ޚަބަރު

މި އަހަރަށް މަޖިލިސް ހުޅުވުން 6 ފެބްރުއަރީގައި

އިބްރާހިމް ޒަކީ

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ އަންނަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަސް ކަަމަށް ރައްޔިތުންގެ މަޖިލީހުން ހަމަޖައްސައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ރައްޔިތުންގެ މަޖިލިސް މި އަހަަރަށް ހުޅުއްވައި ދެއްވައި ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާނެ ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިއްވަންޖެހެއެވެ.

މިދިޔަ 2022 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މަސައްކަތްތަކުގެ ތެރެއިން 54.7 ޕަސެންޓް މަސައްކަތް ނިންމައި އަހަރުގެ ފަހު ޗުއްޓީއަށް ރައްޔިތުންގެ މަޖިލިސް ދިޔައީ، ނޮވެމްބަރު 28 ގައެވެ.

މިދިޔަ އަހަރުގެ ތިންވަނަ ދައުރުގައި، މަޖިލީހުގެ ދެވަނަ ދައުރުގައި ނުނިމި އޮތް 29 ބިލާއި އަލަށް ހުށަހެޅި 13 ބިލާއެކު ޖުމުލަ 42 ބިލުގެ މަސައްކަތް ކުރިއެވެ. އޭގެ ތެރެއިން 23 ބިލުގެ މަސައްކަތް ވަނީ ނިންމައިފައެވެ.