެންނެވެ. އަޅުގަނޑުގެ ދާއިރާއެއްކަމުގައި ނުވާތީއެވެ.

އެންޓި-ކޮރަޕްޝަން ބޯޑު

އެންޓި-ކޮރަޕްޝަން ބޯޑަކީ ޤާނޫނު ނަންބަރު 68/3ޖ. (އޮފިޝަލް ކަންތައް) ޗެޕްޓަރ III އަށް 94 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 91/1) ގެ ދަށުން އުފައްދަވައިފައިވާ އިދާރާއެކެވެ. އެންޓި-ކޮރަޕްޝަން ބޯޑު އުފެއްދެވީ 21 އެޕްރީލް 1991 ގައެވެ. رئيس الجــمــهــوريّـــة ގެ އޮފީހުގެ ސީދާ ބެއްލެވުމުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައެވެ.

އެ ޤާނޫނެއްގެ ދަށުން އެންޓި-ކޮރަޕްޝަން ބޯޑު އުފެއްދެވި ޤާނޫނު ހޯދައި ހަނދާނުން ހިރަފުސް ފޮޅައިލަން ބަލައިލިއިރު ޤާނޫނުތަކުގެ އޮންލައިން ޞަފުޙާއަކުން އޮފިޝަލް ކަންތައް ޗެޕްޓަރ III ފެނުން ތަންކޮޅެއް ދަތިވިއެވެ. އެހެންކަމުން އަޅުގަނޑު ހިތަށްއެރީ އެންޓި-ކޮރަޕްޝަން ބޯޑު އުފެއްދެވި ޤާނޫނުވެސް މިލިޔުމުގައި ހިމަނައިލުމަކީ ބޭނުންތެރި ކަމަކަށް ވެދާނެކަމުގައެވެ. ތިރީގައިމިވަނީ އެ ޤާނޫނު (ޤާނޫނު ނަންބަރު 91/1) އެވެ.
ޤާނޫނު ނަންބަރު: 91/1

ޤާނޫނު ނަންބަރު 68/3ޖ. (އޮފިޝަލް ކަންތައް) ޗެޕްޓަރ III އަށް
94 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

ޤާނޫނު ނަންބަރު 68/3ޖ. (އޮފިޝަލް ކަންތައް) ޗެޕްޓަރ III ގެ "ސަރުކާރުގެ ތަންތަން" މި ސުރުޚީގެ ދަށުގައިވާ "ދިވެހިރާއްޖޭގެ ހައިކޯޓު" ގެ ފަހަތަށް ތިރީގައިމިވާ ގޮތުގެމަތީން "އެންޓި-ކޮރަޕްޝަން ބޯޑު" އިތުރުކުރުން.

(1) އެންޓި-ކޮރަޕްޝަން ބޯޑަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ ތަނެކެވެ.

(2) ސަރުކާރުގެ މުވައްޒަފުންނާއި ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރުން ހިންގާ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ފައިސާއަށާއި ތަކެއްޗަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތު ހިފުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، މިނޫނަސް ޤާނޫނާއި ގަވާއިދު ހުއްދަ ނުކުރާ ގޮތްގޮތުން އަމިއްލަ ފައިދާ ހޯދުމާއި، ވަކިމީހަކަށް ނުވަތަ ބަޔަކަށް ނުޙައްޤު ފައިދާއެއް ހޯދައިދިނުމަށް ކުރާ ކަންތައްތަކާބެހޭ ޝަކުވާތައް ބަލައިގަނެ، އެކަންތައްތައް ބަލައި، ތަޙުޤީޤުކޮށް އެކަންކަމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ، އެންޓި-ކޮރަޕްޝަން ބޯޑުންނެވެ.

(3) ސަރުކާރުގެ މުވައްޒަފެއްގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ނުވަތަ ސަރުކާރުން ހިންގާ ކުންފުންޏެއްގެ ނުވަތަ ސަރުކާރު ބައިވެރިވާ ކުންފުންޏެއްގެ މުވައްޒަފެއްގެ ޢަމަލާއި ދިރިއުޅުމުގެ ކަންތައްތައް ހުންނަގޮތުން 2 ވަނަ ނަންބަރުގައި ބުނެފައި އެވާފަދަ ކަމަކާމެދު ބޯޑަށް ޝައްކުވެއްޖެނަމަ، އެމީހެއްގެ މުދަލާއި ވިޔަފާރިއާއި އާމްދަނީ ލިބޭ ވަސީލަތްތައް ހިމެނޭގޮތުން ބަލައި ތަޙުޤީޤުކުރުމުގެ އިޚްތިޔާރު، އެންޓި-ކޮރަޕްޝަން ބޯޑަށް ލިބިގެންވެއެވެ.

(4) އެންޓި-ކޮރަޕްޝަން ބޯޑުން ބަލާ ކަންތައްތަކާއި ކުރާ މަސައްކަތްތަކާބެހޭ ރިޕޯޓެއް، ކޮންމެ 3 މަހުން 1 މަހު، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެއެވެ.

+ + + +

23 މާޗް 1991 ދުވަހު އޮތް ރައްޔިތުންގެ މަޖްލިސްގެ 1991 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުޅަ "ޤާނޫނު ނަންބަރު 68/3ޖ. (އޮފިޝަލް ކަންތައް) ޗެޕްޓަރ III އަށް 94 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު" (ޤާނޫނު ނަންބަރު 91/1) ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ގެޒެޓްކުރެއްވީ 21 އެޕްރީލް 1991 ގައެވެ.

ބޯޑުގެ ޙާލަތު

އެންޓި-ކޮރަޕްޝަން ބޯޑު އުފެއްދެވީ ކުރީންވެސް ދެންނެވިފަދައިން 21 އެޕްރީލް 1991 ގައެވެ. އަޅުގަނޑު ކޮމިޝަނަރކަމާ ޙަވާލުވީ 16 ނޮވެމްބަރ 1993 ގައެވެ. އެހެންކަމުން އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަން އަޅުގަނޑާ ޙަވާލުކުރެއްވިއިރު ބޯޑުގެ ޢުމުރުންވަނީ "ކިރުތުނބުން ވީއްލޭހައި" ދުވަސްވެފައެވެ. ބޯޑުގެ ކަންތައް ހުރިނެތްގޮތް ބަލައިލިއިރު ބޯޑަކީ ބަހުގައި ބުނާހެން ދަތްނެތް ސިންގާއެކެވެ. ބޯޑުގެ އޮނިގަނޑު ރާވަން މަސައްކަތްކުރެވިފައިވަނީ ސިންގަޕޫރުގެ ނަމޫނާއަކުން މާދިރީ ނަގައިގެންނެވެ. ރާވައިފައިވަނީ ބޯޑުގައި މުސްތަޤިއްލު ތިން ސެކްޝަނެއް އޮންނަގޮތަށެވެ. އެތިން ސެކްޝަނަކީ:
އިދާރީ ސެކްޝަން (ހިންގުމާއި ބަޖެޓާބެހޭ ބައި)
ޕްރިވެންޝަން ސެކްޝަން (ކޮރަޕްޝަން ޕްރިވެންޓްކުރުމާ ބެހޭބައި)
އޮޕަރޭޝަން ސެކްޝަން (މައްސަލަތައް ބެލުމާބެހޭ ބައި)

މިނަންތައް ހުރިކަމުގައިވިޔަސް ޙަޤީޤީ މާނައިގައި ޕްރިވެންޝަން ސެކްޝަނެއް ނެތެވެ. ޑިރެކްޓަރ އޮފް ޕްރިވެންޝަންގެ މަޤާމުގައި ބޭފުޅަކު ހުންނެވިއެވެ. އެކަމަކު ސެކްޝަނެއް ނެތެވެ. މުވައްޒަފުންނެއްވެސް ނެތެވެ. ޑިރެކްޓަރ އޮފް ޕްރިވެންޝަންވެސް ކުރައްވާ މަސައްކަތަކީ މައްސަލަތައް ބެއްލެވުމެވެ. ބޯޑުގައި ތިއްބެވި މުވައްޒަފުންނަކީ:
1. الـفــاضـــل يــوسف آدم މ.ވެސްޓްއެންޑް (ގ.ނޫމަރާގެ) ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަން
2. الأستـــاذ عــبــد اللّــه آدم މއ.ސިގުމާ، ޑިރެކްޓަރ އޮފް އޮޕަރޭޝަން
3. الـفــاضـــل أحمــد رضـــا ހ.ނޫކުރިކީލަ، ޑިރެކްޓަރ އޮފް ޕްރިވެންޝަން
4. الـفــاضـــل عــبــدالـــرّحــيـــم عــبــدالــرّحمـــــن މއ.ފެހިއަލި، ޑެޕިއުޓީ ޑިރެކްޓަރ
5. الـفــاضـــل محـمّــد إبــــراهــيـــــم ސެކްރެޓެރީ (ބަޖެޓު)
6. الـفــاضـــل إبــــراهــيـــــم حــلـــيـم ސެކްރެޓެރީ (އިދާރީ)
7. الـفــاضـــل أيــّــوب أحمــد މއ.ހައިވަކަރުގެ، ސެކްރެޓެރީ (އޮޕަރޭޝަން)
8. الـفــاضـــل عــبــد اللّــه نــافــــع ކާތިބު
9. الـفــاضـــل أحمــد زاهـــــــر ޖަވާހިރުމާގެ، ވ.ފުލިދޫ ކާތިބު
10. الـفــاضـــل عــبــد اللّــه رشـــيــد މ.ޓެމަރިސްކް، ކާތިބު

މިބޭބޭފުޅުންނެވެ. ކާތިބުން ތިބީ ވަކި ސެކްޝަނަކަށް ޚާއްޞަވެފައެއް ނޫނެވެ. ޕިޔޯނަކާއި މަސައްކަތު މީހަކާ ދެމީހުން ތިއްބެވެ. އެދެމީހުންގެނަން މިހާރު ހަނދާންނެތްކަމީ ނުހަނު ދެރަކަމެކެވެ.

އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަމާ އަޅުގަނޑު ޙަވާލުވިއިރު، ބޯޑަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑު ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް އެކުލެވިފައެއް ނެތެވެ. އަޅުގަނޑު އެންމެފުރަތަމަކަމަކަށް ހެދީ އެންޓި-ކޮރަޕްޝަން ބޯޑަށް ހުށަހެޅޭ ހުރިހައި މައްސަލަތަކާއި އެމައްސަލަތަކާމެދު ޢަމަލުކުރެވުނުގޮތް އެނގޭފަދަ ރަޖިސްޓްރީއެއް ހެދުމެވެ. މައްސަލަ ބައްލަވާ ބޭފުޅުންނާ ޙަވާލުކުރެވޭ މައްސަލަތައް އެނގޭނެ ރަޖިސްޓްރީއެއްވެސް ކޮންމެ ބޭފުޅަކަށް ވަކީން ތައްޔާރުކުރުވީމެވެ.

* ބޯޑަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ބަލަންޖެހޭ ހިސާބުތައް ބަލަން ހަމަޖެހިފައިވަނީ އޯޑިޓް އޮފީސް މެދުވެރިކޮށެވެ. އެކަމަކު އޯޑިޓް އޮފީހުން އެއްވެސް އެއްބާރުލުމެއް ނުލިބެއެވެ. ބޯޑުގައި އެކަމުގެ ފުރިހަމަ ޤާބިލިއްޔަތެއް ނެތެވެ. ރާއްޖެއިން އެކައުންޓެންސީ ހެއްދެވުމަށްފަހު އޮޑިޓިންގގެ ތަޖުރިބާ ހޯއްދަވައިފައިވާ އެއްބޭފުޅަކު ހުންނެވިކަމުގައިވިޔަސް، އެރޮނގުން އޭނާގެ ބޭނުމެއް ނުހިފައެވެ. ސަރުކާރުގެ އޮފީސްތަކަށް އޭރުވަނީ ކޮމްޕިއުޓަރުގެ ޒަމާން އައިސްފައެވެ. އެކަމަކު އެންޓި-ކޮރަޕްޝަން ބޯޑަކަށް އެޒަމާނެއް ނާދެއެވެ. އެންމެ ކޮމްޕިއުޓަރެއްވެސް ނެތެވެ. ކޮމްޕިއުޓަރުން މަސައްކަތްކުރާން ދަންނަ މީހަކުވެސް ނެތެވެ. ކަން މިހެން ހުރުމާއެކު އަޅުގަނޑުގެ ކުރިމަތީގައިއޮތީ ވަރަށްގިނަ ގޮންޖެހުންތަކެކެވެ.

މަސައްކަތް ފަށައިގަތުން

އަޅުގަނޑުގެ މުހިންމަތަކަށް ހެދީ ޒަމާނުގެ ގޮންޖެހުންތަކާ ކުރިމަތިލައިގެން ފުރިހަމަޔަށް މަސައްކަތްކުރެވޭނެ ފެންވަރުހުރި އެންޓި-ކޮރަޕްޝަން ބޯޑަކަށް ބޭނުންވާނެ ޒަމާނީ ތަޢުލީމު ލިބިގެންތިބި ޒުވާން މުވައްޒަފުން ހޯދައި ބޯޑު އަމިއްލަ ފައިމައްޗަށް ތެދުކުރުމެވެ. ކުރިމަތީގައިހުރި މަސައްކަތްތަކުގެ ތެރެއިން ކޮންމެ ކަމަކީވެސް އެންމެ އިސްކަންދޭންޖެހޭ ކަމެކެވެ. ފަހަށް ބޭއްވޭނެ ކަމެއް ނެތެވެ.

* އެންމެފުރަތަމަ ކަމެއްގެގޮތުން الـفــاضـــل أحمــد رضـــا އާއި الـفــاضـــل عــبــدالـــرّحــيـــم عــبــدالــرّحمـــــن އާ ދެބޭފުޅުންގެ މަޤާމު ބަދަލުކޮށްލީމެވެ. عــبــدالـــرّحــيـــم އަށް ޕްރޮމޯޝަންދީ، ޑިރެކްޓަރ އޮފް ޕްރިވެންޝަންގެ މަޤާމަށް އޭނާ ބަދަލުކޮށް، ބޯޑުން ބަލާ މައްސަލަތަކާ ގުޅިގެން ސަރުކާރުގެ ތަންތަނުން ބަލާންޖެހޭ ހިސާބުތައް ބެއްލެވުމާއި، ޕްރިވެންޝަންގެ ރޮނގުން އެވަގުތަށް ކުރެވޭންހުރި މަސައްކަތްތައް ކުރެއްވުން އޭނާއާ ޙަވާލުކުރީމެވެ. الـفــاضـــل عــبــدالـــرّحــيـــم عــبــدالــرّحمـــــن އަކީ ރާއްޖެއިން އެކައުންޓެންސީ ހައްދަވައިފައިވާ ބޭފުޅެކެވެ. އޯޑިޓް އޮފީހުގެ މަތީ މަޤާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. أحمــد رضـــا ގެ މަސައްކަތްޕުޅަކަށް ހަމަޖެއްސީ އަޅުގަނޑު އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަމާ ޙަވާލުވުމުގެ ކުރީންވެސް އޭނާ ކުރައްވަމުންގެންދެވި މައްސަލަތައް ތަޙުޤީޤު ކުރެއްވުމުގެ މަސައްކަތެވެ. އޭނާއަކީ ޤާނޫނީ ދާއިރާގެ ބޭފުޅަކު ކަމުގައިވާތީއެވެ.

ކޮރަޕްޝަނާމެދު ހޭލުންތެރިކަން އުފައްދަން އެކިތަންތާނގައި ބޯޑުތައް ބެހެއްޓީމެވެ. ޓީ.ވީ. މޯލްޑިވްސުން އެކިއެކި ޝިޢާރުތައް ދައްކާންފެށީމެވެ. އެކަމަކު އެއީ މާކަމުދާކަމަކަށް ނުވެ ފާޑުކިޔުން އަމާޒުވާތީ އެކަން ހުއްޓައިލީއެވެ. އެކަމަކު އެންޓި-ކޮރަޕްޝަން ބޯޑުގެ އިންސާނީ މުއްސަނދިކަން އިތުރުވަމުން ދިޔަވަރަކަށް، ސަރުކާރުގެ އޮފީސްތަކުގެ މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓާގޮތް ބަލައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައް އިޞްލާޙުކުރާން ލަފާދެމުން ގެންދިޔައީމެވެ.

* އަޅުގަނޑަށް ޤަބޫލުކުރެވުނުގޮތުގައި އެންޓި-ކޮރަޕްޝަން ބޯޑު އޭރުއޮތް ޙާލަތުން އަރައިގަނެވޭނީ ހިންގުމުގެ ދާއިރާވެސް ވަރަށްބޮޑަށް ހަރުދަނާކޮށްގެންނެވެ. އެހެންކަމުން، އެންޓި-ކޮރަޕްޝަން ބޯޑުގެ ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަންގެ މަޤާމު ޤަބޫލުކުރައްވާތޯ
الـفــاضـــل عــبــدالـــعـــــزيـــــز مــــوســـى ހ.މުލަންމާވިލާ އާ މަޝްވަރާކުރީމެވެ. عــبــدالـــعـــــزيـــــز مــــوســـى އޭރު ހުންނެވީ ލ.އަތޮޅުގެ އަތޮޅުވެރިޔަކަށެވެ. އޭނާއަކީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެކި މަޤާމުތަކުގައި ޚިދުމަތްކުރައްވައިފައިވާ ޤާބިލު ބޭފުޅެކެވެ. އަޅުގަނޑު ބޭނުންވާ ހަރުދަނާކަން ބޯޑަށް ގެނައުމުގައި އެހީތެރިވެވަޑައިގެން ދެއްވިދާނެފަދަ ބޭފުޅެކެވެ. عــبــدالـــعـــــزيـــــز مــــوســـى އަޅުގަނޑުގެ ހުށަހެޅުން ޤަބޫލުކުރެއްވިއެވެ. އެކަމަކު އޭނާއަށް ބޯޑާ ގުޅިވަޑައިގެންނެވޭގޮތްވީ 1 އެޕްރީލް 1996 ގައެވެ.

* ބޯޑުގެ މަސައްކަތް ހަލުއިކުރުމަށްޓަކައި ކޮމްޕިއުޓަރުގެ ޒަމާން ބޯޑަށް ގެނައުމުގެ މަސައްކަތް ފެށީމެވެ. އެގޮތުން ޑާޓާ ޕްރޮސެސިންގ އެސިސްޓެންޓެއްގެ މަޤާމު ހަމަޖައްސައި (މިއީ މަޤާމުގެ ނަން މިހާރު ހަނދާނުގައި ހުރިގޮތެވެ.) އެންޓި-ކޮރަޕްޝަން ބޯޑަށް އެންމެފުރަތަމަފަހަރަށް ކޮމްޕިއުޓަރެއް ހޯދީމެވެ. އެމަޤާމަށް ހަމަޖެއްސީ عـاصمـة އެވެ. ފުރިހަމަ ނަން ހަނދާނެއްނެތެވެ. މިވާހަކަތައް ލިޔުމުގެ ޚިޔާލު އައިސްގެން މިލިޔަނީ އޮނަތިރީހަކަށް އަހަރުފަހުން ކަމުގައިވާތީއާއި މިކަމަކީ ކުރަން ވިސްނައިފައިއޮތް ކަމަކަށްނުވާތީ ހަނދާން ނެތުނީއެވެ. މަޢާފުކުރެއްވުން އެދެމެވެ.

* ބޯޑަށް ބޭނުންވެފައިވާ އިންސާނީ މުއްސަނދިކަން ހޯދުމަށްޓަކައި ރައީސްއޮފީހަށް ލިޔެގެން ބޭރުން ތަޢުލީމު ޙާޞިލުކުރަން މުވައްޒަފުން ފޮނުވަން ދެ ސްކޮލަރޝިޕް ހޯދީމެވެ. ޤާނޫނީ ރޮނގުން ތަޢުލީމު ޙާޞިލުކުރުމުގެ ސްކޮލަރޝިޕަކާއި އެކައުންޓެންސީގެ ރޮނގުން ތަޢުލީމު ޙާޞިލުކުރުމުގެ ސްކޮލަރޝިޕެކެވެ. އެކައުންޓެންސީގެ ރޮނގުން މަތީތަޢުލީމު ޙާޞިލުކުރައްވަން ފޮނުވީ الـفــاضـــل عــلــــى رشـــيــد عــمـــــر މ.ދިއްލީވިލާ އެވެ. އޭނާ ފޮނުވީ އިނގިރޭސިވިލާތަށެވެ. އޭނާ ކިޔަވައިވިދާޅުވުން ނިންމައިލެއްވީ ޗާޓަޑް އެކައުންޓެންޓަކަށް ވެވަޑައިގެންނެވުމަށްފަހުގައެވެ. ބޯޑުގެ ތަރައްޤީއަށް އޭނާގެ ޚިދުމަތް އިންތިހާޔަށް ދެއްވިއެވެ. ވަރަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކޮށްދެއްވިއެވެ. ޤާނޫނީ ރޮނގުން ކިޔަވައިވިދާޅުވުމުގެ ފުރުޞަތު އެރުވުނީ الـفــاضـــل أحمــد عــاهـــــد رشـــيــد ހ.ގުލްދަމްގެ އަށެވެ. އޭނާވެސް ޑިގްރީ ނިންމައިލެއްވުމަށްފަހު އެނބުރިވަޑައިގެން ބޯޑުގައި ޚިދުމަތް ކުރެއްވިއެވެ. މިއީ އެންޓި-ކޮރަޕްޝަން ބޯޑަށް އެންމެފުރަތަމަ ލިބުނު މިފަދަ ދެ ފުރުޞަތެވެ.

* އެންޓި-ކޮރަޕްޝަން ބޯޑުގައި ހުރި ބޭރުގެ އެންޓި-ކޮރަޕްޝަން ބޯޑުތަކުގެ މަޢުލޫމާތުތައް އަޅުގަނޑު ދިރާސާކޮށްލިއިރު ސިންގަޕޫރުގެ ބޯޑުގައި ޕްރިވެންޝަން ސެކްޝަންގައި އެސައިންމަންޓް އޮފިސަރުން ތިބެއެވެ. އެހެންކަމުން ރާއްޖޭގެ އެންޓި-ކޮރަޕްޝަން ބޯޑުގެ ޕްރިވެންޝަން ސެކްޝަން ވަރުގަދަކުރުމަށްޓަކައި ރައީސްއޮފީހަށް ލިޔެގެން އެސައިންމަންޓް އޮފިސަރ ޓްރޭނީންގެ މަޤާމު ހޯދީމެވެ. އެންމެފުރަތަމަ ލިބުނީ ދެމަޤާމެވެ. އެ ދެމަޤާމަށް ދެބޭފުޅަކު ހަމަޖެއްސީމެވެ. އަޅުގަނޑު ހަނދާންވާގޮތުގައި އެންމެފުރަތަމަ ހޮވުނީ الـفــاضـــل أشـــــرف رشـــيــد ޓޫސަންސް، ހއ.ކެލާ އާއި الـفــاضـــل مــاجــــد حـســن ކެނެރީވިލާ، ޅ.ހިންނަވަރު އެވެ. އެ ދެބޭފުޅުންނަށްވެސް ރާއްޖެއިންނާއި ރާއްޖެއިންބޭރުން ކިޔަވައިދެވުނެވެ. ހަމައެއާއެކު الـفــاضـــل عــبــدالـــرّحــيـــم عــبــدالــرّحمـــــن ގެ ބެއްލެވުމުގެ ދަށުން އޮޑިޓްކުރުމުގެ ޢަމަލީ ތަމްރީނު ދިނީމެވެ. އެސައިންމަންޓް އޮފިސަރުން ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދަށް އަހުލުވެރިކުރުވުމަށް އަޅުގަނޑު ވަރަށްބޮޑަށް ބާރުއެޅީމެވެ. އެގޮތުން އެއިން ކޮންމެ ބޭފުޅަކު ލައްވައިވެސް ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުފޮތް އެއްކޮޅުން އަނެއްކޮޅަށް ލިޔުއްވީމެވެ. އޮފީހެއްގެ ވެރިޔަކަށްވުރެ ބޮޑަށް "ޖައްލާދު އެދުރެކޭ" ވިދާޅުވިޔަސް ކުރާނެކަމެއް ނެތެވެ. الـفــاضـــل عــلــــى رشـــيــد عــمـــــر ކިޔަވައިވިދާޅުވެގެން ވަޑައިގަތުމަށްފަހު އޭނާވެސް ޕްރިވެންޝަން ސެކްޝަން ތަރައްޤީކުރައްވަން ވަރަށް ބުރަކޮށް އިޚްލާޞްތެރިކޮށް މަސައްކަތް ކުރެއްވިއެވެ. މިއީ ދާއިމީގޮތެއްގައި މެދުނުކަނޑައި ކުރި މަސައްކަތެކެވެ.

(ނުނިމޭ)