މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު، މި އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާގެ އަދަދު ދެގުނައަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.
ޒަކާތު ހައުސްއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ ޖޫން މަހު ލިބުނު 10.6 މިލިއަން ރުފިޔާއާ އަޅާބަލާއިރު 100 ޕަސަންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ޖުމްލަ އާމްދަނީއަށް ބަލާއިރުވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީން ޖޫންގެ ނިޔަލަށް 79.73 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 61.6 މިލިއަން ރުފިޔާކަމަށް ތަފާސްހިސާބުގައިވެއެވެ. އަދި އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ލިބުނު 34.40 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 28.7 ޕަސަންޓުގެ ކުރިއެރުމެއްކަމަށް ތަފާސްހިސާބުގައިވެއެވެ.
ޒަކާތު ހައުސް އިން ބުނި ގޮތުގައި، ލިބުނު ފައިސާގެ ތެރެއިން ޖޫން މަހު އެކަނިވެސް 18.8 މިލިއަން ރުފިޔާ ވަނީ ޒަކާތުގެ ބެހެނިވެރިންނަށް ބަހާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދާއިރާއަށެވެ.
އެ ދާއިރާއަށް 16.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މުހައްމަދު އިޝާން
ޒަކާތު ފަންޑު
ޒަކާތު ފަންޑު
ކޮމެންޓް