ބޭންކް އޮފް މޯލްޑްވިސް (ބީއެމްއެލް)އިން ކިޔަވާ ކުދިންނަށް ދޫކުރާ "ކިޔަވާ ލޯން" ގެ އިންޓްރެސްޓް ރޭޓް ފަސް ޕަސެންޓަށް ކުޑަކޮށްފިއެވެ.
ބީއެމްއެލަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށް ކްރޮސްރޯޑްސްގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެ ބޭންކުގެ ޗެއާޕާސަން ޔޫޝައު ސައީދު ވިދާޅުވީ ބޭންކުގެ އަމާޒަކީ ދިވެހި މުޖުތަމައަށް ބޭނުންވާ ހެޔޮ ބަދަލުތަކެއް ގެނެސްދިނުން ކަމަށާއި އެގޮތުން ރައްޔިތުންގެ ފަރާތުން ލިބޭ ކަންބޮޑުވުންތައް އަޑު އަހައި، ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމަށެވެ.
ޔޫޝައު ވިދާޅުވީ ގިނަ ފަރާތްތަކެއްގެ ފަރާތުން އެ ބޭންކަށް ހުށަހަޅާފައިވާ އެއް ކަންބޮޑުވުމަކީ ބީއެމްއެލްގެ ކިޔަވާ ލޯނުގެ ރޭޓް މަތިވުމުން ކަމަށެވެ. އެކަން މުރާޖާ ކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކުން އެދިފައިވާ ކަމަށްވެސް ޔޫޝައު ވިދާޅުވިއެވެ.
"މިކަމަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބޭންކުން މުރާޖާކޮށް މިހާރު މިވަނީ ނިންމުމެއް ނިންމާފައި. މިއީ ކަސްޓަމަރުން އުފާވާނެ ނިންމުމެއް. އެކެއް ފެބްރުއަރީން ފެށިގެން ބީއެމްއެލްގެ ކިޔަވާ ލޯނުގެ ރޭޓް ފަސް އިންސައްތައަށް ދަށްކުރެވޭނެ،" ޔޫޝައު ވިދާޅުވިއެވެ.
މި ބަދަލާއެކު ކުރިން ބީއެލްއެލުން ނަގާފައިވާ ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓްވެސް ފަސް ޕަސެންޓަށް ކުޑަވެގެންދާނެ ކަމަށް ޔޫޝައު ވިދާޅުވިއެވެ.
މިހާރު ކިޔަވާ ލޯންގެ އިންޓަރެސްޓް ރޭޓަކީ ނުވަ ޕަސެންޓެވެ.
އޭނާ ވިދާޅުވީ އެ ބޭންކު ހިންގަމުން އަންނަނީ އެންމެ ކުޑަ ކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާގެ އުދާސްތަކުގެ އަޑު އަހައިގެން ކަމަށެވެ. އެހެންކަމުން ރައްޔިތުން އެންމެ ބޭނުންވާނެ ގޮތަށް ބޭންކުގެ ކަންކަން ބައްޓަން ކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ޔޫޝައު ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ބޭންކް އޮފް މޯލްޑިވްސް އަކީ ޒިންމާދާރުކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ހިނގަމުންދާ ވިޔަފާރިއަކަށް ހެދުމަށް ކަމަށެވެ. އަދި އެ ބޭންކުގެ މުވައްޒަފުންނަށާއި ކަސްޓަމަރުނަންށާއި މުޖުތަމައަށް ހެޔޮ ބަދަލު ގެނެސްދެވޭނެފަދަ ބައިވެރިއަކަށް ވުމަށް ކަމަށް ޔޫޝައު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ބޭންކަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވަނީ އެ ބޭންކަކީ އާންމުން ހިއްސާވާ އަދި ރާއްޖޭގެ ކޮންމެ އާއިލާއަކާ ގުޅިފައިވާ ބޭންކަކަށް ވާތީ ކަމަށެވެ. އަދި ބީއެމްއެލްއަށް ކުރިމަތިވާ ފާޑުކިޔުންތައް އަޑުއަހައި ނިންމުންތައް ނިންމަނީ ޕްރޮފެޝަނަލްކޮށް ވިޔަފާރީގެ އުސޫލުން ބޭންކިން ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އަދި ނިންމުންތައް ނިންމާނީ ކަސްޓަމަރުންނާއި ހިއްސާދާރުންނާއި ދިވެހި ރައްޔިތުންގެ އިތުބާރު ނުގެއްލޭނޭ ގޮތަށް ކަމަށް ޔޫޝައު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު