ކޮވިޑް-19ގެ ސަބަބުން ހީނަރުވި އިގުތިސޯދު ކޮޅަށް ޖެހުމަށް ރާއްޖޭން ހޯދި ފޯމިއުލާއަކީ ކޮބައިތޯ ދުނިޔޭގެ އެހެން ގައުމުތަކުގެ ވެރިން ސުވާލުކުރައްވަމުން ގެންދަވާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރަދޫ އެމްޑީޕީ ޖަގަހަ ހުޅުވުމަށް މިއަދު ބޭއްވި ހަފުލާގައި ޝާހިދު ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުގައި އިގުތިސޯދީ ހަރަކާތް ނުހުއްޓައި ކުރިއަށްގެންދެވުނީ ރައީސް ސޯލިހުގެ ހިކުމަތްތެރިކަމުން ކަމަށެވެ.

އެގޮތުން ދިވެހިން ބަނޑަށް ޖެހިޔަ ނުދީ އަދި އަސާސީ ބޭސްފަރުވާ ލިބޭނެ ގޮތަށް ކޮވިޑުން ސަލާމަތްވާނެ ގޮތް ގޮތަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވެ އެގޮތަށް ރައީސް ސޯލިހު އިރުޝާދު ދެއްވަމުން ދިޔަ ކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ކޮވިޑުގެ ތެރޭގައި ބައެއް ފަރާތްތަކުން ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން ރައީސަށް މަޝްވަރާ އެރުވި ނަަމަވެސް އެ ލަފާތަކަށް ރައީސް ނޫނެކޭ ވިދާޅުވި ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަކީ ރާއްޖެ ބަނޑަށް ޖެހި ބަނގުރޫޓުވުމުގެ އަސްލު ކަމަށް ރައީސް ވިދާޅުވަމުން ގެންދެވިކަން ޝާހިދު ފާހަގަކުރެއްވިއެވެ.

"އެ ނޫން ގޮތަށް މަސައްކަތް ކުރި ގައުމުތައް ބަނގުރޫޓުވެގެން ގޮސްފައި އެބަހުރި. ރާއްޖެ ކިހިނެއްތޯވީ. ރާއްޖެއަކީ މިއަދު ފަހުރުވެރިކަމާއެކު މި ދަންނަވަނީ ދުނިޔެއަށް އޮތް މިސާލެއް. ދުނިޔޭގެ ގައުމުތަކުގެ ވެރިން ވިދާޅުވަނީ ކޮބައިހެއްޔޭ ކަލޭމެން ތި ހޯދި ފޯމިއުލާއަކީ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވާނެ ވާހަކަ ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށާއި ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސޯދު 12 ޕަސަންޓުން ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ކަމަށާއި އެއީ ތަރައްގީގެ ދުވެލި ބާރުކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.