ދިރާގުން އެ ކުންފުނީގެ މޯބައިލް އެޕްއަށް މުޅިން އާ އަޕްޑޭޓެއް ތައާރަފުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ މި އަޕްޑޭޓާ އެކު ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް މުޅިން އާ ފީޗާތަކެއް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ކަސްޓަމަރުންގެ އެކައުންޓްތަކާއި ހިދުމަތްތައް ފަސޭހަކަމާ އެކު މެނޭޖު ކުރެވޭނެ ކަމަށްވެސް ބުންޏެވެ.

ދިރާގުން ބުނީ މިހާރު ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޯބައިލް ޕްލޭންތަކާއި ހޯމް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތައް ބަދަލު ކުރެވޭނެ ކަމަށެވެ. ކުރިން މި ބަދަލު ގެނެވޭނީ ހަމައެކަނި ދިރާގު މައިއެކައުންޓް ޕޯޓަލް މެދުވެރިކޮށެވެ.

ރެސިޑެންޝަލް ކަސްޓަމަރުންނަށް ފާއިތުވި 12 މަސް ދުވަހުގެ ބިލްގެ ފުރިހަމަ ތަފުސީލު މިހާރު ދިރާގު އެޕް މެދުވެރިކޮށް ބަލައިލެވޭނެއެވެ. ބިލްގެ މައުލޫމާތު ދިރާގު އެޕްއަށް ލޮގިންކޮށްލުމަށްފަހު "ވިއު ބިލްސް" ސެކްޝަނަށް ދިޔުމުން ހޯދޭނެއެވެ.

ދިރާގު ޕޯސްޓްޕެއިޑް 150 އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކޮށްފައިވާ ކަސްޓަމަރުންނަށް މިހާރު ރިކަރަންޓް އެޑް-އޮންތައް އެ އެޕްގައިވާ "އެޑް-އޮން ބެލެންސް" ބަޓަންއަށް ފިއްތާލައިގެން ކެންސަލް ކުރެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ގޫގުލް ޕްލޭ ސްޓޯރާއި އައިއޯއެސް އެޕް ސްޓޯރު މެދުވެރިކޮށް ކަސްޓަމަރުންނަށް ދިރާގު މޮބައިލް އެޕް އަޕްޑޭޓް ކުރެވޭނެއެވެ.