ރާއްޖޭގެ މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓަރުން ކްލަބު، މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓާސް ކްލަބު މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ ކުޅުން ރޭ ފަށައިފިއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުގައި ކުރިއަށްދާ އެ މުބާރާތް ރޭ ފެށީ ހުޅުވުމުގެ ރަސްމިއްޔާތަކަށްފަހުއެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަން ވިތް ޑިސޭބިލިޓީސްގެ ފައުންޑާ މުހައްމަދު ރައިޝަން އަހުމަދެވެ. ރަސްމިއްޔާތުގައި އެމްޔޫއެސްސީގެ އިސް މެމްބަރުންނާއި ރާއްޖޭގެ މަޝްހޫރު އާޓިސްޓް ރޮބޯމޭންވެސް ބައިވެރިވިއެވެ.
އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގައި މި އަހަރު 17 ޓީމަކުން ވާދަކުރަމުންދާ އިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހަތަރު ގްރޫޕެއްގެ މެޗުތައް ކުޅެވިގެންދާނެއެވެ. ގްރޫޕް އޭ ފިޔަވާ ދެން ކޮންމެ ގްރޫޕެއްގައިވެސް ހިމެނެނީ ހަތަރު ޓީމެވެ. ގްރޫޕް އޭގައި ފަސް ޓީމު ވާދަކުރާނެއެވެ.
ހަތަރު ގްރޫޕުން ކޮންމެ ގްރޫޕެއްގެ އެއްވަނަ އާއި ދެވަނަ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ އުސޫލުން މުބާރާތް ކުރިއަށް ގެންދަން ރާވާފައިވާ އިރު، ކުއާޓާގެ މެޗުތައް އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ.
މުބާރާތުގައި ރޭ ހަތަރު މެޗެއް ކުޅެފައިވާ އިރު، ގްރޫޕް އޭގެ މެޗުތައް ކާމިޔާބުކުރީ ލ. ގަން ފުޓްސަލް ޓީމާއި ރޭމްޕޭޖެވެ. ގަން ފުޓްސަލް ޓީމުން ރޮކްސްއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. ގަން ފުޓްސަލް ޓީމުގެ ހަމައެކަނި ގޯލް ޖެހީ އަހުމަދު ހަލީމް (އަންމަޑޭ) އެވެ. އަންމަޑޭގެ ގޯލް ފެނިގެން ދިޔައީ މެޗުގެ ފަހުކޮޅުގައެވެ.
ރޭމްޕޭޖުން ރޭ ޖޭކޭ ސްޕޯޓްސް ބަލިކުރީވެސް 1-0ގެ ނަތީޖާއަކުންނެވެ. ރޭމްޕޭޖްގެ ހަމައެކަނި ގޯލު ޖަހައިދިނީ ކ. ގާފަރުގެ ސާމިން މުހައްމަދު ނާސިރެވެ.
ގްރޫޕް ބީގެ ދެ މެޗުވެސް ރޭ ކުޅެފައިވާ އިރު، ދެ މެޗުގައިވެސް ގިނަ ގޯލްތަކެއް ފެނިގެން ދިޔައެވެ. އެފްސީ ކާމްސްއިން ރޭ ކުޅުނު މެޗުގައި 9-0 އިން އައިސީއޭ އެފްސީ ބަލިކުރި އިރު، މެޗުގައި މުހައްމަދު ޔަފާއު ވަނީ ހެޓްރިކް ހަދައިފައެވެ. އޭގެ އިތުރުން ކާމްސްގެ ގޯލްތައް ޖަހައިދިނީ މުހައްމަދު ރިފާއުއާއި ހުސައިން ނިހާން އަދި ތޮލާލް ނަސީރެވެ. އޭގެ ތެރެއިން ރިފާއުއާއި ތޮލާލް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިދީފައެވެ.
ކްލަބް ޓީއެންޓީން ފެށުން ރަނގަޅުކުރީ 5-2 އިން ދަ ވަން ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ. ޓީއެންޓީގެ އިބްރާހީމް ވަހީދު (އިއްބެ) މެޗުގައި ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖަހައިދިނީ ނަޝާހު އަހުމަދާއި އަހުމަދު އައިހަމް އަދި ނިޝާމް މުހައްމަދު ރަޝީދެވެ. ދަ ވަން ސްޕޯޓްސް ކްލަބުގެ ފުރަތަމަ ގޯލް މުހައްމަދު ޝާވިން ޖަހައި ދިންއިރު، އަނެއް ގޯލަކީ ޓީއެންޓީގެ އައިހަމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ބޭސްއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ސަޕޯޓަރުންގެ ބޭސްއެވެ. މިނިސްޓްރީ އޮފް ޔޫތުގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ސަޕޯޓަރުންގެ ކްލަބަކީ ރާއްޖޭގައި މީގެ ކުރިންވެސް ބައެއް ހަރަކާތްތައް ހިންގަމުންދާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ބުނެފައި ވަނީ ރާއްޖޭގެ ޔުނައިޓެޑްގެ ސަޕޯޓަރުންނަކީ ފުޓްސަލް އާއި ފުޓުބޯޅައަށް ލޯބިކުރާ ސަޕޯޓަރުންގެ ބޭސްއެއް ކަމަށާއި އެ ސަޕޯޓަރުން އެކުވެ މުބާރާތެއް ބޭއްވިގެން ދިޔުމަކީ އުފާކުރާ ކަމެއް ކަމަށެވެ.
އާންމުކޮށް ހުޅުވާލައިގެން މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަން ސަޕޯޓަރުން ކްލަބުން ނިންމާފައިވާ އިރު، މި މުބާރާތް ވެގެންދާނީ ކްލަބެއްގެ ސަޕޯޓަރުން އެކުވެ، ބާއްވާ އެންމެ ބޮޑު އެއް އިވެންޓަށެވެ. މުބާރާތް އިންތިޒާމް ކުރާ ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި މި މުބާރާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސް، އަންނަ އަހަރު މިއަށްވުރެ ބޮޑުކޮށް ބޭއްވުމަކީ މުހިއްމު އަމާޒެކެވެ.
އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ މިއަހަރުގެ މުބާރާތް އެކިއެކި ފަރާތްތަކުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ އިރު، ޗެމްޕިއަން ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައިވެއެވެ. ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހެޅިފައެވެ.
އެމްޔޫއެސްސީ ފުޓްސަލް މުބަރާތުގެ މިއަހަރުގެ ކޯ ސްޕޮންސަރުން ނަކީ ކެމްޓޯނޯ އަދި ބޭނުން ޓެކް އެވެ. އަދި އޮފިޝަލް ޑްރިން އަކީ އޭޝިޔާ ފާމް ޕާޕަލް ޓީއެވެ. އެހެނިހެން ސްޕޮންސަރުންގެ ތެރޭގައި ޑައިމްޔޯ ސްޕޯޓްސް، ޕެސްޓާމިނޭޓާސް ހިމެނެއެވެ. އޮފިޝަލް ކިޓް ޕާޓްނަރަކަށް ޖޯޒްތީ ހަމަޖައްސާފައިވާއިރު، އޮފިޝަން ޕްރިންޓިްން ޕާޓްނަރަކީ އިންކެޑް މޯލްޑިވްސްއެވެ. އޮފިޝަލް ބޯލް ޕާޓްނަރަކީ މާކީ އެމްވީއެވެ.
މިއަހަރުގެ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ އޮން ލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
20:00 ސްކުއަޑްރާ އެސްސީ - ޒެފިއާސް އެސްސީ
21:00 ސްކޯޕިއަން ސިޓީ - ގެލެކްޓިކޯ އެފްސީ
22:00 ކަންމަތި އެސްސީ - ކެޕްޓަން އެސްސީ
23:00 އެލްއެފް އެފްސީ - އައްޔަނި އެފްސި
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް