ރާއްޖޭގެ ގައުމީ ބޭންކް (ބީއެމްއެލް) އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާފައިވާތީ ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމަށް ބޭންކުގެ އެންމެ މަތީ ޝަރަފު އަރުވައިފިއެވެ.

ބީއެމްއެލްއަށް 40 އަހަރުފުރުމުގެ ގޮތުން މިރޭ ކްރޮސް ރޯޑުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މައުމޫންގެ އިތުރުން ބޭންކް އުފެއްދުމުގެ ޝަރަފު އަރުވާފައިވަނީ އަލްމަރުހޫމް އިސްމާއިލް ފަތުހީ އަށެވެ. އެ އެވޯޑުތައް އެ ފަރާތްތަކަށް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ.

ރަސްމިއްޔާތުގައި ރައީސް މައުމޫން އަށް އެރުވި އެވޯޑާ ހަވާލުވެވަޑައިގަތީ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫންއެވެ.

ގައުމީ ބޭންކް އުފެއްދުމުގެ ގޮތުން ބަންގްލަދޭޝް ސަރުކާރާއެކު ތިން އަހަރު ދުވަހު މަޝްވަރާ ކުރުމަށްފަހު ރާއްޖޭގައި ގައުމީ ބޭންކްއެއް އުފެއްދީ ބަންގްލަދޭޝަންގެ އިންޓަނޭޝަނަލް ފައިނޭންސް ކޮމްޕެނީ ލިމިޓެޑް (އައިއެފްއައިސީ) އާ ގުޅިގެންނެވެ. ބީއެމްއެލް އުފައްދާފައިވަނީ ދިވެހި ސަރުކާރުގެ 60 ޕަސެންޓް ހިއްސާ އާއި ބަންގްލަދޭޝަންގެ 40 ޕަސެންޓް ހިއްސާއާއެކުގަ އެވެ. ބޭންކް އުފެއްދީ 1982 ވަނަ އަހަރުއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ބީއެމްއެލް 40 އަހަރު ހިދުމަތް ކުރެއްވި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދީފައެވެ. އެވޯޑް ލިބިވަޑައިގެންނެވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން އާއި ބީއެމްއެލް އިސްލާމިކް ބޭންކިންގެ މެނޭޖިން ޑިރެކްޓަރު ފާތިމަނު މަނިކެ އަދިލޮޖިސްޓިކްގެ ހެޑުގެ ގޮތުގައި ހުންނެވި މޫސާ މުހައްމަދަށެވެ.

ބީއެމްއެލްއަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ. ބީއެމްއެލްގެ 99 ޕަސަންޓު މުވައްޒަފުންނަކީ ދިވެހިންނެވެ.