މި އަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އިތުރަށް 30 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްނެއެވެ.
ރިޔާސީ އިންތިހާބަށް އީސީން ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާކުރުމަށް މެންހެޓަން ބިޒްނަސް ހޮޓަލުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުއާދު ވިދާޅުވީ، މި އަހަރު ރިޔާސީ އިންތިހާބު ބާއްވަންޖެހޭތީ 120 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކަމަށެވެ.
ނަމަވެސް އީސީއަށް ބަޖެޓް ލިބިފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަބުރު ބާއްވަން ބޭނުންވާ 90 މިލިއަން ރުފިޔާ ކަމަށާއި އެހެންކަމުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ގޮސްފި ނަމަ އިތުރަށް ބޭނުންވާ 30 މިލިއަން ރުފިޔާ ހޯއްދެވުމަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދޅުވިއެވެ.
ފުއާދު ވިދާޅުވީ، މީގެކުރިން ބޭއްވި އިންތިހާބުތަކުގައިވެސް ބޭނުންވާ ފައިސާ ދައުލަތުން ދޫކޮށްފައިވާ ކަމަށެވެ. އެހެންކަމުން އިތުރަށް ފައިސާ ބޭނުންވެއްޖެ ހިނދެއްގައި ދައުލަތުން އެ ފައިސާ ދޫކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެ ފައިސާ އީސީއަށް ބޭނުންވާނެ ކަމަށް ފިނޭންސް މިނިސްޓަރަށާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން އެކަމާބެހޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކުރައްވަމުން ގެންދަވާ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އެހީތެރިކަން ލިބިއްޖެ ނަމަ އިންތިހާބުގެ ހަރަދު ކުޑަ ކުރެވޭނެ ކަންތައްތަކެއްވެސް އެބަހުރި ކަމަށެވެ. އެގޮތުން ވޯޓުލާ ތަންތަނުގައި ޓެންޓު ޖެހުމާއި ކުރަންޖެހޭ ބައެއް ދަތުރުތައް ކުރުމުގައި ސިފައިންގެ ފަރާތުން އެހީތެރިކަން ލިބިއްޖެ ނަމަ ހަރަދުކުރަން ނުޖެހި ކޮންމެވެސް ވަރަކަށް ހަރަދު ކުޑަކުރެވޭނެ ކަމަށް ވިދާޅުވިއެވެ.