ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ބޭންކުގެ މިހާރުގެ ސީއީއޯ ކާލް ސްޓުމްކަ ހަމަޖައްސައިފިއެވެ.
ކާލް ސްޓުމްކަ ބޭންކުގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 23 ގައެވެ.
ބީއެމްއެލުން މިއަދު ބުނީ ސަރުކާރުން މިއަދު ކާލް ބީއެމްއެލް ބޯޑަށް އައްޔަންކޮށްފައިވާ ކަމަށެވެ. އޭނާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރީ ބޭންކުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ އަށް ފަހު، މިއަދު އޮތް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައި ކަމަށް ބީއެމްއެލުން ބުންޏެވެ.
ކާލް ވަނީ މެދުއިރުމައްޗާއި އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސި ވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑު ލެވަލްގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވައިފައެވެ.
އަލް އަހްލީ ބޭންކް އޮފް ކުވައިތާ 2010 ވަނަ އަހަރު ގުޅިވަޑައިގެން އެ ބޭންކުގެ އިންޓަނޭޝަނަލް ބޭންކިންގެ ޖެނެރަލް މެނޭޖަރުގެ ގޮތުގައި ކާލް ވަނީ ފުޅާ ދާއިރާއެއްގައި ކޯޕަރޭޓް ޕޯޓްފޯލިއޯ ބަލަހައްޓަވައިފައެވެ. އެ މަގާމުގައި ހުންނެވުމަށްފަހު އެ ބޭންކުގެ ޔޫއޭއީގައި ހިންގަމުންދާ އޮޕަރޭޝަންސްގެ ސީއީއޯގެ މަގާމާ ހަވާލުވީ 2017 ވަނަ އަހަރެވެ.
އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ކާލް ހުންނެވީ ބަހްރެއިންގައި ހުންނަ ބޭންކް މަސްކަޓް އިންޓަނޭޝަނަލްގެ ރީޖަނަލް ކޯޕަރޭޓް ޑިރެކްޓަރުގެ މަގާމުގައެވެ. އެ މަގާމުގައި އޭނާ ވަނީ އެ ބޭންކުގެ ކޯޕަރޭޓް، ކޮމާޝަލް، އެސްއެމްއީ އަދި އިސްލާމިކް ބޭންކިން ހިދުމަތްތައް ބަލަހައްޓަވައިފައެވެ. އަދި ކާލް ވަނީ ބާކްލޭސް ބޭންކް މޮރިޝަސްގެ ރީޖަނަލް މެނޭޖިން ޑިރެކްޓަރު، އިންޑިއަން އޯޝެންސްގެ މަގާމުވެސް އަދާކުރައްވައިފައެވެ.
ކާލް ވަނީ ބާކްލޭސް ބޭންކް ޓެންޒޭނިއާގެ އެގްޒެކްޓިވް ޑިރެކްޓާޝިޕްގެ މަގާމުވެސް ފުރުއްވައިފައެވެ. އަދި އެކި އިދާރާތަކުގައި ނޮން އެގްޒެކްޓިވް ޑިރެކްޓާޝިޕްގެ މަގާމުތައް އަދާކުރައްވާފައިވެއެވެ. އޭގެ ތެރޭގައި މަނީ އޮން ޑިމާންޑް، ބާކްލޭސް ލީސިން އަދި ބާކްލޭސް ބޭންކް ސީޝެލްސް ހިމެނެއެވެ.
ކާލްއަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް ބޭންކާސްގެ (ސައުތު އެފްރިކާ) އެސޯސިއޭޓެކެވެ. އޭނާ ވަނީ ޔުނިވަސިޓީ އޮފް ސައުތު އެފްރިކާއިން އެކައުންޓިން ސައިންސްގެ ރޮނގުން ބެޗެލާސް ޑިގްރީ ހާސިލުކުރައްވައިފައެވެ. ފްރާންސް، ސްވިޒަލޭންޑް އަދި ސައުތު އެފްރިކާގައި އޭނާ ވަނީ އެގްޒެކްޓިވް ޕްރޮގުރާމުތައްވެސް ފުރިހަމަކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު