ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންއަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބޭއްވެވި ހާއްސަ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު މާލެއަށް ފައިބާވަޑައިގަތުމާއެކު ރަސްމީ ފާލަމުން ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ކެމްބޯޑިއާގެ ބޮޑުވަޒީރު، ޑަޔަސްއަށް އަރާވަޑައިގަތުމާއެކު ހަތް ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި ރާއްޖެއާއި ކެމްބޯޑިއާގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި އެމްއެންޑީއެފްގެ ފަރާތުން އެރުވި ގާޑް އޮފް އޮނައެއް އެ މަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މަރުހަބާ ވިދާޅުވުމުގެ ރަސްމިއްޔާތަށްފަހު ކެމްބޯޑިއާގެ ބޮޑުވަޒީރު ހަތްކޮޅުގައި ވަޑައިގެންނެވީ ރައީސް އޮފީހަށެވެ. ރައީސް އޮފީހަށް ވަޑައިގެންނެވުމަށްފަހު ކެމްބޯޑީއާގެ ބޮޑުވަޒީރު ވަނީ އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފައެވެ.

ރައީސް ސޯލިހުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ރަސްމީ ވާހަކަތައް ބާއްވާނެއެވެ. އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ބައެއް އެއްބަސްވުންތަކުގައި ސޮއިވެސް ކުރަން ވަނީ ނިންމައިފައެވެ.

މި ދަތުރުފުޅަކީ ބޮޑުވަޒީރު ހުން ސެން ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 21 ސެޕްޓެމްބަރު 1995 ގައެވެ.