އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިތަދޫގެ އެކި ދާއިރާތަކަށް މިއަދު ވަޑައިގެން، ދޮރުން ދޮރަށް ހިންގަވައި އެމްޑީޕީގެ އާއްމު މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ސޯލިހު އައްޑުއަށް ވަޑައިގެންނެވީ އިއްޔެއެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ މަނިކުފާނު އައްޑޫގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެއެވެ.
ރައީސް މިއަދު ހެނދުނު ހިތަދުއަށް ވަަޑައިގެން، ފުރަތަމަ ޒިޔާރަތްކުރެއްވީ އެ އަވަށުގެ މެދު ދާއިރާއަށެވެ. އެ ޒިޔާރަތުގައި ދާއިރާގެ އެމްޑީޕީ މެންބަރުން ދިރިއުޅޭ ގެތަކަށް ވަޑައިގެން، އެ މީހުންނާ ބައްދަލުކުރެއްވިއެވެ.
ރައީސް ވަނީ، އެ ދާއިރާގެ ކެމްޕޭން އޮފީހަށް ވަޑައިގެންވެސް އެމްޑީޕީ މެންބަރުންނާ ބައްދަލު ކުރައްވައިފިއެވެ. އެއަށްފަހު ރައީސް ދެން ވަޑައިގެންނެވީ، ހިތަދޫ ދެކުނު ދާއިރާގައި އޮންނަ އުސްގަނޑަ ބީޗަށެވެ. އެ ސަރަހައްދުގައި އެ ދާއިރާގެ އެމްޑީޕީ މެންބަރުންނާ އެ މަނިކުފާނު ބައްދަލުކުރެއްވިއެވެ.
މެންދުރު ރައީސް ވަނީ، ހިތަދޫ އުތުރު ދާއިރާގައި ހިމެނޭ ނޭޗާ ޕާކަށް ވަޑައިގެންފައެވެ. އެ ތަނުގައި ފަރީއްކުޅުވުމަށްފަހު އެ ދާއިރާގެ ބައެއް ގެތަކަށް މެންދުރުފަހުގެ ވަގުތެއްގައި ވަޑައިގަންނަވާނެއެވެ. އެ މަނިކުފާނުގެ މިއަދުގެ ކެމްޕޭން ޒިޔާރަތްތައް ނިންމަވާލައްވާނީ މަރަދޫންނެވެ.
"ވަން" އަށް މައުލޫމާތު ދެމުން ހިތަދޫ އެމްޑީޕީގެ މެންބަރުން ބުނި ގޮތުގައި ފަސޭހަކަމާއެކު ހިތަދޫގެ މެޖޯރިޓީ ރައީސް ސޯލިހަށް ލިބޭނެ ކަމަށެވެ. އަދި ތަރައްގީގެ މަސައްކަތްތަކާމެދު ރައްޔިތުން ހިތްހަމަޖެހޭ ކަމަށް ބުންޏެވެ. ނަމަވެސް ބައެއް ކަންކަމުގައި ލަސްތަކެއް އުޅޭ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު