މިދިޔަ އަހަރު ދައުލަތުގެ ރިޒާވް 827 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ބަޖެޓް ހުށަހަޅުވައިދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ މި އަހަރު ނިމޭއިރު ރަސްމީ ރިޒާވް ހުންނާނީ 638 މިލިއަން ޑޮލަރުގައި ކަމަށާއި 2023 ގައި އެ އަދަދު ހުންނާނީ 606 މިލިއަން ޑޮލަރުގައި ކަމަށެވެ.

އެމްއެމްއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރު ނިމޭއިރު ރިޒާވުގައި ހުންނާނެ ކަމަށް ލަފާކުރި އަދަދަށްވުރެ 189 މިލިއަން ޑޮލަރު ވަނީ ރިޒާވްގައި އިތުރުވެ، ރިޒާވުގެ ޖުމްލަ އަދަދު 827 މިލިއަން ޑޮލަރަށް އަރައިފައެވެ. އެ އަދަދަކީ ރިކޯޑު އަދަދެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ. ރިޒްވާ އެންމެ ބޮޑަށް އިތުރުވެފައިވަނީ މިދިޔަ އަހަރުގެ ފަހު ދެމަހުގައި ކަމަށް ތަފާސްހިސާބުން ދައްކައެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ދެ މަސް ތެރޭގައި ރިޒާވް ބޮޑަށް އިތުރުވީ ދައުލަތަށް ލިބުނު އާމްދަނީ އާއި ބޭރުގެ އެހީ އަދި ޓޫރިޒަމް ސެކްޓާއިން ދައުލަށް ލިބުނު ޓެކްސް އިތުރުވުމުންނެވެ. ހަމައެކަނި މިދިޔަ ޑިސެމްބަރު މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 134 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މިރާގެ ތަފާސްހިސާބުން ދައްކައެވެ.

މިދިޔަ އަހަރުގެ މާޗު މަހު ދައުލަތުގެ ރިޒާވް 865 މިލިއަން ޑޮލަށް އަރާފައިވާ ކަމަށް މިރާގެ ތަފާސްހިސާބުގައި ވަނީ ފާހަގަކޮށްފައެވެ.

ދެހާސް ވިހި ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ ރިޒާވުގައި ހުރީ 985 މިލިއަން ޑޮލަރެވެ. 2021 ވަނަ އަހަރު ރިޒާވުގައި ހުރީ 805 މިލިއަން ޑޮލަރެވެ.