ރާއްޖޭގެ މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓަރުން ކްލަބު، މެންޗެސްޓާ ޔުނައިޓެޑް ސަޕޯޓާސް ކްލަބު މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ ގުރު ނެގުން ރޭ ބާއްވައިފިއެވެ.

ރޭ ދި އޮލިވްގައި ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވާ އިރު، މުބާރާތް އިންތިޒާމް ކުރާ ފަރާތުންނާއި ބައިވެރިވާ ޓީމުތަކުގެ އޮފިޝަލުން ރޭގެ އިވެންޓްގައި ބައިވެރިވެފައިވެއެވެ. މުބާރާތުގައި ޖުމުލަ 17 ޓީމެއް ވާދަކުރާނެއެވެ. ގްރޫޕް ސްޓޭޖުގައި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލައިގެން މެޗުތައް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ގްރޫޕް އޭ ފިޔަވާ ދެން ކޮންމެ ގްރޫޕެއްގައިވެސް ހިމެނެނީ ހަތަރު ޓީމެވެ. ގްރޫޕް އޭގައި ފަސް ޓީމު ވާދަކުރާނެއެވެ.

ހަތަރު ގްރޫޕުން ކޮންމެ ގްރޫޕެއްގެ އެއްވަނަ އާއި ދެވަނަ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ އުސޫލުން މުބާރާތް ކުރިއަށް ގެންދަން ރާވާފައިވާ އިރު، ކުއާޓާގެ މެޗުތައް އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. މުބާރާތުގެ ސެމީ މެޗުތައް މިމަހުގެ 25 ވަނަ ދުވަހުގެ ރޭ އޮންނަ އިރު، ފައިނަލް ކުޅޭނީ 27 ވަނަ ދުވަހުގެ ރޭގެއެވެ. އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެވިގެންދާނީ ހުޅުމާލޭ ރެހެންދި ދަނޑުގެ އެއް ނަންބަރު ދަނޑުގައެވެ.

  • ގްރޫޕް އޭ: ރޮކްސް، ލ. ގަން އެފްޓީ، ޖޭކޭ އެސްސީ، ރޭމްޕޭޖް، ރިޕްލޭ އެފްސީ
  • ގްރޫޕް ބީ: އައިސީއޭ އެފްސީ، އެފްސީ ކާމްސް، ދަ ވަން އެސްސީ، ކްލަބު ޓީއެންޓީ
  • ގްރޫޕް ސީ: ސްކައުޑްރާ އެސްސީ، ޒެފިޔާސް އެސްސީ، ސްކޯޕިއަން ސިޓީ، ގެލެކްޓިކޯ އެފްސީ
  • ގްރޫޕް ޑީ: ކަންމަތި އެސްސީ، ކެޕްޓަން އެސްސީ، އެލްއެފް އެފްސީ، އައްޔަނި އެފްސީ

އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ބޭސްއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ސަޕޯޓަރުންގެ ބޭސްއެވެ. މިނިސްޓްރީ އޮފް ޔޫތުގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ސަޕޯޓަރުންގެ ކްލަބަކީ ރާއްޖޭގައި މީގެ ކުރިންވެސް ބައެއް ހަރަކާތްތައް ހިންގަމުންދާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ބުނެފައި ވަނީ ރާއްޖޭގެ ޔުނައިޓެޑްގެ ސަޕޯޓަރުންނަކީ ފުޓްސަލް އާއި ފުޓުބޯޅައަށް ލޯބިކުރާ ސަޕޯޓަރުންގެ ބޭސްއެއް ކަމަށާއި އެ ސަޕޯޓަރުން އެކުވެ މުބާރާތެއް ބޭއްވިގެން ދިޔުމަކީ އުފާކުރާ ކަމެއް ކަމަށެވެ.

އާންމުކޮށް ހުޅުވާލައިގެން މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަން ސަޕޯޓަރުން ކްލަބުން ނިންމާފައިވާ އިރު، މި މުބާރާތް ވެގެންދާނީ ކްލަބެއްގެ ސަޕޯޓަރުން އެކުވެ، ބާއްވާ އެންމެ ބޮޑު އެއް އިވެންޓަށެވެ. މުބާރާތް އިންތިޒާމް ކުރާ ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި މި މުބާރާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސް، އަންނަ އަހަރު މިއަށްވުރެ ބޮޑުކޮށް ބޭއްވުމަކީ މުހިއްމު އަމާޒެކެވެ.

އެމްޔޫއެސްސީ ފުޓްސަލް މުބާރާތުގެ މިއަހަރުގެ މުބާރާތް އެކިއެކި ފަރާތްތަކުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ އިރު، ޗެމްޕިއަން ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައިވެއެވެ. ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހެޅިފައެވެ.

މުބާރާތުގެ އޮފިޝަލް ޑްރިންކްސް ޕާޓްނަރަކީ އޭސިއާ ފާމެވެ. އޮފިޝަލް ޑްރިންކަކީ ގްރީން ލީވްސްއެވެ. ކޯ ސްޕޮންސަރަކީ ކަމްޓޯނޯއެވެ. ޕްރިންޓިން ޕާޓްނަރެއްގެ ގޮތުގައި އިންކެޑް މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ރަސްމީ ބޯޅަ ފޯރުކޮށްދެނީ މާކީ އެމްވީއެވެ. އޮފިޝަލް ކިޓް ޕާޓްނަރަކީ ޖޮޒްޓީއެވެ. ސްކްރީނިން ޕާޓްނަރަކީ ދި އޮލިވްއެވެ. އޭގެ އިތުރުން ޑައިމްޔޯ ސްޕޯޓްސްއަކީވެސް މުބާރާތުގެ ސްޕޮންސަރެކެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.