ބްރޫޝިއާ ޑޯޓުމަންޑަށް މި ސީޒަނަށް ގެންދިޔަ ފޯވަޑް ސެބެސްޓިއަން ހެލާ، ކެންސަރާ ކުރި ހަނގުރާމަ ކާމިޔާބުކޮށް، ދަނޑު މައްޗަށް ނުކުމެއްޖެއެވެ.

މިދިޔަ ސީޒަނުގައި ފޯމު ރަނގަޅުކޮށް ފެނުނު އުމުރުން 28 އަހަރުގެ ހެލާއަށް ކެންސަރު ޖެހިފައިވާ ކަމަށް އިއުލާން ކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. މި ސީޒަނަށް އަޔެކްސްއިން ޑޯޓުމަންޑަށް ބަދަލުވި ހެލާ، އެ ކްލަބަށް މެޗެއް ނުކުޅެނީސް ކެންސަރު ޖެހި ކުޅުމާ ދުރަށް ދާން ޖެހުނު އިރު، ކްލަބުން ބުނެފައި ވަނީ އޭނާގެ އޮށު ތެރޭގައި ޓިއުމަރެއް އުފެދިފައިވާ ކަމަށެވެ.

ހެލާއަށް ކެންސަރު ޖެހުމުގެ ސަބަބުން ސާޖަރީ ހަދައި، ކީމޯތެރަޕީގެ ފަރުވާ ހޯދާފައިވެއެވެ. ކީމޯތެރަޕީ ނިންމައި ކެންސަރުން ސަލާމަތްވެ ހެލާ ތަމްރީނުތަކަށް ނުކުތީ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއީ ސީޒަން ބްރޭކުގައި ޑޯޓުމަންޑުން މާބެލާގައި ކުރިއަށް ގެންދިޔަ ތަމްރީނު ކޭމްޕްގެ ތެރެއިންނެވެ.

އެ ތަމްރީނުތަކުގެ ތެރެއިން ޑޯޓުމަންޑުން އިއްޔެ ކުޅުނު އެކުވެރިކަމުގެ މެޗުގައި ފޯޗޫނާ ޑުއެސެލްފޯޑާ ދެކޮޅަށް މެޗެއް ކުޅެފައިވާ އިރު، އެ މެޗުގެ 73 ވަނަ މިނެޓުގައި ހެލާ ވަނީ ކުޅެން ނުކުމެފައެވެ، މެޗުން ޑޯޓުމަންޑް މޮޅުވީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ހެލާ ބުނީ ކެންސަރު ޖެހުނުއިރުން ފެށިގެންވެސް އުންމީދު ކުރަމުން ދިޔައީ ދަނޑު މައްޗަށް ނުކުމެވޭނެ ދުވަހަކަށް ކަމަށާއި ކޯޗިން ޓީމުން ހިތްހަމަ ޖެހޭނަމަ މިހާރު ހުރީ މެޗުތަކަށް ތައްޔާރަށް ކަމަށެވެ.

ޑޯޓުމަންޑުން މިމަހުގެ 22 ވަނަ ދުވަހުގައި ރަސްމީ މެޗަކަށް ދެން ނުކުންނާނީ އޯސްބާގާ ދެކޮޅަށެވެ. މިހާތަނަށް ސީޒަނުގެ ލީގުގައި ކުޅުނު 15 މެޗުން 25 ޕޮއިންޓާއެކު ޑޯޓުމަންޑު އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ. އެއީ އެއްވަނައިގައި އޮތް ބަޔާން މިއުނިކާ ނުވަ ޕޮއިންޓްގެ ފަރަގެއްގައެވެ.